ބެއިޖިން (ޖޫން 16): ޗައިނާގެ ބިލިއަނަރު ހީ ޝަންގްޖިއަން އާއި އޭނާގެ އާއިލާ ދިރިއުޅޭ ގެޔަށް މިދިޔަ އާދިއްތަ ދުވަހު ބަޔަކު ވަދެ، އެމީހުން ރަހީނުކޮށްފައި ވަނިކޮށް އިއްޔެ ފުލުހުން ވަދެ އެ އާއިލާ ސަލާމަތްކޮށްފި ކަމަށް އެގައުމުގެ މީޑިއާތަކުން ރިޕޯޓުކޮށްފި އެވެ.

ޗަައިނާގެ މީޑިއާތަކުގައިވާ ގޮތުން ހޯމް އެޕްލަޔަންސް އުފައްދާ ދުނިޔޭގެ އެންމެ ބޮޑު ކުންފުނި ކަމަށްވާ މައިޑިއާގެ ބާނީ، ހީ ޝަންގްޖިއަން އާއި އޭނާގެ އާއިލާ އެމީހުން ދިރިއުޅޭ ގޭގައި ރަހީނުކޮށްފައިވާ ކަމަށް ބުނެ ފުލުހުންނަށް މީހަކު ގުޅީ އާދިއްތަ ދުވަހުގެ ރޭގަ އެވެ.

އެ ފޯނު ކޯލު ކުރި ކަމަށް ބެލެވެނީ ހީގެ 55 އަހަރުގެ ފިރިހެން ދަރިފުޅު، ހީ ޖިއަންފެންގް އެވެ. ޗައިނާގެ ނޫހެއްގައިވާ ގޮތުން އޭނާ ފުލުހުންނަށް ގުޅީ އެމީހުން ދިރިއުޅޭ ގެޔަށް ވަތް މީހުންނަށް ފިލައިގެން ގޮސް، އެ ގެ ކައިރީ އޮންނަ ކޯރެއް ފަތާފައި ހުރަސް ކުރުމަށް ފަހުގަ އެވެ. އަދި އެގެއަށް ވަތް މީހުން ތިބީ ގޮވާ ތަކެތި ހިފައިގެން ކަމަށްވެސް މީޑިއާތަކުން ރިޕޯޓު ކުރި އެވެ.

ޗައިނާގެ ފުލުހުން އިއްޔެ ވަނީ ބަޔަކު ކިޑްނެޕް ކުރަން އުޅުނު މައްސަލައެއްގައި ފަސް މީހަކު ހައްޔަރު ކޮށްފައިވާ ކަމަށް ބުނެފަ އެވެ. އަދި އެ ހާދިސާ ތަހުގީގު ކުރަމުންދާ ކަމަށް ބުނެފަ އެވެ.

މައިޑިއާ ކުންފުނީގެ ސޯޝަލް މީޑިއާ ޕޭޖުން ވަނީ "ފުލުހުންނާއި މީޑިއާތަކާއި ކަންބޮޑުވުން ފާޅު ކުރި އެންމެންނަށް" ޝުކުރު އަދާ ކުރާ ކަމަށް ބުނެ މެސެޖެއް ހިއްސާ ކޮށްފަ އެވެ. އަދި ގްލޯބަލް ޓައިމްސް ނޫހުން ވަނީ ހީ ރަހީނު ކުރިކަން އެ މެސެޖުން ކަށަވަރުވާ ކަމަށް ބުނެފަ އެވެ.

ޗައިނާގެ ސޯޝަލް މީޑިއާގައި ބައެއް މީހުން ވަނީ އެ ހާދިސާއާ 'އެކްޝަން ފިލްމަކާ" އެއްގޮތް ކަމަށް ބުނެފަ އެވެ. އަދި ބައެއް މީހުން ވަނީ ހީ އާއި އޭނާގެ އާއިލާ ދިރިއުޅޭ ގޭގެ ވަށައިގެން ފުލުހުން ތިބި މަންޒަރު ފެންނަ ވީޑީއޯތަކެއް ހިއްސާކޮށްފަ އެވެ.

ސައުތު ޗައިނާ މޯނިން ޕޯސްޓުން ބުނި ގޮތުގައި ހީގެ ގޭގައި 24 ގަޑި އިރު ސެކިއުރިޓީ ގާޑުން ތިބެ އެވެ. އަދި އެ ގެ ކުރިމަތީގައި އަބަދުވެސް ދެ ގާޑުން ތިބެ އެވެ.

ހީ ޝަންގްޖިއަން އަކީ ޗައިނާގެ ހަ ވަނައަށް އެންމެ މުއްސަނދި މީހާ އެވެ. އަދި އޭނާއަކީ ދުނިޔޭގެ 36 ވަނައަށް އެންމެ މުއްސަނދި މީހާ ކަމަށާއި އޭނާގެ މިލްކިއްޔާތު 24.8 ބިލިއަނަށް އަރާނެ ކަމަށް ފޯބްސް އިން ވަނީ ރިޕޯޓުކޮށްފަ އެވެ.

މައިޑިއާ އަކީ 1968ގައި، ހީގެ އުމުރުން 26 އަހަރުގައި އޭނާ އުފެއްދި ކުންފުންޏެވެ. އަދި އޭރު އެ ކުންފުނިން އުފައްދަން ފެށީ ޕްލާސްޓިކް ފުޅީގެ މައްޗާއި ކާރުގެ ބައިތަކެވެ. އޭގެ ފަހުން އެ ކުންފުނި ވަނީ ގޭގައި ބޭނުން ކުރާ ތަކެތި އުފައްދާ އެންމެ ބޮޑު ކުންފުންޏަށްވެފަ އެވެ.