16 Jun 2020, 15:07
ފުލުހުންގެ ފޮރެންސިކް ސާވިސަސް ޑައިރެކްޓްރޭޓް ދަރަޖައަށް ބަދަލުކޮށް، ފެމިލީ އެންޑް ޗައިލް ޕްރޮޓެކްޝަން ވިންގުގެ ނަމުގައި ބަހާއެއް އުފައްދައި، ފުލުހުންގެ މުއައްސަސާގެ އިދާރީ ހިންގުމުގެ އޮނިގަނޑަށް ބަދަލުތަކެއް ގެނެސްފިއެވެ.
ފުލުހުން މިއަދު ބުނީ، ފުލުހުންގެ މުއައްސަސާގެ އިދާރާ ހިންގުމުގެ އޮނިގަނޑަށް ބަދަލުތަކެއް ގެނެސްފައި ވަނީ މޯލްޑިވްސް ޕޮލިސް ސާވިސްގެ އިދާރީ ހިންގުމުގެ އޮނިގަނޑު ކަނޑައެޅުމުގެ އޯޑަރަށް ތިން ވަނަ އިސްލާހު ގެނެސް އެބަދަލުތައް ފާސްކުރުމާއި ގުޅިގެން ކަމަށެވެ.
އެގޮތުން ގެނައި އެންމެ ބޮޑު ބަދަލަކީ ކުރިން ސްޕެޝަލިސްޓް ސަޕޯޓް ޑައިރެކްޓްރޭޓްގެ ދަށުން އޮތް ފޮރެންސިކް ސާވިސަސް އެ ޑައިރެކްޓްރޭޓް ދަށުން އުނިކޮށް، ފޮރެންސިކް ސާވިސަސް ޑައިރެކްޓްރޭޓްގެ ދަރަޖައިގައި އުފައްދައި، ފޮރެންސިކް ސާވިސަސްގެ މަސައްކަތްތައް ތަރުތީބުކޮށް، ޑިޕާޓްމަންޓްތަކާއި ޔުނިޓްތައް ތަރުތީބުކުރުން ކަމަށް ފުލުހުން ބުންޏެވެ.
އަދި ފެމިލީ އެންޑް ޗައިލް ޕްރޮޓެކްޝަން ނަމުގައި ވިންގުގެ ދަރަޖައިގައި ބަހާއެއް އުފައްދައި، ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމަންޓްގެ ނަމުގައި ކުރަމުން އައި މަސައްކަތްތައް ފެމިލީ އެންޑް ޗައިލް ޕްރޮޓެކްޝަން ވިންގުގެ ދަށަށް ބަދަލުކޮށް، މަސައްކަތްތައް ތަރުތީބުކޮށް، އިތުރު ޑިޕާޓްމަންޓްތަކާއި ޔުނިޓްތައް ވަނީ އުފައްދާފައެވެ.
އެގޮތުން އުފައްދާފައިވާ ޑިޕާޓްމަންޓްތަކަކީ ފެމިލީ އެންޑް ޗައިލްޑް ޕްްރޮޓެކްޝަން، ކްރައިމްސް އެގެއިންސްޓް ޗިލްޑްރަންސް، ޑިޕާޓްމަންޓް ޖުވެނައިލް އޮފެންސަސް ޑިޕާޓްމަންޓްގެ އިތުރުން ފެމިލީ އެންޑް ޖެންޑާ އެފެއާޒް ޑިޕާޓްމަންޓެވެ.
ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ވިންގަކީ ކުޑަކުދިންނާމެދު ބޮޑެތި މީހުން ހިންގާ ކުށުގެ މައްސަލަތައް ބަލައި ތަހުގީގުކުރުމާއި ކުޑަކުދިންކުރާ ކުށުގެ މައްސަލަތައް ތަހުގީގު ކުރުމާއި ގެވެށި އަނިޔާގެ މައްސަލަތަކާއި ޖެންޑާ ބޭސްޑް ވަޔަލެންސްގެ މައްސަލަތައް ބަލައި ތަހުގީގު ކުރުމާއި އުމުރުން ދުވަސްވީ މީހުން ބެލެހެއްޓުމުގައި ޒިންމާ އޮތް ފަރާތްތަކުން އެމީހުންނާމެދު ކުރެވޭ އަނިޔާ އާއި އިހުމާލުގެ މައްސަލަތައް ބަލައި ތަހުގީގު ކުރުމެވެ.
އަދި ޝަރީއަތަށް ހުށަހަޅަންޖެހޭ މައްސަލަތައް ޕީޖީ އޮފީހަށް ފޮނުވުމާއި މިފަދަ މައްސަލަތައް ބަލައި ތަހުގީގުކުރާ ޑިޕާޓްމަންޓްތައް ވިލަރެސްކުރުމާއި އެ ޑިޕާޓްމަންޓްތަކުގެ މަސައްކަތްތަކާ ގުޅުންހުރި އިދާރާތަކާއި ރާއްޖެއާއި ރާއްޖެއިން ބޭރުގެ ޖަމިއްޔާ ޖަމާއަތްތަކާއެކު ޕްރޮޖެކްޓާއި ޕްރޮގްރާމްތައް ހިންގުމާއި މޮނިޓަކުރުމުގެ މަސައްކަތްތައް ވިލަރެސްކޮށް ބެލެހެއްޓުމުގެ ޒިންމާވެސް ހަވާލުކޮށްފައިވެއެވެ.
އެ ވިންގުގެ ދަށުން އުފައްދާފައވާ ޑިޕާޓްމަންޓްތަކުގެ ތެރެއިން ކްރައިމް އަގެއިންސްޓް ޗިލްޑްރަން ޑިޕާޓްމަންޓަކީ ކުޑަކުދިންނާމެދު ހިންގާ ޖިސްމާނީ، ނަފްސާނީ އަދި ޖިންސީ އަނިޔާގެ މައްސަލަތަކާއި، ގެއްލިގެން ހުށަހެޅޭ ކުޑަކުދިިންގެ މައްސަލަތަކާއި ޗައިލްޑް އެކްސްޕޮލައިޓޭޝަނާއި ކުޑަކުދިންނަށް ބިރުދެއްކުމުގެ މައްސަލަތައް ބަލައި ތަހުގީގު ކުރުމުގެ އިތުރުން ކުޑަކުދިިންގެ ހައްގުތަކުގައި މަސައްކަތްކުރާ ކަމާބެހޭ ފަރާތްތަކާއި ޖަމިއްޔާ ޖަމާއަތްތަކާ ގުޅިގެން މަސައްކަތްކޮށް، އަތޮޅުތަކުން ހުށަހެޅޭ އެ ޑިޕާޓްމަންޓާ ގުޅުންހުރި މައްސަލަތަކަށް އިރުޝާދު ދިނުމެވެ.
ޖުވެނައިލް އޮފެންސަސް ޑިޕާޓްމަންޓަކީ ކުޑަކުދިން ކުރާ ކުށުގެ މައްސަލަތައް ތަހުގީގު ކުރުމާއި ކަމާބެހޭ ފަރާތްތަކާއި ގުޅިގެން އެކުދިންނަށް ކައުންސިލިން ހޯދައިދިނުމާއި ކަރެކްޝަނަލް ޓްރެއިނިން ސެންޓާ ފޯ ޗިލްޑްރަންއަށް ކުދިން ފޮނުވުމަށްޓަކައި ޖުވެނައިލް ޖަސްޓިސް ޔުނިޓާ ގުޅިގެން މަސައްކަތްކުރުމާއި އެފަދަ ކުދިންގެ ހާލަތު އެމުއައްސަސާތަކާ ގުޅިގެން ބަލައި މޮނީޓާ ކުރުމާއި އަތޮޅުތަކުން ހުށަހެޅޭ އެޑިޕާޓްމަންޓާ ގުޅުންހުރި މައްސަލަތަކުގައި އިރުޝާދު ދިނުމަށް އުފައްދާފައިވާ ޑިޕާޓްމަންޓެކެވެ.
ފެމިލީ އެންޑް ޖެންޑާ އެފެއާޒް ޑިޕާޓްމަންޓަކީ ގެވެށި އަނިޔާގެ މައްސަލަތަކާއި އުމުރުން ދުވަސްވީ މީހުން ބެލެހެއްޓުމުގައި ޒިންމާ އޮތް ފަރާތްތަކުން އެމީހުންނާމެދު ކުރެވޭ އަނިޔާ އަދި އިހުމާލުގެ މައްސަލަތައް ބަލައި ތަހުގީގުކުރުމާއި މިކަމާ ގުޅޭ ގޮތުން ކަމާބެހޭ ފަރާތްތަކާއި ޖަމިއްޔާ ޖަމާއަތްތަކާ ގުޅިގެން މަސައްކަތްކޮށް، އަތޮޅުތަކުން ހުށަހެޅޭ އެޑިޕާޓްމަންޓާއި ގުޅުންހުރި މައްސަލަތަކަށް އިރުޝާދު ދިނުމުގެ ގޮތުން އުފައްދާފައިވާ ޑިޕާޓްމަންޓެކެވެ.
އިދާރީ ހިންގުމުގެ އޮނިގަނޑަށް ގެނެސްފައިވާ އެހެން ބަދަލުތަކަށް ބަލާއިރު، ކްރައިމް އިންވެސްޓިގޭޝަން ކޮމާންޑްގެ ދަށަށް އިންވެސްޓިގޭޝަން ޑެވެލޮޕްމަންޓް ޔުނިޓެއް އުފެއްދުމާއި ވިކްޓިމް ސަޕޯޓްގެ ނަމުގައި އޮތް ބަހާ "ވިކްޓިމް ސަޕޯޓް ޑިޕާޓްމަންޓް"ގެ ނަމުގައި ކްރައިމް އިންވެސްޓިގޭޝަން ކޮމާންޑްގެ ދަށަށް ވަނީ ބަދަލުކޮށްފައެވެ.
ވިކްޓިިމް ސަޕޯޓް ޑިޕާޓްމަންޓަކީ ކުށުގެ ޝިކާރައަކަށް ވެފައިވާ ނުވަތަ ކުށުގެ ސަބަބުން އަނިޔާއެއް ނުވަތަ ނުތަނަވަސްކަމެއް ލިބިފައިވާ ފަރާތްތަކަށް އެހީތެރިވުމާއި އެފަދަ ފަރާތްތަކަށް ލިބިދޭންޖެހޭ ހިދުމަތްތައް ސިއްރު ހިފެހެއްޓުމާއެކު އެންމެ ފުރިހަމަ ގޮތުގައި ފޯރުކޮށްދިނުމަށް މަސައްކަތްކުރާ ޑިޕާޓްމަންޓެކެވެ.
އަދި ކުށެއްގެ ޝިކާރައަކަށް ނުވިނަމަވެސް އެއްވެސް މައްސަލައަކާ ގުޅިގެން އެމައްސަލައެއްގައި ހިމެނޭ އެއްވެސް ފަރާތަކަށް ނަފްސާނީ އެހީތެރިކަން ބޭނުންވާ ހާލަތެއްގައި ނަފްސާނީ އެހީތެރިކަން ފޯރުކޮށްދިނުމެވެ.
މި ބަދަލުގެ އިތުރުން ދެން ހިމެނެނީ ހިއުމަން ޓްރެފިކިންގ ނަމުގައި އޮތް ބަހާ އެންޓި ހިއުމަން ޓްރެފިކިންގ ޑިޕާޓްމަންޓްގެ ނަމުގައި ސީރިއަސް އޯގަނައިޒްޑް ކްރައިމްސް ވިންގުގެ ދަށަށް ބަދަލުކުރުމެވެ.
މީގެއިތުރުން ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓް، ސީރިއަސް އޯގަނައިޒްޑް ކްރައިމްވެސް ވިންގުގެ ދަށަށް ބަދަލުކޮށް، ވިކްޓިމް ސެންޓަޑް އެންޑް ވޮލިއުމް ކްރައިމްސް ވިންގު ވަނީ އުވާލާފައެވެ.
އެ އޯޑަރަށް ގެނައި އިސްލާހާއެކު އިނދާރީ އޮނިގަނޑަށް އައި ބަދަލުތަކަށް މި މަހުގެ 14 ވަނަ ދުވަހުން ފެށިގެން އަންނަނީ އަމަލުކުރަމުންނެވެ.