މުހިންމު ފަސް ބިލަކާ ގުޅިގެން، އަތޮޅުތެރޭގައި މަޝްވަރާ ބައްދަލުވުންތަކެއް ބާއްވަން މަސައްކަތްކުރައްވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަދައްކަވަމުން ނަޝީދު ވިދާޅުވީ، މިހާރު މަޖިލީހަށް ހުށަހަޅާފައިވާ ވަޒީފާގެ ގާނޫނަށް ގެންނަ އިސްލާހުގެ ބިލާއި، ދިވެހި ފުލުހުންގެ ހިދުމަތުގެ ބިލާއި، އިންތިގާލީ އިންސާފުގެ ބިލާއި، މަތީ ތައުލީމުގެ ބިލާއި ތައުލީމުގެ ބިލަކީ މުޅި ރާއްޖޭގެ ރައްޔިތުން ބައިވެރިކޮށްގެން، ފުޅާ ދާއިރާއެއްގައި މަޝްވަރާކުރަންޖެހޭ ބިލުތަކެއް ކަމަށެވެ.

ނަޝީދު ވިދާޅުވީ އެ ބިލުތަކުގެ މަޝްވަރާތައް ރައްޔިތުންގެ މަޖިލީހުގެ ބެލުމުގެ ދަށުން، ހުރިހާ އަތޮޅެއްގައި ވެސް ކުރިއަށް ގެންދަން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ. ނަޝީދު ވިދާޅުވީ އެކަމަށް މާބޮޑު ހަރަދެއް ނުހިނގާނެ ކަމަށެވެ.

މަތީ ތައުލީމުގެ ބިލާއި ތައުލީމުގެ ބިލު މިހާރު އޮތީ ކޮމިޓީ މަރުހަލާގައެވެ. އަދި އެ ދެ ބިލަށް އާންމުންގެ ހިޔާލު ހޯދަން މިހާރު ވަނީ ހުޅުވާލައިފައެވެ.

މިއަދު ނަޝީދު ވިދާޅުވީ ތައުލީމުގެ ދެ ބިލާއި ފުލުހުންގެ ހިދުމަތުުގެ ބިލަށް ދާއިރާތަކުގެ ކަމާބެހޭ މާހިރުންގެ މަޝްވަރާއާއި ލަފާ ވެސް ހޯދަން ޖެހޭ ކަމަށެވެ.

އެހެންކަމުން ކޮމިޓީ މަރުހަލާގައި ބިލު ދިރާސާކުރުމަށް ކުރާ މަސައްކަތް އިތުރަށް ފުޅާކުރުމަށް މަޖިލީހުގެ އިދާރާގައި މެމްބަރުންނަށް، ދާއިރާތަކުގެ މާހިރުން ތަގުރީރު ދެއްވާ ބައްދަލުވުންތަކެއް ބާއްވަންޖެހޭ ކަމަށް ވެސް ވިދާޅުވި އެވެ.

"ރާއްޖޭގެ ރައްޔިތުންނަށް ވެސް އެ ތަގުރީރުތައް ބެލޭނެ،" ނަޝީދު ވިދާޅުވި އެވެ.