ފުރަބަންދަށް ދީފައިވާ ލުޔާއެކު، ރޭގަނޑު 10ގެ ފަހުން މަގުބޫލު އުޒުރެއްނެތި ބޭރުގައި އުޅޭނަމަ ފިޔަވަޅު އަޅާނެ ކަމަށް ފުލުހުން ބުނެފި އެވެ.

ކޮވިޑް19 އާއި ގުޅިގެން އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ލުޔެއްދީ، އިއްޔެ ފަތިހުން ފެށިގެން ހުއްދަ ނެތި ވަކި ވަގުތުތަކެއްގައި ބޭރުގައި އުޅެވޭނެ ކަމަށް ވަނީ އިއުލާނުކޮށްފަ އެވެ.

އެގޮތުން މީގެ ކުރިން ބޭރަށް ނިކުތުމަށް ފުލުހުން މެދުވެރިކޮށް ހޯދަންޖެހޭ ހުއްދަ އާއި ނުލާ ކޮންމެ ދުވަހެއްގެ ފަތިހު ފަހަކުން ރޭގަނޑު 10 އަށް ބޭރުގައި އުޅެވޭނެ އެވެ.

ފުލުހުން ބުނީ ލޮކްޑައުން އަށް ލުއި ދިނުމުގެެ ދެވަނަ މަރުހަލާގައި، ރޭގަނޑު 10 އިން ފަތިހު ފަހަކަށް މަގުބޫލު ސަބަބެއް ނެތި ބޭރުގައި އުޅޭ މީހުންނާމެދު ފިޔަވަޅު އަޅަމުންދާނެ ކަމަށެވެ.

ހުއްދަ އާއި ނުލައި ބޭރުގައި އުޅޭނަމަ ނަސޭހަތް ދިނުމާއި ޖޫރިމަނާކުރުން ނުވަތަ ހައްޔަރު ކުރުން ފަދަ ފިޔަވަޅުތައް އަޅަ އެވެ.