ސާކް ސަމިޓަށް އައްޑޫ ސިޓީގައި ފައިބަރުން ހަދާފައި، އައްޑޫ ސްޓޭޓް ހައުސް ކުރިމަތީގައި ބާއްވާފައި އޮތް ނަމޫނާ ދޯންޏެއްގައި ރޯވެ އަނދައިފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ ސްޓޭޓް ހައުސް ކުރިމަތީގައި ޑިސްޕްލޭއަކަށް ބާއްވާފައި އޮތް ދޯނީގައި ރޭ އިރާކޮޅު ހިނގި އަލިފާނުގެ ހާދިސާގައި އެ ދޯނި ވަރަށް ބޮޑަށް އަނދައިގެން ގޮސްފައިވާ ކަމަށެވެ. އަދި އެކަންތައް ކޮށްފައި ވަނީ ބަޔަކު ގަސްތުގައި ކަމަށް ބެލެވޭތީ އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.

ނަމަވެސް މިހާދިސާއާ ގުޅިގެން އަދި މިހާތަނަށް އެއްވެސް މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެއް ނުވެ އެވެ.
އައްޑޫ ސިޓީ ހައުސް ކުރިމަތީގައި އޮތް ދޯނީގައި ރޯވި އަލިފާންގަނޑު ނިއްވާލާފައި ވަނީ އެމްއެންޑީއެފާއި ފުލުހުން ގުޅިގެންނެވެ.

އައްޑޫ ސްޓޭޓް ހައުސް ކުރިމަތީގައި އޮތް އެ ދޯނީގައި ބަޔަކު ރޯކޮށްލާފައިވާ އިރު އެ ސަރައްހަދަކީ ހިތަދޫ ޕޮލިސް ސްޓޭޝަން ވެސް ހުންނަ ސަރަހައްދެވެ.