ސްކޫލުތަކުގެ ބެޖު މާސްކުގައި ޖަހައިގެން ނުވިއްކުމަށް އެޑިއުކޭޝަން މިނިސްޓްރީ އިން އިލްތިމާސް ކޮށްފި އެވެ.

ކޮވިޑް19 އާއި ގުޅިގެން މާޗު މަހުން ފެށިގެން ސްކޫލުތަކުގެ ކިޔެވުން މެދުކަނޑާލާފައި އޮތްނަމަވެސް އަންނަ މަހުގެ އެކަކުން ފެށިގެން ސްކޫލުތައް ހުޅުވާލަން އެޑިއުކޭޝަނުން ވަނީ ނިންމައިފަ އެވެ.

އެޑިއުކޭޝަނުން ބުނެފައި ވަނީ ސްކޫލުތައް ހުޅުވާލައި ކުދިން ސްކޫލަށް ދާއިރު މާސްކު ބޭނުން ކުރަން ޖެހޭނެ ކަމަށެވެ.

މިއާއެކު ސްކޫލުތަކުގެ ކުލަ އާއި ބެޖު ބޭނުންކޮށްގެން މާސްކު ފަަހައި، އެ ވިއްކުމަށް އިޝްތިހާރުތައް ކުރަމުން ދާކަން ފާހަގަ ކުރެވެއެވެ.

މިކަމާ ގުޅިގެން އެޑިއުކޭޝަން މިިނިސްޓްރީ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ރާއްޖޭގެ ސްކޫލުތަކުގައި ބޭނުންކުރާ ބެޖުތަކަކީ މިނިސްޓްރީގެ ފިކުރީ މުދާ ކަމަށާއި ސްކޫލު ޔުނިފޯމުތަކުގައި ބޭނުން ކުރާ ބެޖު ބޭނުންކުރަން ވާނީ މިނިސްޓްރީގެ ހުއްދަ ލިބިގެން ކަމަށެވެ.

ނަމަވެސް މިހާރަކަށް އައިސް މިނިސްޓްރީގެ ހުއްދަ ހޯދުމެއް ނެތި ބައެއް ފަރާތްތަކުން ސްކޫލުތަކުގެ ބެޖު ވިޔަފާރި ބޭނުމަށާއި އެނޫން ކަންކަމުގައި ބޭނުން ކުރަމުންދާކަން ފަހަގަ ކުރެވިފައިވާ ކަމަށް އެ ބަޔާނުގައި ބުންޏެވެ.

"ވަކިން ހާއްސަކޮށް ކޮވިޑް19ގެ ހާލަތުގައި ސްކޫލުތައް އަލުން ހުޅުވައިލުމުން ދަރިވަރުން ސްކޫލަށް ހާޒިރުވާއިރު ބޭނުން ކުރުމަށް ބައެއް ފަރަތްތަކުން ތައްޔާރުކޮށް ވިއްކަމުން އަންނަ ފޭސް މާސްކުތަކުގައި ބައެއް ސްކޫލުތަކުގެ ބެޖު ޖަހައިގެން ވިއްކަމުން އަންނަކަންވެސް ވަނީ ފާހަގަ ކުރެވިފައެވެ،" އެ ބަޔާނުގައި ބުންޏެވެ.

މިނިސްޓްރީ އިން ވަނީ މިނިސްޓްރީގެ ހުއްދަ ލިބިގެން ނޫނީ ސްކޫލުތަކުގެ ބެޖު ވިޔަފާރި ބޭނުމަށް ވެސް އަދި އެހެން ކަންކަމުގައި ވެސް އަމިއްލަ ފަރަތްތަކުން ބޭނުން ނުކުރުމަށް އިލްތިމާސްކޮށްފަ އެވެ.

ސްކޫލުތަކުގެ ބެޖު ބޭނުންކޮށްގެން މާސްކު އިޝްތިހާރު ކުރަން ފަށާފައިވާއިރު ސްކޫލަށް ކުދިން ފޮނުވާއިރު ވަކި ކުލައެއްގެ ނުވަތަ ސްކޫލުގެ ލޯގޯ، ބެޖު ޖެހި މާސްކު ބޭނުން ނުކުރުމަށް ސްކޫލުތަކުން ދަނީ ބެލެނިވެރިންނަށް އިލްތިމާސް ކުރަމުންނެވެ.