ކޮވިޑް19 ނުޖެހޭނެކަމަށްބުނެ ބޭސްކުރަން އައި މީހުންގެ އަތަށް ބޮސްދިން އިންޑިއާގެ ސުޕްރިޗުއަލް ހީލާއެއް ކޮވިޑް19ގައި މަރުވެއްޖެ އެވެ. ޓައިމްސް އޮފް އިންޑިއާގައި ރިޕޯޓުކޮށްފައިވާ ގޮތުގައި އިންޑިއާގެ މަދްޔަ ޕްރަދޭޝްގެ ރަޓްލާމްގައި ހުރި މި މީހާގެ ކައިރިއަށް އެކި ކަންކަމަށް ފަރުވާ ހޯދަން އެދި އަންނަ މީހުންގެ އަތަށް ބޮސްދީ އުޅެނީ އެމީހުންގެ ހަޔާތަށް ދިމާވެފައިވާ މައްސަލަތައް ހައްލުވާނެކަމަށް ބުނެއެވެ.

ހެލްތު އޮފިޝަލުން ވިދާޅުވާ ގޮތުގައި މި މީހާއަށް ކޮވިޑް19 އަށް ޕޮޒިޓިވް ވެފައިވަނީ ޖޫންމަހުގެ 3 ގައެވެ. އަދި އޭނާ މަރުވެފައިވަނީ ޖެހިގެން އައި ދުވަހު އެވެ. އެއާޢެކު ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތްކުރެވެމުންދާއިރު މިހާތަނަށް 40 މީހުންގެ ސާމްޕަލް ވަނީ ނަގައިފަ އެވެ.

ކޮވިޑް19 އަކީ އަނގައިންނާއި ނޭފަތުން ބޭރުވާ ކުޅުތިކިތަކުން ފެތުރޭ ބައްޔަކަށްވާ އިރު މި މީހާ ބުނާ ގޮތުން އޭނާގެ 'ބޮސް ދިނުމުން' ކޮވިޑް19 އަށް ވެސް ފަރުވާލިބެ އެވެ.

މިހާތަނަށް ހެދުނު ޓެސްޓްތަކުގައ ތެރެއިން 20 ސާމްޕަލް ޕޮޒިޓިވް ވެފައިވާއިރު އޭގެތެރެއިން ހަތް މީހުންނަކީ މި މީހާގެ އާއިލާގެ މެންބަރުންކަމަށް ވެސް އިންޑިއާގެ ހެލްތު ޑިޕާޓްމަންޓާއި ހަވާލާދީ މީޑިއާތަކުން ރިޕޯޓުކޮށްފައިވެ އެވެ.

މިފަދަ ޕްރެކްޓިސްތައް އިންޑިއާގައި އާންމުވަމުންދާއިރު، ޓެސްޓް ނެގުމުގައި ހަރަކާތްތެރިވަމުން އަންނަ ރުޗިކާ ޗޯހަން ވަނީ މިފަދަ ނުރައްކާތެރި ވާހަކަތައް ގަބޫލްނުކުރުމަށް ނަސޭހަތްދީފައެވެ. މިހާތަނަށް ހޯދި ހޯދުންތަކުގައި މިފަދަ ގޮތަކަށް ބަލި ޖެހުނު އިތުރު 29 މީހަކު ވަނީ ފާހަގަކުރެވިވަނީ ކަރަންޓީނު ކުރެވިފައެވެ.

ޖޫން މަހުގެ 16 އާއި ހަމައަށް އިންޑިއާގައި ކޮވިޑް19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ ތިންލައްކަ ސާޅީސްހާސްހަށްވުރެ މައްޗަށް އަރާފައެވެ. އަދި ބަލީގައި މަރުވި މީހުންގެ އަދަދު މިހާރު ވަނީ 10،000 އާ ގާތްކޮށްފަަ އެވެ.

އިންޑިއާއަކީ އޭޝިޔާ ގައުމުތަކުގެ ތެރެއިން ކޮވިޑް19ގެ އެންމެ ބޮޑަށް ފެތުރިފައިވާ ގައުމެވެ. އަދި މުޅި ދުނިޔެއިން ކޮވިޑް19 އަށް އެންމެ ގިނަ މީހުން ޕޮޒިޓިވްވި ހަތަރުވަނަ ގައުމެވެ.