16 Jun 2020, 18:03
ލަންޑަން (ޖޫން 16): ދުނިޔޭގައި މިހާތަނަށް އާ ކޮރޯނާވައިރަހަށް ޕޮޒިޓިވްވި މީހުންގެ އަަދަދު އަށް މިލިއަނަށް އަރައިފި އެވެ.
އެމެރިކާގެ ޖޯންސް ހޮޕްކިންސް ޔުނިވާސިޓީގެ ކޮރޯނާވައިރަސް ޓްރެކާއިން ދައްކާ ގޮތުގައި މުޅި ދުނިޔެއިން މިހާތަނަށް 8,052,090 މީހަކު ވަނީ ވައިރަހަށް ޕޮޒިޓިވްވެފަ އެވެ. އޭގެ ތެރެއިން 3,889,788 މީހަކު ރަނގަޅުވެފައިވާ އިރު، ބަލީގައި 437,283 މީހަކު ވަނީ މަރުވެފަ އެވެ.
ދުނިޔެއިން ކޮރޯނާވައިރަސް އެންމެ ބޮޑަށް ފެތުރިފައިވާ ގައުމަކީ މިވަގުތު އެމެރިކާ އެވެ. އެގައުމުން ވައިރަހުގެ ދެ މިލިއަނަށް ވުރެ ގިނަ ކޭސް ފެނި، ބަލީގައި 116،127 މީހަކު ވަނީ މަރުވެފަ އެވެ.
އެމެރިކާއަށް ފަހު ދެން ވައިރަހަށް އެންމެ ގިނަ މީހުން ޕޮޒިޓިވްވެފައި ވަނީ ބްރެޒިލް އާއި ރަޝިއާގަ އެވެ. އެގޮތުން ބްރެޒިލްއިން ބަލި ޖެހިފައިވާ 888،000 މީހަކާއި ރަޝިއާއިން 544،000 މީހަކު ވަނީ ފެނިފަ އެވެ.
ދުނިޔޭގައި ކޮރޯނާވައިރަހަށް ޕޮޒިޓިވްވި މީހުންގެ އަދަދު އަށް މިލިއަނަށް އަރާފައި ވަނީ ބައެއް ގައުމުތަކުން ބަލި ފެތުރުން ހުއްޓުވުމަށް އަޅާފައިވާ ފިޔަވަޅުތައް ލުއި ކުރަމުންދާ ދަނޑިވަޅެއްގަ އެވެ. އޭގެ ތެރެއިން ބައެއް ގައުމުތަކުން ވަނީ ވައިރަހުގެ އާ ކޭސްތައް ފެނިފަ އެވެ.
އޭގެ ތެރޭގައި ޗައިނާގެ ބެއިޖިންއިން ފެނުނު ވައިރަހުގެ އާ ކްލަސްޓާއެއް ހިމެނެ އެވެ. އޭގެ ސަބަބުން ބެއިޖިންގެ 30 ވަރަކަށް ސަރަހައްދެއް ބަންދުކޮށް، ޓެސްޓު ކުރަމުންދާ އިރު، އެ ކްލަސްޓާއިން 106 މީހަކު ވަނީ ޕޮޒިޓިވްވެފަ އެވެ.
މީގެ އިތުރުން ކޮރޯނާވައިރަހަށް ޕޮޒިޓިވްވި އެންމެން ރަނގަޅުވުމުން މިދިޔަ ހަފްތާގައި ހުރިހާ ފިޔަވަޅުތައް އުވާލި ނިއު ޒީލެންޑުން ވަނީ އިއްޔެ ދެ މީހަކު ވައިރަހަށް ޕޮޒިޓިވްވެފަ އެވެ. އެ ދެ މީހުންނަކީ އިނގިރޭސިވިލާތުގައި ތިބެފައި އެގައުމަށް އަނބުރާ ދިޔަ ދެ މީހެކެވެ.
ނިއު ޒީލޭންޑުގެ ބޯޑަރުތައް އަދިވެސް ހުރީ އެގައުމުގެ ރައްޔިތުން ފިޔަވާ އެހެން މީހުންނަށް ބަންދުކޮށްފަ އެވެ.
އާ ކޮރޯނާވައިރަހަށް ފަރުވާއަކާއި ވެކްސިނެއް ހޯދުމުގެ މަސައްކަތް ދުނިޔޭގެ އެކި ގައުމުތަކުގައި ދަނީ ކުރަމުންނެވެ. ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާއިން ވަނީ 100އަށް ވުރެ ގިނަ ވެކްސިން މިހާރު ޓެސްޓު ކުރަމުންދާ އިރު، އޭގެ ތެރެއިން ކާމިޔާބު ވާނެ ކަމަށް އެންމެ ބޮޑަށް ބެލެވޭ އަށް ވެކްސިނެއްގެ މަސައްކަތް އަވަސް ކުރެވޭތޯ އެޖަމްއިއްޔާއިން ބަލަމުންދާ ކަމަށް ބުނެފަ އެވެ.