ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީ ކުރިއަރުވައި ތަރައްގީ ކުރަން ބޭނުން ނަމަ ރާއްޖޭގެ އިގްތިސާދަށް ގެއްލުންވާ ފަދަ ކަންތައްތައް ނުކުރުމަށް ރާއްޖޭގެ މަޝްހޫރު ވިޔަފާރިވެރިޔާ، އަދި މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ ]މަޓީ[ގެ ވައިސް ޗެއާމަން ޗަމްޕާ ހުސައިން އަފީފު ގޮވާލައްވައިފި އެވެ.

ކުއްލި ގޮތަކަށް ރިސޯޓްޓަކުގެ ސުޕާތައް ބަންދު ކުރުމަށް ސަރުކާރުން އެންގި އެންގުމަށް އިޝާރާތް ކުރައްވައި ދި ޓީވީ އަށް ރޭ ދެއްވި އިންޓަވިއުއެއްގައި އަފީފު ވިދާޅުވީ ރާއްޖޭގައި އިންވެސްޓް ކުރާ ފަރާތްތަކުގެ އިތުބާރު ގެއްލޭ ގޮތަށް ސަރުކާރުން ކަންކަން ކުރާ ނަމަ އެއީ ވަރަށް ދެރަކަމެއް ކަމަށާއި އެ އޭގެ ސަބަބުން ހުރިހާ ގެއްލުމެއް ވެސް ލިބޭނީ ދިވެހި ރައްޔިތުންނަށް ކަމަށެވެ.

"އިންވެސްޓާ ކޮންފިޑެންސް ]އިތުބާރު[ ގެއްލި ރާއްޖޭގެ އިކޮނަމީ އަށް ގެއްލުންވާ ކަންކަންވާ ކަމަށްވާ ނަމަ އެއީ ވަރަށް ދެރަކަމެއް،" އަފީފު ވިދާޅުވި އެވެ. "ޓޫރިޒަމް ދާއިރާގައި މަސައްކަތް ކުރާ 20000 މީހުން، އެ މީހުންގެ ޑިޕެންޑެންޑުން ]އެ މީހުން ބަލަހައްޓާ މީހުން[ ވެސް އުޅޭނެ، އެހެން ވީމާ އިކޮނަމީ އަށް ގެއްލުންވާ ކަމެއްވާ ނަމަ އެއީ ވަރަށް ދެރަކަމެއް،"

އަފީފު ވިދާޅުވީ ހުރިހާ ސިޔާސީ ޕާޓީތަކާއި ސަރުކާރާ ދެ ވަނަ ވިސްނުމަކަށް ގޮސް "ރައްޔިތުންނާއި އިކޮނަމީއާ ދޭތެރޭ ތަންކޮޅެން ބޮޑަށް ވިސްނަން" ޖެހޭ ކަމަށެވެ.

އޭނާ ވިދާޅުވީ ރިސޯޓްތަކުގެ ސުޕާތައް ބަންދުކޮށްފައި އޮތްއޮތުމަށް ހައްލު ނުހޯދިއްޖެ ނަމަ ރާއްޖޭގެ ޓޫރިޒަމަށް އެކަމުގެ ނޭދެވޭ އަސަރު ކުރާނެ ކަމަށާއި ކުރިން ޓޫރިޒަމް ހިންގި ގޮތަށް މިހާރު ޓޫރިޒަމް ނުހިންގޭނެ ކަމަށެވެ. އަދި ވިދާޅުވީ ވާދަވެރި މާރުކޭޓްތަކާ ފައިހަމަވާ ގޮތަށް ރާއްޖޭގެ ޓޫރިޒަމް ވެސް ބައްޓަން ކުރަން ޖެހޭނެ ކަމަށެވެ.

ރިސޯޓްތަކުގައި ހިންގާ ހުރިހާ ސުޕާތަކެއް ބަންދުކުރުމަށް ސަރުކާރުން އެންގުމުން، މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ ]މަޓީ[ އިން ހިތާމަކޮށް ބަޔާނެއް ވެސް ނެރަފަ އެވެ.

އެ ބަޔާނެއްގައި ބުނެފައި ވަނީ ސަރުކާރުގެ އެ ނިންމުމުގެ ސަބަބުން ރާއްޖެ އަށް ވާނެ މާލީ ގެއްލުންތަކުގެ އިތުރަށް "ބޮޑު އަގު ދީގެން ޗުއްޓީ ހޭދަކުރަން ]ރާއްޖެ[ އަންނަ ފަތުރުވެރިންނަށް ވެސް އަސަރު ފޯރާނެ" ކަމަށެވެ.

މަޓީ އިން ހާއްސަކޮށް ސަރުކާރަށް އިލްތިމާސްކޮށްފައި ވަނީ ސިޔާސީ މައިދާނުގައި ހިނގާ ދެބަސްވުންތަކަށް ވުރެ، ބޮޑަށް ގައުމުގެ އިގްތިސާދަށް އަހައްމިއްޔަތުކަންދީގެން "އެފަދަ ދެބަސްވުންތަކުގައި އިގްތިސާދުގެ މައި ސިނާއަތްތައް ނުހިމެނުމަށް" އެދޭ ކަމަށެވެ.

ޓޫރިޒަމް މިނިސްޓްރީ އިން ބުރާސްފަތި ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ހުރިހާ ރިޒޯޓްތަކާއި ހޮޓާތަކުގައި ހިންގާ ސުޕާތައް ވަގުތުން ބަންދު ކުރުމަށް އަންގާ ކަމަށެވެ.

އެ އެންގުމުގައި ބުނެފައި ވަނީ ރާއްޖޭގައި ހިންގާ މަސާޖްކުރާ ތަންތަނުގައި ހަށިވިއްކާ ކަމަށް ތުހުމަތުކޮށް، ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު އަޑު އުފުލުމާ ގުޅިގެން ރާއްޖޭގައި ހިންގާ ހުރިހާ މަސާޖްކުރާ ތަންތަނެއް ބަންދުކުރުމަށް ސަރުކާރުން ނިންމީ ކަމަށެވެ.