ސްވިޒަލެންޑްގެ ރޭލެއްގައި ބާއްވާފައި އޮތް އަގުބޮޑު ރަންތަކެއްގެ ވެރިފަރާތް އެގައުމުގެ ފުލުހުން ހޯދަން ފަށައިފި އެވެ.

ރޭލުން ފެނިފައިވަނީ ރަން ބާ ތަކެެވެ.

ޕާރުސަލެއްގެ ތެރޭގައި އޮތް އެ ރަން ބާތަކުގެ އަގު 190،000 ޔޫއެސް ޑޮލަރަށް އަރާނެ ކަމަށް ވަނީ ބެލެވިފަ އެވެ.

ސްވިޑަލެންޑްގެ ފުލުހުން ބުނީ އެ ރަންތައް ފެނުނީ އެގައުމުގެ ސެއިންޓް ގެލަނުން ލުސާންއަށް ދަތުރުކުރި ސްވިސް ފެޑެރަލް ރެއިލްވޭސްގެ ރޭލަކުން މިދިޔަ އަހަރު ފަހުކޮޅު ކަމަށެވެ.

ފުލުހުން ބުނީ އެ ރަންތަކުގެ ވެރިފަރާތް ހޯދުމަށް ކުރި ބުރަ މަސައްކަތް އަދި ކޮޅެއްގައި ޖެހިފައި ނުވާ ކަމަށެވެ. އަދި އޭގެ ވެރިފަރާތް ހޯދުމަށް އާންމުކޮށް އިއުލާންކުރީ އެހެންވެކަމަށް ވެސް ވަނީ ބުނެފަ އެވެ.

ފުލުހުން ބުނީ އެ ރަންތަކާ ހަވާލުވުމުގެ ފުރުސަތު ލިބޭނީ ފަސް އަހަރު ވަންދެން ކަމަށެވެ. --ބީބީސީ--