މިދިޔަ އަހަރުގެ އޯގަސްޓު މަހުގެ ފަސް ވަނަ ދުވަހު މީހަކަށް އަނިޔާކުރި މައްސަލާގައި ތުހުމަތުވާ ފުލުހުންގެ ތެރެއިން ތިން ފުލުހަކު ވަޒީފާއިން ވަކިކޮށް، އެކަކުގެ މަގާމު ދަށްކޮށްފި އެވެ.

އެ މައްސަލައާ ގުޅިގެން ކޮމިޝަނަރު އޮފް ޕޮލިސް، މުހައްމަދު ހަމީދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އެ މައްސަލައިގައި ހިމެނޭ ތިން ފުލުހަކު އިއްޔެ ވަޒީފާ އިން ވަކިކޮށްފައިވާ ކަަމަށެވެ.

ތިން ފުލުހުން ވަޒީފާ އިން ވަކިކުުރުމުގެ އިތުރުން، މައްސަލައިގައި ހިމެނޭ އިތުރު ފުލުހެއްގެ މަގާމު ވެސް ދަށްކޮށްފައިވާ ކަމަށް ސީޕީ ވިދާޅުވި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ހަތަރު ފުލުހުންނާމެދު ފިޔަވަޅު އެޅީ، މިދިޔަ އޯގަސްޓް މަހުގެ ފަސް ވަނަ ދުވަހު ވައްކަމުގެ މައްސަލައެއްގެ ތުހުމަތުގައި ހޯދަމުން ދިޔަ މީހަކު، މަސްވެރިން ޕާކް ސަރަހައްދުގައި ހުރި ސައިކަލެއް ވަގަށް ނަގަން އުޅޭ ކަމަށް ތުހުމަތުކުރެވިގެން ހުއްޓުވައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެއުމަށްފަހު، އެމީހާއަށް އަނިޔާކޮށް، އިންސާނީ ކަރާމަތަށް އުނިކަން ލިބޭފަދަ އަމަލުތައް ކޮށްފައިވާ ކަމަށް ހުށަހެޅުނު މައްސަލައަކާ ގުޅިގެން ފުލުހުންގެ ޕްރޮފެޝަނަލް ސްޓެންޑަޑް ކޮމާންޑުން ކުރިއަށް ގެންދިޔަ އިންޓާނަލް ތަހުގީގަށް ފަހުފައި ކަމަށެވެ.

އޮފިޝަލް ވިދާޅުވީ ބޯޑުން ނިންމި ނިންމުން އިސްތިނާފު ކުރުމަށް ހުށަހެޅުމުގެ ފުރުސަތު އިއްޔެ އިން ފެށިގެން ރަސްމީ ބަންދުނޫން ހަތް ދުވަހުގެ ތެރޭގައި އެ ފުލުހުންނަށް ލިބިގެންވާ ކަމަށެވެ.

ސީޕީ ވިދާޅުވީ އެ ނިންމުމުން އެނގިގެންދަނީ، ފުލުހުންގެ މުއައްސަސާ ރީފޯމް ކުރުމަށް އިސްކަންދީ އެކަމަށް ކުރާ މަސައްކަތް ކަމަށެވެ.

ސީޕީ ވިދާޅުވީ ފުލުހުންގެ މުއައްސަސާ ރީފޯމް ކުރެވޭނެ ކަަމަށާއި، އެންމެން ވެސް އެދެނީ އެގޮތް ކަމަށެވެ. ނަމަވެސް ރީތި ގޮތުގައި ވެސް އެކަން ކުރެވޭނެ ކަމަށާއި، ފުލުހުންގެ އަގުވައްޓާލުމަކީ ކަން ހިނގަންވާނެ ގޮތް ނޫން ކަމަށް ވެސް ސީޕީ ވިދާޅުވި އެވެ.

މިދިޔަ އަހަރުގެ ޖުލައި މަހު ހިންގި އޮޕަރޭޝަނެއްގައި ވެސް ބިދޭސީއަކަށް ފުލުހުން އަނިޔާކުރި މައްސަލައެއް ވަނީ ފެންމަތިވެފަ އެވެ.

އެ އޮޕަރޭޝަންގައި މ. އުޖާލާގެ ފުލުހުން ބަަލައި ފާސްކުރީ މަސްތުވާތަކެތީގެ މައްސަލައެއްގަ އެވެ. އަދި ބަލާ ފާސްކޮށް އެގޭތެރެއިން 36 އަހަރުގެ ބަންގްލަދޭޝް ފިރިހެނަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުންގެ ތެރެއިން ބަޔަކު އަނިޔާ ކުރީ އެ ބިދޭސީ މީހާއަށެވެ. އެކަން ފަޅާ އެރީ ފުލުހުން އެ އަމަލު ހިންގާ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާންމުވުމުން އެވެ. އަދި އެކަން ކުރި ފުލުހުން ވަނީ އެ ވީޑިއޯ ކުރި ކަމަށް ތުހުމަތުވާ ބަޔަކު ދިރިއުޅޭ ގެއަކަށް ވަދެ، ބިރުވެސް ދައްކައިފަ އެވެ.

ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑާޑްސް ކޮމާންޑުން އެ މައްސަލަ ތަހުގީގު ކުރުމަށްފަހު ޑިސިޕްލިނަރީ ބޯޑަށް ހުށަހެޅުމުން ބޯޑުން ނިންމާފައި ވަނީ ތުހުމަތު ކުރެވޭ ހަތް ފުލުހުން ޑީމޯޓްކޮށް، ވަޒީފާ އަދާކުރާ ޑިޕާޓްމަންޓު ބަދަލުކޮށް، އަހުލާގީ ކުލަ އާއި މެޑަލް އަތުލުމަށެވެ.

ނަމަވެސް މީގެ ކުރިން އެފަދަ މައްސަލަތަކުގައި އަޅާފައި ހުރި ފިޔަވަޅުތަކާ އަޅާބަލާއިރު އެ ފިޔަވަޅަކީ އެކަށީގެންވާ ވަރަށް ވުރެ ލުއި ފިޔަވަޅެއް ކަމަށް ގަބޫލު ކުރައްވާތީ ކޮމިޝަނަރު އޮފް ޕޮލިސް، މުހައްމަދު ހަމީދު ވަނީ ބޯޑުގެ ނިންމުން މުރާޖައާކޮށްދެއްވުމަށް އެދި އިސްތިއުނާފު ކޮމިޓީއަށް ހުށަހަޅުއްވައިފައެވެ.

އަނިޔާ ކުރި މައްސަލައިގައި ތުހުމަތު ކުރެވޭ ފުލުހުންގެ ސަސްޕެންޝަން މުއްދަތު މިހާރު ހަމަވުމުން ވެސް، އެ ފުލުހުން ވަޒީފާއަށް ނެރެފައެއް ނުވެއެވެ. އަދި މައްސަލައިގައި ގޮތެއް ނިމެންދެން އެ ފުލުހުން ވަޒީފާއަށް ނުނެރޭނެ ކަމަށް ފުލުހުން އޭރު ވަނީ ބުނެފައެވެ.

އެ މައްސަލައިގައި ހަތް ފުލުހުންގެ މައްޗަށް ކުރި ޖިނާއީ ތަހުގީގު ފުރިހަމަކޮށް، އެ މައްސަލަ މިހާރު ވަނީ ޕީޖީގެ ޑިއުޓީ ޕްރޮސެކިއުޝަން އަށް ފޮނުވައިފައެވެ.

ޑިއުޓީ ޕްރޮސެކިއުޝަން އަކީ މައްސަލަ ޕީޖީ އަށް ފޮނުވުމުގެ ކުރިން، އެ މައްސަލައަކާ މެދު ތަހުގީގީ އިދާރާ އާއި ޕީޖީ އޮފީހާ ދެމެދު މައުލޫމާތު ބަދަލުކޮށް، ލަފާ ދިނުމެވެ. އެއީ ޕީޖީއަށް މައްސަލައެއް ފޮނުވުމުގެ ފުރަތަމަ މަރުހަލާއެވެ.