17 Jun 2020, 09:21
އެންމެ ފުރަތަމަ ގުޅުން އުފެއްދީ ޗެޓު ކޮށްގެންނެވެ. އުމުރުން 16 އަހަރުގެ ކުއްޖެއް ކަމަށް ހެދިގެން ކުޑަ އަންހެން ކުއްޖަކާ ވާހަކަދައްކަމުން ދިޔައީ 40 އަހަރުގެ ފިރިހެނެކެވެ. ޗެޓުކޮށް ގުޅުން އުފައްދައި، އެމީހާ މަޑުމަޑުން ކުއްޖާ ހައްލަމުން ދިޔަ އެވެ. ގުޅުން ބަދަހިކޮށް ކުއްޖާގެ އިތުބާރު ހޯދާ ބޮލަށް ސަވާރުވި އެވެ. އޭރުވެސް ހުރީ ފުރުސަތަކަށް ބަލަބަލަ އެވެ. ޝިކާރަވެރިޔާ ބަލަބަލަ ހުރި ފުރުސަތު ލިބުނީ، ކުއްޖާގެ މަންމައަށް ބޮޑު ބައްޔެއް ޖެހި، ފަރުވާއަށް މައިންބަފައިން ރާއްޖެއިން ބޭރަށް ފުރި ހިސާބުންނެވެ. މައިންބަފައިން ބޭރަށް ފުރީ ކުއްޖާ އާއިލާ މީހެއްގެ ގާތުގައި ބަހައްޓާފަ އެވެ. ކުއްޖާ ގެއިން ބޭރަށް ނެރެން ހުރި ހުރަސްތައް ނެތި ދިޔަ ހިސާބުން، އޮޅުވާލައިގެން ކުއްޖާއާ ބައްދަލުކޮށް، ގެސްޓްހައުސް އަކަށް ގެންގޮސް މައުސޫމް ކުއްޖެއްގެ އިއްފަތް ފޭރިގަތީ އެވެ. ރޭޕްކޮށްލީ އެވެ.
މިއީ މި މަހުގެ 10 ވަނަ ދުވަހު އުމުރުން 11 އަހަރުގެ ކުޑަކުއްޖަކު "ގްރޫމްކޮށް" ގެސްޓްހައުސްއަކަށް ގެންގޮސް ރޭޕްކުރުމަށް އެ ކުއްޖާގެ ޝިކާރަވެރިޔާ ކަންކަން މަގުފަހި ކުރުވި ގޮތެވެ.
އެކަމަކު މިއީ، ކުޑަކުދިން ގްރޫމްކުރުމުގެ މިފަދަ ފުރަތަމަ ކޭހެއް ނޫނެވެ. ކުދިން ގްރޫމްކުރުމުގެ ކުށް ރާއްޖޭގައި ވެސް ހިނގަމުން އަންނަތާ ޒަމާންތަކެއް ވެއްޖެ އެވެ. އެ ވާހަކަ ނުދައްކާ ވާހަކައެއް ގޮތުގައި އޮތީ އެވެ. ނަމަވެސް، އެ ވާހަކަ ދެކެވެން މި ފެށީ އެ ރޭޕްކޭސްއާ އެކު އެވެ.
ކުއްޖާ ރޭޕްކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކުރީ 38 އަހަރުގެ ދިވެހި ފިރިހެނެކެވެ. ފުލުހުންގެ ތަހުގީގަށް މިހާތަނަށް ހޯދިފައިވާ ގޮތުން، މާލެ ސިޓީ ފުރަބަންދުުގައި އޮއްވާ ކުއްޖަކު ގެސްޓްހައުސްއަކަށް ގެންގޮސް އެކުއްޖާ ރޭޕްކޮށްފައި ވަނީ، ގްރޫމް ކޮށްގެން ކަމަށް ތަހުގީގަށް އެކަށީގެންވާ ހެކި ލިބިފައިވެ އެވެ.
ގްރޫމް ކުރުމަކީ ކޮބާ؟
ޗައިލްޑް ގްރޫމިން އަކީ ކުއްޖާގެ ފަރާތުން ނާޖާއިޒް ފައިދާއެއް ފުއްދުމަށްޓަކައި ކުއްޖާއަށް އޮޅުވާލައިގެން ގުޅުމެއް ގާއިމުކުރުމަށް މަސައްކަތް ކުރުމެވެ. މީގެ ތެރޭގައި ކުޑަކުއްޖެއްގެ ކިބައިން ޖިންސީ އެދުންވެރިކަމެއް ފުއްދުމަށްޓަކައި ކުއްޖާ ހައްލާލައިގެން ކުއްޖާގެ ރުހުން ހޯދުމަށް މަސައްކަތްކުރުން ހިމެނެ އެވެ.
ނަމަވެސް ގްރޫމްކުރަނީ ހަމައެކަނި ކުދިންނެއް ނޫނެވެ. ކުދިންނާ ގާތްވުމަށް، އެކުދިންނާ އެ ގުޅުން އުފައްދަން، މައިންބަފައިންނާ ބެލެނިވެރިން ވެސް އަންނަނީ ހައްލައިލަމުންނެވެ. ކުދިންނާ މި މީހުން ކައިރިވަނީ، ބެލެނިވެރިންގެ އިތުބާރު ހޯދައިގެންނެވެ. ކުއްޖާގެ މަންމަ އާއި ބައްޕައަށް މާލީ ގޮތުންނާ އެހެނިހެން ގޮތްގޮތުން އެހީތެރިކަން ދީގެން، އިތުބާރުގެ ބޮޑު ދަންތުރައެއްގައި ބެލެނިވެރިން ޖައްސައިގެންނެވެ.
ޖެންޑާ މިނިސްޓްރީން "ސަން" އަށް ބުނީ އާއިލާގެ އިތުބާރު ހޯދައި، އާއިލާއަށް އެމީހުންނަކީ ރަނގަޅު މީހުންގެ ގޮތުގައި ބަލައިގަންނަ ފަދަ އަމަލުތައް ހިންގުމަށްފަހު ކުއްޖާ އާއި ގާތްގުޅުމެއް ގާއިމްކޮށް ކުއްޖާއަށް ޖިންސީ އަނިޔާކޮށްފައިވާ ކޭސްތައްވެސް ގިނަ އަދަދަކަށް ހުށަހެމުންދާ ކަމަށެވެ.
އަލަށް އުފަންވާ މި ކުށަށް ބެލެނިވެރިިން ވަަރަށް ބޮޑަށް ހޭލަން އެބަޖެހެ އެވެ. ކުއްޖާއަށް ޖިންސީ ގޯނާކޮށް، އެކުއްޖާގެ މުޅި ދިރިއުޅުން ބަނަކޮށްލަން މީހަކު ތައްޔާރުވެ، މަޅި ޖަހަމުން ދަނީ ގިނަ ފަހަރަށް ބެލެނިވެރިންގެ ކުރިމަތީގަ އެވެ. މީހަކު މާ ބޮޑަށް ކުއްޖާއާ ގާތްވެ، ގައިގަައި އަތްލާ، އެއްޗެހި ދީ ހަދާނަމަ އެމީހަކަށް ފާރަވެރިވާން ޖެހިއްޖެ އެވެ. އެއީ ކުޑަކަމެއްގެ ގޮތުގައި ބަލައިގެން ހުރެވޭކަށް ނެތެވެ.
ބެލެނިވެރިން ހޭލުންތެރިއެއް ނޫން!
ކުޑަކުދިން "ގްރޫމް" ކޮށްގެން އެކުދިންގެ ފައިދާ ނެގުމުގެ މަސައްކަތްކުރާ ފަރާތްތައް ދެނެގަތުމަކީ ބެލެނިވެރިންނަށް އެންމެ ފަސޭހަކަމަކަށް ނުވެދާނެ އެވެ.
ސަބަބަކީ ދުނިޔެ ތަރައްގީވަމުން އަންނަ ވަރަކަށް، ކުޑަކުދިން ގްރޫމް ކުރުމުގެ އަމަލުތައް ވެސް ބަދަލުވަމުން އަންނާތީ އެވެ. މިހާރު ހަމައެކަނި ކުދިން ގްރޫމް ކުރަނީ އެއްޗެހި ދީގެނެއް ނޫނެވެ. އިންޓަނެޓު މެދުވެރިކޮށް، އެއް އުމުރުގެ ކުދިން ކަމަށް ހެދި، ފަރުދާގެ ފުރަގަހުގައި ތިބެގެން ބޮޑެތި މީހުން ކުދިންނާ ވާހަކަ ދައްކައި އެފަދަ ގުޅުންތައް އަންނަނީ އުފައްދަމުންނެވެ.
ޖެންޑާ މިނިސްޓްރީން ބުނީ މިފަދަ ނުރައްކާތެރި މީހުންނާ ބެހޭ އެންމެ އެދެވޭ މައުލޫމާތު ބެލެނިވެރިންނަށް ލިބިފައިނުވާ ކަމަށެވެ. މީގެ އިތުރުން މިނިސްޓްރީއަށް ހުށަހަޅާ ހުރިހާ މައްސަލަތަކެއްގެ ތަފާސް ހިސާބަށް ބަލާއިރު ކުޑަކުދިންނަށް އަނިޔާކޮށްފައިވާ ފަރާތްތަކަކީ ގިނަ ފަހަރަށް ކުއްޖާ ދަންނަ ނުވަތަ އިތުބާރުކުރެވޭ މަގާމެއްގައި ހުންނަ ފަރާތެއްކަން ފާހަގަކުރެވޭ ކަމަށެވެ.
އެހެންކަމުން ބެލެނިވެރިން މިކަންކަމަށް ސަމާލުވެވޭ މިންވަރު ކުޑަކަން އެނގިގެންދެ އެވެ. އަދި އެމީހަކަށް ކުރެވޭ އިތުބާރެއްގެ ބޮޑުކަމުން ކުއްޖާ އާއި މިފަދަ ފަރާތްތަކާ އެކަހެރިވެ އުޅުމުގެ ފުރުސަތު، ނޭނގި ނަމަވެސް ފަހިކޮށްދެވެ އެވެ.
"މިސާލަކަށް ރައްޓެއްސެއް ނުވަތަ އާއިލާ މެމްބަރެއް އާދަޔާއި ހިލާފަށް ދަރިފުޅަށް އެކި ބާވަތުގެ ހަދިޔާދީ އަގުބޮޑެތި ސާމާނު ގަނެދީ ހަދާނަމަ މިކަންކަމަށް އިންތިހާއަށް އާއިލާއިން ސަމާލުވާންޖެހޭނެ. ނަމަވެސް ގިނަފަހަރަށް މިފަދަ އަމަލުތައް އާއިލާއިން ބަލައިގަނެވިފައި ހުންނަނީ ކުއްޖާދެކެ ލޯބިން އެ ފަރާތެއް ކޮށްދޭ ކަންކަންކަމުގެ ގޮތުގަ. އެހެންވެ މިފަދަ ފަރާތްތަކަށް ކުދިން އެބިއުސް ކުރުމުގެ މަގު ފަހިވެގެންދޭ،" ޖެންޑާ މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވި އެވެ.
އަނދަވަޅު ހަދައިގެން، ކުދިންނަށް ގޯނާކުރަން ތައްޔާރުވާ މީހުން އެންމެ ފުރަތަމަ ކުދިންނަށް އެއްވެސް ކަހަލަ އަނިޔާއެއް ނުކޮށްފާނެ އެވެ. ކުދިންގެ ގައިގައި އަތް ވެސް ނުލާފާނެ އެވެ. ނަމަވެސް ކުދިން ހައްލާލައިިގެން "ގްރޫމް" ކުރާ މީހުން، އެފަދަ އަމަލުތައް ފަށަނީ ކުއްޖާ ރުއްސައި، ކުއްޖާގެ އިތުބާރު އަދި އާއިލާގެ ވެސް އިތުބާރު ލިބުމަށްފަހުގައި ކަން ބެލެނިވެރިން ހަނދާން ނައްތާލައިގެންނުވާނެ އެވެ.
އިންޓަނެޓުން ކުދިން ކުރާ ކަންކަމަށް ވަރަށް ބޮޑަށް ބަލަންޖެހޭ!
ވަރަށް ޅަ އުމުރުން ފެށިގެން، ކުދިންނަށް ފޯނާއި ކޮމްޕިއުޓަރު ބޭނުންކުރުމުގެ ފުރުސަތު މިހާރު ލިބެއެވެ. ގިނަ ކުދިންގެ އަތުގައި އަމިއްލަ ފޯނާއި، ޓެބްލެޓު ފަދަ އެއްޗެހި އޮވެ އެވެ. އަދި އިންޓަނެޓުގެ ބޭނުންކުރުމުގެ މަގު މުޅިން ހުޅުވިފައި ވާއިރު، އެކުދިން އިންޓަނެޓު ބޭނުންކުރާ ގޮތް ބެލެނިވެރިން ވަަރަށް ރަނގަޅަށް ބަލަންޖެހެ އެވެ.
އިންޓަނެޓު ބޭނުންކުރެވޭނެ ގަޑިތަކާއި، ހަމަތަކެއް ކަނޑައަޅައި ކުއްޖާ އެގޮތަށް އަމަލުކުރާކަން ކަށަވަރުކުރަން ޖެހެ އެވެ. ނުވަތަ ބައެއް ދުވަސް ދުވަހު އިންޓަނެޓު ބޭނުންކުރުމުގެ ފުރުސަތު ނުދީ ގޭތެރޭގައި، ކުއްޖާއަށް ފައިދާކުރަނިވި ކަމެއް ކުރުވަން ޖެހެ އެވެ.
"މީގެ އިތުރުން ވެސް ކުދިން ގޭމް ކުޅުމުގައި ބޭނުންކުރާ ވަސީލަތްތައް މިހާރު މޮނިޓާކުރަން ޖެހޭ. ޕަބްޖީ، ފޯޓްނައިޓް ފަދަ ގޭމްތަކަކީ ސާވާ އެއް ހެދި، އެސާވާގައި ގިނަ މީހުންނާއި ބައްދަލުވެ ވާހަކަދެކެވޭ ޒަރީއާއެއް. މިފަދަ ޕްލެޓްފޯމްތަކުންވެސް ކުދިން ނަހަމަ ގޮތުގައި ބޭނުންކުރާ މީހުންނާ ކުދިން ބައްދަލުވޭ،" ޖެންޑާއިން ބުންޏެވެ.
އޮފިޝަލް ވިދާޅުވީ ގޭތެރޭގައި، ކުދިން ފޯނާއި ޓެބްލެޓް ހިފައިގެން އުޅޭއިރު އެކުދިން ތިބީ ރައްކާތެރި މާހައުލެއްގައި ކަމަށް ބެލެނިވެރިންނަށް ގަބޫލުކުރެވޭ ކަމަށެވެ. އެހެން ނަމަވެސް އިންޓަނެޓް ލިބޭ ވަސީލަތެއް ގެންގުޅޭނަމަ، އެކުދިން އެވަނީ ހައްދެން ނެތި މުޅި ދުނިޔޭގެ ތެރެއަށް ދޫވެފަ އެވެ.
ގޭތެރޭގައި ކުއްޖާ ފެންނަން އިންނަ އިރު، މިފަދަ މީހުން ކުއްޖާއާ ޖިންސީ ބަހުރުވައިން ވާހަކަދައްކައި ހަދާއިރު ވެސް ބެލެނިވެރިންނަށް ނޭނގޭނެ އެވެ. ކުއްޖާ ގްރޫމްކުރާ މީހުން އެ އަމަލު ހިންގަމުން އެދަނީ މައިންބަފައިންގެ ވެސް ކުރިމަތީގަ އެވެ. އެކަމުގެ ހިލަމެއް ވެސް ނުވާގޮތަށެވެ.
"މިފަދަ ކަންކަން ހުއްޓުވޭނެ ގޮތަކީ ކުއްޖާއާއި ގާތްގުޅުމެއް ގާއިމްކޮށް ކުއްޖާ ގާތުން މޮނިޓާކޮށްގެން،" އޮފިޝަލް ވިދާޅުވި އެވެ.
ޖެންޑާ މިނިސްޓްރީން ހިއްސާކުރި މައުލޫމާތުން އެނގޭ ގޮތުގައި، ޖެންޑާއަށް ހުށަހަޅާ މައްސަލަތަކުގެ ތެރޭގައި އިންޓަނެޓް މެދުވެރިކޮށް ކުދިން ގްރޫމްކޮށްގެން ވަރަށް ގިނަ އަނިޔާގެ އަމަލުތައް ހިންގާފައި ހުރެ އެވެ.
ޖެންޑާއިން ބުނީ ހުށަހެޅޭ ޖިންސީ އަނިޔާގެ ގިނަ މައްސަލަތަކުގައި އިންޓަނެޓް މެދުވެރިކޮށް ގްރޫމްކުރުމުގެ ކޮމްޕޮނެންޓް ހިމެނޭކަން ފާހަގަކުރެވޭ ކަމަށެވެ.
އެގޮތުން ފުރަތަމަ ކުދިންނާ ގާތްގުޅުމެއް ގާއިމުކުރުމަށް، ކުއްޖާއާ ޗެޓްކޮށް ކުއްޖާގެ ސަމާލުކަން ހޯދަ އެވެ. އަދި ކުއްޖާއާއި ގާތްގުޅުމެއް ގާއިމުކޮށް ކުއްޖާގެ ފަރާތުން ޖިންސީ އެދުންވެރިކަމެއް ފުއްދުމަށްޓަކައި ވާހަކަ ދެއްކުމާއި ކުއްޖާގެ ބަރަހަނާ މަންޒަރު ދައްކުވައިދޭ ފޮޓޯ އާއި ވީޑިއޯ ފަދަ އެއްޗެހި ހޯދަ އެވެ. އަދި މި ތަކެތި ބޭނުންކޮށް ބްލެކްމެއިލްކޮށް ކުއްޖާއާ ދިމާވުމަށް ޑިމާންޑުކޮށް، ކުއްޖާގެ ކޮންޓްރޯލް، އަނިޔާ ކުރާ ފަރާތްތަކުން ނަގާކަމަށް މިނިސްޓްރީން ބުންޏެވެ.
ކުއްޖަކު ގްރޫމްކުރާކަން ދެނެގަންނާނީ ކިހިނެތް؟
ރާއްޖޭގައި ވެސް ގްރޫމްކުރުން ފަދަ ކުށްކުރުން ދުވަހެއް ދުވަހަކަށް އިތުރުވަމުން، ފުޅާވަމުން އަންނަ އިރު، ކުއްޖަކު އެފަދަ ކަމެއްގެ ތެރެއަށް ވައްދާފައިވާކަން ދެނެގަންނަން ބެލެނިވެރިން ދަސްކުރަން ޖެހެ އެވެ. އަދި ކުދިންނަށް ވެސް، އެކުދިން މިފަދަ ޝިކާރައަކަށް ވެފައިވާކަން ދެނެގަންނަން ދަސްކުރަން ޖެހެ އެވެ.
ކުއްޖަކު ގްރޫމްކުރާ މީހަކު އެންމެ ފުރަތަމަ ކުރާ ކަމަކީ، ކުއްޖާއާ އެކުއްޖާގެ މައިންބަފައިންނާ ދެމެދު އޮންނަ ގުޅުން ހީނަރު ކުރުމެވެ. މައިންބަފައިން ކުރާ އިތުބާރު، އަނިޔާކުރާ މީހާއަށް ފުރޮޅާލުމެވެ. އެހެންކަމުން ކުއްޖަކު ގްރޫމް ކުރާކަން ދެނެގަންނަން، މައިންބަފައިންނާ ކުއްޖާ އާމެދު ގާތްގުޅުމެއް އުފެއްދުމަކީ މުހިންމު ކަމެކެވެ.
ކުއްޖާއަށް ކިޔައިދީ، ކުށްވެރި ނުކުރޭ!
ކުއްޖާ ދައްކާ ވާހަކަ އަޑު އަހާ، ކުއްޖާ ކުށްވެރިނުކޮށް ކުއްޖާއާ ރީތިކޮށް މުހާތަބު ކުރުމުން ކުދިންނަށް މިފަދަ ވާހަކަތައް ކިޔައިދޭން ފަސޭހެވާނެ އެވެ. ކުއްޖާގެ އުޅުމަށް އަންނަ ބަދަލުތައް ފާހަގަކޮށް އެކަމަށް ފާރަވެރިވެ ކުއްޖާއާ ވާހަކަ ދެއްކުމަކީ މިފަދަ މީހެއްގެ ދަލުގައި ކުއްޖާ ޖެހުމުން ސަލާމަތްކޮށްދޭނެ ކަމެކެވެ.
ހަމައެއާއެކު ކުދިންގެ އުމުރާ ގުޅޭގޮތުން މިފަދަ މައުލޫމާތުދީ، މިފަދަ ކަމެއް މެދުވެރިވެއްޖެ ނަމަ، އަމަލު ކުރަންޖެހޭ ގޮތް ކިޔައިދީފައި ހުރުމަކީ ވެސް، ނުބައި މީހެއްގެ އަނިޔާއިން ކުދިން ސަލާމަތްކުރުމަށް މުހިންމު ކަމެއް ކަމަށް ޖެންޑާ މިނިސްޓްރީން ބުނެ އެވެ.
"މިފަދަ މީހުން އާއްމުކޮށް ކުދިންނާއި ވާހަކަދައްކަނީ ކުދިންގެ އެންމެ ނާޒުކު ދަނޑިވަޅުތަކުގަ. އެހެންކަމުން، މިފަދަ ދަނޑިވަޅުތަކެއްގައި އިތުބާރުހިފޭ މަގާމެއްގައި ހުރި މީހަކު ކުއްޖާ އާއި ވާހަކަ ދައްކާ ކުއްޖާއަށް އެ ބޭނުންވާ އެހީތެރިކަން ދިނުމަކީ ކުދިން އެހެން މީހުންނަށް އިތުބާރުކޮށް ވާހަކަދެއްކުމާއި ދުރުކުރާނެ ކަމެއް،" އޮފިޝަލް ވިދާޅުވި އެވެ.
މީގެ އިތުރުންވެސް އިންޓަނެޓް އަދި އެހެނިހެން ޒަރީއާއިން ކުދިން ގެންގުޅޭ ރައްޓެހިން ދަނެގަނެ އެމީހުންނަކީ ކޮންކަހަލަ ބައެއްކަން ދަތުމަކީ ކުދިންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އެޅިދާނެ ފިޔަވަޅެއް ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
މިއީ ކުއްޖާ ގްރޫމްކުރާ ކަމުގެ ނިޝާންތަކަށް ވެދާނެ، ސަމާލުވޭ!
ކުއްޖަކު ގްރޫމްކުރާ މީހަކު، އެކުއްޖާއަށް ހަދިޔާދީ، ކުއްޖާ ހިތްހަމަޖެހޭ ފަދަ ވާހަކަތައް ދައްކައި ކުދިންގެ ޖަޒުބާތުތަކާ ކުޅޭނެ އެވެ. ގިނައިން ކުއްޖަކަށް އާ ހެދުމާއި، ފައިސާ އާއި މީރު ކާއެއްޗެހި އަދި ފޯނު ފަދަ އަގުބޮޑު ހަދިޔާ ދިނުމަކީ ކުއްޖާގެ ރުހުން ހޯދަންކުރާ އަމަލަކަށް ވުމަކީ އެކަށީގެންވާ ކަމެކެވެ.
އެގޮތުން ލިބުނު ގޮތް ބުނެދޭން ނޭނގޭ ނުވަތަ ބުނެދޭން ބޭނުންނުވާ ތަކެތި ކުއްޖާ އަތުގައި ހުރުމަކީ ކުއްޖާ ގްރޫމްކުރާކަމުގެ ނިޝާނަކަށް ވެދާނެކަމަށް ޖެންޑާގެ އޮފިޝަލް ވިދާޅުވި އެވެ.
"މީގެ އިތުރުން ކުއްޖާ ގެންގުޅޭ ޑިވައިސްގައި ވަކިން ޑާޓާ އަޅައިގެން އުޅޭނަމަ، އެ ޑާޓާ ޕެކޭޖް އަޅާގޮތް އޮޅުންފިލުވުމަކީ ވަރަށް މުހިންމުކަމެއް. އެއީ ކުދިން ގްރޫމްކުރާ ފަރާތްތައް އެ އަމަލު ހިންގުމަށް ކުދިންނަށް ގަވާއިދުން ޑާޓާ ޕެކޭޖް ގަނެދީފައިހުންނާތީ،" އޮފިޝަލް ވިދާޅުވި އެވެ.
ފުރާވަރަށް އަރަމުންދާ ކުދިންނަކީ ކަންކަން އެކްސްޕްލޯކުރަން ޝައުގުވެރިވާ އަދި އެހެން މީހުންގެ ފަރާތުން ވަރަށް ބޮޑަށް ވެލިޑޭޝަން ބޭނުންވާ ބަޔަކަށް ވާއިރު، އެ އުމުރުފުރާގައި ކުއްޖާއަށް ތައުރީފްކޮށް، ހަށިގަނޑަށް ކޮމެންޓުކޮށް ހެދުމަކީވެސް ކުއްޖާ ގްރޫމްކުރުމަށް ކުރާ އަމަލަކަށްވުން އެކަށީގެންވާ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
ގިނަ ފަހަރު ގްރޫމްކުރާ މީހެއްގެ ޝިކާރައަކަށް ކުއްޖާ ވެފައިވާކަން، އެކުއްޖާ އަމިއްލައަށް ވެސް ދެނެގަންނާކަށް ނޭނގެ އެވެ. ނަމަވެސް މިގޮތަށް ވާހަކަދައްކާ، އެ ވާހަކަތަކަކީ ސިއްރެއްގެ ގޮތުގައި ބޭއްވުމަށް ބުނާނަމަ އަދި ހަދިޔާ ދޭކަން މަންމަމެއް ގާތުގައި ނުބުނަން އެދޭނަމަ، އެއީ ފަހަރުގައި ކުއްޖާގެ ނާޖާއިޒް ފައިދާ ނެގުމަށް ކުރާ ކަމެއްކަން ކުދިންނަށް ވިސްނައިދޭށެވެ.
މީގެ އިތުރުން ކުއްޖާ ގްރޫމް ކުރާކަން ދެނެގަނެވޭނެ އަނެއް ގޮތަކީ ކުއްޖާގެ އުޅުން ރަނގަޅަށް ބެލުމެވެ.
"ވަކިން ހާއްސަކޮށް އިންޓަނެޓް ބޭނުންކުރާއިރު ކުއްޖާގެ އުޅުން ހުންނަގޮތް، މިސާލަކަށް ޓެބްލެޓް ފޯނު ފަދަ ތަކެތި ހިފައިގެން އެކަހެރިވެ ހުރުން، އަދި މިފަދަ ގެޖެޓްތަކުގައި ޕާސްވޯޑް ޖަހައިގެން އެހެން މީހަކަށް ނުބެލޭނެގޮތަށް ގެންގުޅުން،" ޖެންޑާގެ އޮފިޝަލް ވިދާޅުވި އެވެ.
މިފަދަ އަމަލުތަކަށް ސަމާލުކަަންދީ، ކުއްޖާ ގެންގުޅޭ ޑިވައިސްތައް ކޮންމެ ދުވަހަކު ބަލަންވާނެ އެވެ. އެގޮތުން ކުއްޖާގެ ޑިވައިސްގައި މައިންބަފައިންނަށް ނޭނގޭ ޕާސްވޯޑެއް ޖަހާފައި އޮވެގެން ނުވާނެކަމާއި، އެ ޑިވައިސްތައް ގަވާއިިދުން ބަލާނެކަން ކުދިންނަށް އަންގަން އޮފިޝަލް އިލްތިމާސްކުރައްވަ އެވެ.
"ކުއްޖާ ގްރޫމްކުރާކަމުގެ އަނެއް ނިޝާނަކީ ކުއްޖާއާ މި ގްރޫމް ކުރާ ފަރާތް އެހެން މީހުންތިބޭ ތަންތާގައި ވާހަކަ ނުދެއްކުން. ކުއްޖާ އެކަނި ހުންނަ ވަގުތެއްގައި މެނުވީ ކުއްޖާއާ ހީސާމާސާކުރުން ނުވަތަ ވާހަކަ ދައްކައި ނޫޅޭނަމަ އެއީ ސަމާލުވާންޖެހޭނެކަމެއް. އަދި އެމީހާގެ އެހެން އެޖެންޑާއެއް އޮވެދާނެކަން ކުދިންނަށް ވިސްނައިދޭންވާނެ،" އޮފިޝަލް ވިދާޅުވި އެވެ
މީގެ އިތުރުން ކުދިންނަށް ގޯނާކުރުމުގެ ނިޔަތުގައި އުޅޭ މީހަކު ކުދިންނާ މުހާތަބު ކުރާއިރު، ގިނަ ފަހަރަށް ކުއްޖާއާ މަޖާކުރާކަމަށް ހަދައި "ވައިފް"، "ހަސްބަންޑް"، "ބޯއީ ފްރެންޑް" ނުވަތަ "ގާލްފްރެންޑް" ފަދަ ނަންނަމުން ކިޔައިއުޅެ އެވެ.
"އަދި ފަހުން މިފަދަ ނަންނަމުން ގޮވައި އެކަމަށް ކުއްޖާ އާދަކޮށް މި ނަން ރިޕްރެޒެންޓްކުރާ ރޯލު ކުއްޖާ ކުޅެންޖެހޭނެ ކަމަށް ބުނެ، ކުއްޖާ މެނިޕިއުލޭޓްކުރާކަން ފާހަގަކުރޭ. މިސާލަކަށް ތީ ގާލްފްރެންޑޭ އެހެންވީމާ މިކަންކަން ކޮށްދޭންޖެހޭނޭ ކިޔައި ކުދިންގެ ސިކުނޑިއަށް ޝިކާރަވެ ކުދިންގެ ނާޖާއިޒް ފައިދާ ނަގާ،" އޮފިޝަލް ވިދާޅުވި އެވެ.
ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ މައްސަލަތައް ފެންމަތިވާ މިންވަރު އިތުރުވަމުން އަންނައިރު، ކުދިންނާއި ބެލެނިވެރިން މިބާވަތުގެ ކުށްތަކަށް ވަރަށް ރަނގަޅަށް ހޭލަންޖެހޭނެ އެވެ. މީހަކު އެކުރަނީ ކުށެއްކަން އެނގޭ ހިސާބުން އެކަން ފޮރުވުމުގެ ބަދަލުގައި އަވަހަށް ފުލުހުންނާއި، ޖެންޑާ މިނިސްޓްރީއަށް ރިޕޯޓުކޮށް، ކުދިންނަށް ބޭނުންވާ ރައްކާތެރިކަމާއި އެހީތެރިކަން ވީއެންމެ އަވަހަށް ފޯރުކޮށްދިނުން މުހިންމެވެ. އަމިއްލަ ދަރިންނަށް އުފާވެރި މުސްތަގުބަލެއް ހޯދައިދިނުމަށް، ވަރުގަދަ ފިޔަވަޅުތަކެއް މިވަނީ އަޅަންޖެހިފަ އެވެ.
---
ޖެންޑާގެ ޗައިލްޑް ހެލްޕްލައިން: 1412
ފުލުހުންގެ ހެލްޕްލައިން: 3000600