16 Jun 2020, 09:31
މޯލްޑިވްސް ޕޮލިސް ސާވިސްގައި ވަޒީފާ އަދާކުރާ ފުލުހުންގެ ތެރެއިން، 34 ޕަސެންޓު ފުލުހުންގެ އަތުގައި އޭލެވެލް އަށްވުރެ މަތީ ފާސް އޮންނާނެ ކަމަށް ކޮމިޝަނާ އޮފް ޕޮލިސް، މުހައްމަދު ހަމީދު ވިދާޅުވެއްޖެ އެވެ.
ސީޕީ ހަމީދު ކުރެއްވި ޓުވީޓެއްގައި މިހެން ވިދާޅުވެފައި ވާއިރު، ފުލުހުންގެ ތައުލީމީ ފެންވަރާ، ގާބިލުކަމާމެދު ސުވާލުއުފައްދާ، ފުލުހުންގެ މުއައްސަސާއަށް މަޖިލީހުގެ ތަޅުމުގައި އެމްޑީޕީ މެންބަރުން އިއްޔެ ވަނީ ފާޑު ވިދާޅުވެފަ އެވެ.
ސީޕީ ވިދާޅުވީ 220 ފުލުހުންގެ އަތުގައިި ޕޯސްޓްގްރެޖުއޭޓް ޑިގްރީ އޮންނަ ކަމަށެވެ. އަދި ފުލުހުންގެ ވަޒީފާއަށް ބޭނުންވާ ގިނަ ހުނަރުތަައް ދަސްކުރަނީ މަސައްކަތުގެ ތެރެއިން ކަން ވެސް ސީޕީ ފާހަގަކުރެއްވި އެވެ.
ސީޕީ ވިދާޅުވީ މަތީ ފާހަކަށް ވުރެ، ތަމްރީނާއި ހުނަރު ލިބި، ވަޒީފާގެ ގާބިލްކަން ހުރުން މުހިންމު ކަމަށެވެ.
ސީޕީ ކުރެއްވި އިތުރު ޓުވީޓެއްގައި ވިދާޅުވީ ފުލުހުންގެ މުއައްސަސާ ރީފޯމް ކުރުމަކީ ކުރެވޭނެ ކަމެއް ކަމަށާއި، މަސައްކަތް ވެސް ކުރަމުން އަންނަނީ އެކަން ހާސިލް ކުރުމަށް ކަމަށެވެ.
ނަމަވެސް މުއައްސަސާއާއި ފުލުހުންގެ އަގު ވެއްޓޭގޮތަށް ކަންކަން ކުރަން ނުޖެހޭ ކަމަށް ވެސް ސީޕީ ވިދާޅުވި އެވެ.
ފުލުހުންގެ މުޅި މުއައްސަސާގެ އަގު ވެއްޓޭގޮތަށް، ބައެއް ފަރާތްތަކުން ތަކުރާރުކޮށް ވާހަކަދައްކަމުން ގެންދާތީ، އެކަމާމެދު އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް ޑރ. އަބްދުﷲ ފައިރޫޝް ވެސް އިއްޔެ ވަނީ ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ.
ސީޕީ ހަމީދާއި އޭސީޕީ ފައިރޫޝް މިފަދަ ގޮތަކަށް ވާހަކަދައްކަވާފައި މިވަނީ ރައްޔިތުންގެ މަޖިލީހަށް ސަރުކާރުން ހުށަހަޅާފައިވާ ދިވެހި ފުލުހުންގެ ހިދުމަތުގެ ބިލަށް ރައްޔިތުންގެ މަޖިލީހުގައި ބަހުސް ކުރަމުން އަންނަ ދަނޑިވަޅެއްގަ އެވެ.
އެ ބިލަށް ބަހުސްކުރައްވަމުން، ގިނަ މެމްބަރުން އަންނަނީ ފުލުހުންގެ ތެރޭގައި ކުށްކުރާ ފުލުހުން އުޅޭ ކަމަށާއި، އަދި ފުލުހުންގެ މައްސަލަތައް އެކަށީގެންވާ ގޮތެއްގައި ނުބެލޭ ކަމަށް ވިދާޅުވަމުންނެވެ. އަދި ފުލުހުންގެ ތެރޭގައި ތައުލީމީ ފެންވަރު ދަށް، ގާބިލު ނޫން އޮފިސަރުން ތިބި ކަމަށް ވެސް މެމްބަރުން އަންނަނީ ވިދާޅުވަމުންނެވެ.
މެމްބަރުން ވިދާޅުވަނީ ފުލުހުންގެ މުއައްސަސާ އަވަހަށް ރީފޯމް ކުރުން މުހިންމުކަމަށެވެ.