ދެހާސް ސާދަވަނަ އަހަރު މާލެ ވޯޓާ އެންޑް ސުވަރޭޖް ކޮމްޕެނީގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ލިބުނު ގެއްލުންތައް ފޫބެއްދުމަށްޓަކައި އުފެއްދި މާލޭ ވޯޓާ ކްރައިސިސް މެނޭޖްމަންޓު ފަންޑުން އެމްޑަބްލިއުއެސްސީން ކުރި ހަރަދަށްވުރެ 12.7 މިލިއަން ރުފިޔާ އިތުރަށް ދޫކޮށްފައިވާ ކަމަށް އޮޑިޓަރ ޖެނެރަލްގެ އޮފީހުން ނެރުނު އެ ފަންޑުގެ ހާއްސަ އޮޑިޓުގައި ބުނެފިއެވެ.

މީގެ ހަ އަހަރު ކުރިން އެމްޑަބްލިއުއެސްސީގައި ހިނގި ހާދިސާއާ ގުޅިގެން އެކުލަވާލި ފަންޑާ ބެހޭގޮތުން ނެރުނު އޮޑިޓް ރިޕޯޓުގައި ބުނެފައިވާ ގޮތުގައި، މި ފަންޑު އުފައްދާފައިވަނީ މެންޑޭޓެއް އެކުލަވާނުލައެވެ. ނުވަތަ އޭގައިވާ ފައިސާއިން ޚަރަދުކުރާނެ ކަންތައްތައް ރަސްމީކޮށް ކަނޑަނާޅައެވެ.

އޮޑިޓުގައި ބުނެފައިވާ ގޮތުގައި ފަންޑުގެ ގޮތުގައި ބޭންކް އޮފް މޯލްޑިވްސްގައި ހުޅުވާފައިވާ ދިވެހި ރުފިޔާ އަދި ޑޮލަރު އެކައުންޓަށާއި އެމްއެމްއޭގައި ހުޅުވުނު ޑޮލަރު އެކައުންޓަށް އެހީގެ ގޮތުގައި ޖުލްމަ 127.52 މިލިއަން ރުފިޔާ ލިބުނެވެ. އެއީ އެހީގެ ގޮތުގައި 52.52 މިލިއަން ރުފިޔާ، އަދި އެއް އަހަރު ދުވަހުގެ މުއްދަތަކަށް އިންޓްރެސްޓް ފްރީ ލޯނެއްގެ ގޮތުގައި އަމިއްލަ ފަރާތަކުން ދިން 75 މިލިއަން ރުފިޔާއެވެ. މި ލޯނު ވަނީ އެއް އަހަރު ދުވަސް ތެރޭ އެ ފަރާތަށް އަނބުރާ ދީފައެވެ.

ފަންޑުގައި ހުރި ފައިސާގެ ތެރެއިން 85.82 މިލިއަން ރުފިޔާ ހަރަދުކުރި ކަމަށް އޮޑިޓުގައި ބުނެފައިވެއެވެ.

2015 އޭޕްރީލް 26 ގައި އެމްޑަބްލިއުއެސްސީއިން ޑިޒާސްޓާ މެނޭޖުމެންޓަށް ހުށަހެޅި ބިލުތަކުގައި، ވޯޓާ ކްރައިސިސްއާއި ގުޅިގެން އެ ކުންފުނިން 14.5 މިލިއަން ރުފިޔާ ހަރަދުކުރަން ޖެހުނު ކަމަށް ބުނެފައިވެއެވެ. އަދި ބިލުތަކުގެ ތެރެއިން ހާދިސާއާ ގުޅުންހުރި ހަރަދުތައް ކަމަށް ބަލައި ފިނޭންސް މިނިސްޓްރީން އެމްޑަބްލިއުއެސްއެސީއަށް 10.65 މިލިއަން ރުފިޔާ ދީފައިވާ ކަމަށާއި ނަމަވެސް ފެން ފަންޑުގެ މެންޑޭޓެއް ނެތުމުގެ ސަބަބުން މިއީ އެކުންފުންޏަށް ދޭންޖެހޭ ފައިސާކަން އޮޑިޓަރުންނަށް ޔަގީން ނުކުރެވޭ ކަމަށް އޮޑިޓް ރިޕޯޓުގައި ވެއެވެ.

އަދި އެމްޑަބްލިއުއެސްސީ އިން ހުށަހެޅި ބިލުތަކުގެ ތެރެއިން 3.84 މިލިއަން ރުފިޔާއަކީ ހާދިސާއާ ގުޅުން ނެތް އަދަދުތަކެއް ކަމަށް ކަނޑައަޅާފައިވަނީ ކިހިނެއްކަންވެސް ނޭނގޭ ކަމަށާއި އެކަމާ ގުޅޭ އެއްވެސް ލިޔެކިޔުމެއްވެސް ނުލިބޭ ކަމަށް ބުނެފައިވެއެވެ.

އޮޑިޓުގައި ފާހަގަ ކޮށްފައިވާ ގޮތުގައި، ލިބުނު ގެއްލުންތައް ފޫބެއްދުމަށްޓަކައި އެމްޑަބްލިއުއެސްސީއަށް 41.17 މިލިއަން ރުފިޔާ ދޫކުރި އިރު އޭގެ ތެރެއިން އެ ކުންފުނިން ހަރަދުކޮށްފައިވަނީ 28.42 މިލިއަން ރުފިޔާއެވެ. އެ ފައިސާ ހަރަދުކުރީ ޕެނަލް ބޯޑު ގަތުމަށާއި، އެމަޖެންސީ ޕަވަރ ޕެނަލް ގަތުމަށާއި ޕަވަރ އޮޕަރޭޝަނުގެ އިތުރުން އެޑްމިނިސްޓްރޭޓިވް ކަންކަމަށެވެ.

އެހެންކަމުން ކުރި ހަރަދަށްވުރެ 12.75 މިލިއަން ރުފިޔާ އިތުރަށް އެމްޑަބްލިއުއެސްސީއަށް ފަންޑުން ދޫކޮށްފައިވާކަމަށް އޮޑިޓް އޮފީހުން ބުންޏެވެ.

މެންޑޭޓެއް ކަނޑަނޭޅުމުގެ ސަބަބުން މާލޭ ވޯޓާ ކްރއިސިސް މެނޭޖްމަންޓް ފަންޑު މެނޭޖުކުރުމުގައި ދަތިތަކެއް ކުރިމަތިވިކަން އޮޑިޓުން ފާހަގަކޮށްފައިވާ އިރު، އޮޑިޓަރ ޖެނެރަލް ލަފާ ދެއްވާފައިވަނީ މިފަދައިން ލިބޭ ފައިސާއަކީ ޓްރަސްޓް ފަންޑުގެ ގޮތުގައި ލިބޭ ފައިސާގެ ގޮތުގައި ބަލައި، މާލިއްޔަތު ގާނޫނުގައި ބުނާ ގޮތަށް ޓްރަސްޓް ސްޓޭޓްމަންޓު ތައްޔާރުކުރުމަށެވެ.

އަދި ދައުލަތުގެ ވަކި ބޭނުމަކަށް ލިބޭ ހިލޭ އެހީއާއި ހަދިޔާގެ ފައިސާ ހަރަދު ކުރުމުގެ ކުރިން އެ ފައިސާ ހަރަދުކުރާނެ ކަންތައްތައް ނުވަތަ މެންޑޭޓު، ކަމާބެހޭ އިދާރާއަކުން ކަނޑައެޅުމަށްވެސް ވަަނީ ލަފާ ދީފައެވެ. އަދި އެފަދައިން ކަނޑަނާޅައި މިފަދަ ފައިސާ ހަރަދު ނުކުރުމަށްވެސް ލަފާ ދީފައިވެއެވެ.

ޑިޒާސްޓާ މެނޭޖުމެންޓުގެ ރިޕޯޓަކާ ހަވާލާދީ އޮޑިޓު ރިޕޯޓުގައި ބުނެފައިވާގޮތުން، ފެން ފަންޑު އުފެއްދިއުރު މަޝްވަރާ ކުރެވުނީ ފަންޑަށް ލިބޭ ފައިސާއިން މާލޭގެ ފެނުގެ ރިޒާވް ރަނގަޅުކޮށް ހާދިސާއާއި ގުޅިގެން އެމްޑަބްލިއުއެސްސީއަށް ލިބުނު ގެއްލުންތަކުން އަރައިގަތުމަށް އިންޝުއަރެންސްއިން ލިބޭ ފައިސާގެ ތެރެއިން މަދުވާ ބައި ހަމަޖައްސާ، މި ހާދިސާއާ ގުޅިގެން ސަރުކާރުން ކުރާ ހަރަދުތައް އަނބުރައި ހޯދުމެވެ.

ފަންޑު ބެލެހެއްޓުން 2015 ވަނަ އަހަރުގެ އޭޕްރީލު މަހުގެ ތެރޭގައި ފިނޭންސް މިނިސްޓްރީއިން ޑިޒާސްޓާ މެނޭޖުމެންޓާ ހަވާލުކުރި ކަމަށާއި، ނަމަވެސް ފަންޑުން ހަރަދުކުރާނެ ކަންކަން އެ އޮތޯރިޓީއާ ހިއްސާ ނުކުރާ ކަމަށްް ބުނެފައިވެއެވެ. ފަންޑު ހިންގުމުގައި ދަތިތައް ދިމާވެ، ފަންޑު ހިންގުމުގެ ކަންތައްތައް ފިނޭންސް މިނިސްޓްރީގެ ދަށަށް ބަދަލުކުރިކަމަށް އޮޑިޓުގައި ފާހަގަކޮށްފައިވެއެވެ. ނަމަވެސް ޑިޒާސްޓާގެ ބެލުމުގެ ދަށުގައި އޮތް އިރު އޭގެން ހަރަދެއް ކޮށްފައި ނުވާކަމަށް ރިޕޯޓުގައި ފާހަގަކުރިއެވެ.

މީގެ އިތުރުން ފަންޑުން ހަރަދުކުރާނެ ކަންތައް ކަނޑައަޅާފައި ނުވާތީ، ފަންޑުން ހަރަދުކުރުމުގެ ކަންތައް ހަވާލުކޮށްފައިވާ ޑިޒާސްޓާ މެނޭޖުމެންޓު އޮތޯރިޓީއަށް އެމްޑަބްލިއުއެސްސީއިން ހުށަހަޅާފައިވާ ބިލުތަކަށް ފައިސާ ދެއްކުމުގައި ދަތިވިކަމަށް ރިޕޯޓުގައި ވަނީ ފާހަގަ ކޮށްފައެވެ.