އަންނަ މަހުގެ އެކަކުން ފެށިގެން ސްކޫލުތަކުގެ ކިޔެވުން ފަށާއިރު ދަރިވަރުން އަޅަން އެންމެ އެދެވިގެންވަނީ ފޮތިމާސްކު ކަމަށް އެޑިއުކޭޝަން މިނިސްޓަރު އާއިޝަތު އަލީ ވިދާޅުވެއްޖެއެވެ.

މިރޭ ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ ސްކޫލުގައި ކުދިން ތިބޭއިރުވެސް މާސްކު އަޅަން ޖެހޭނެ ކަމަށެވެ.

"ދަރިވަރުންވެސް މުދައްރިސުންވެސް ސްކޫލަށް އަންނަން ހަމަޖެހިފައި މިވަނީ މާސްކު އަޅައިގެން. އިތުރު މީހަކު ސްކޫލަށް ވަންނަ ކަމަށް ވަނީނަމަވެސް، މާސްކު އަޅައިގެން ވަންނަ ގޮތަށް ހަމަޖެހިފައިވަނީ،" މިނިސްޓަރު ވިދާޅުވިއެވެ.

މާސްކު އެޅުމުގެ ކަންތައް ހަމަޖައްސާފައިވަނީ އެޗްޕީއޭގެ ގައިޑްލައިންތަކާ އެއްގޮތަށް ކަމަށް މިނިސްޓަރު ވިދަޅުވިއެވެ. ސާޖިކަލް މާސްކު އެޅުންވެސް އެންމެ ރަނގަޅުކަން ފާހަގަ ކުރައްވާ މިނިސްޓަރު ވިދާޅުވީ ބޮޑަށް އެދެނީ ދަރިވަރުން ފޮތިމާސްކު އެޅުމަށް ކަމަށެވެ.

"އެއީ ހަރަދު ކުޑަކުރުމާ، ގިނަ ވަގުތުތަކުގައި ދަރިވަރުން ތިބެންޖެހޭނެތީ ފޮތި މާސްކަށް އަޅުގަނޑުމެން ބޮޑަށް މި ބުރަވަނީ،" މިނިސްޓަރު ވިދާޅުވިއެވެ.

ފޮތިމާސްކު ހަދާނެ ގައިޑްލައިންއެއް ސްކޫލުތަކާ ހިއްސާކޮށްފައިވާނެ ކަމަށާއި މާސްކު ހެދުމަށް ބޭނުންކުރާ ފޮއްތަކީ ކައިރިކޮށް ރޮދި ހުންނަހެން ވިޔެފައި ހުންނަ މާސްކަށް ވާންޖެހޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މީގެ އިތުރުން ފަސޭހައިން ދަރިވަރުންނަށް ނޭވާ ލެވޭނެ މާސްކަމަށް ވާންޖެހޭނެ ކަމަށާއި މާސްކުގައި ތިން ލޭޔަރު ހުންނަން ވާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

"މާސްކު ހަދާފައި ހުންނަވާނީ އަނގަ އާއި ނޭފަތް ނިވާވާނެހެން. ބާރުވެގެން ނުވަތަ މާ ދޫވެގެން އަބަދު މާސްކުގައި އަތްލާން ޖެހޭ ގޮތަށް މާސްކު ހެދިގެން ނުވާނެ،"މިނިސްޓަރު ވިދާޅުވިއެވެ.

"މާސްކަކީ ޔުނިފޯމުގެ ބަޔެއް ކަމަށް މި ދެކެނީ ކުރިއަށް އޮތް މަހު. އެހެންވީމާ ދަރިވަރުުން ނުވަތަ ބެލެނިވެރިން މާސްލު ހަދާކަހަލަ ގޮތަށް ހަމަޖެހިފައިވަނީ،"

މީގެ އިތުރުން ހުރިހާ ސްކޫލެއްގައިވެސް އަތް ދޮވެވޭނެ އިންތިޒާމު ހަޖަމައްސާފައިވާނެ ކަމަށާއި، ސައިބޯންޏާއި ސެނިޓައިޒާ ސްކޫލުތަކަށް ފޯރުކޮށްދޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"ސެނިޓައިޒް ކުރާނެ ގޮތާއި ޑިސް އިންފެކެޓު ކުރާނެ ގޮތް ސަޕޯޓު ސްޓާފުންނަށާއި އެހެން މުވައްޒަފުންނަށްވެސް ހިންގަން ނިންމާފައިވާނެ،" މިނިސްޓަރު މިރޭ ވިދާޅުވިއެވެ.

އެޑިއުކޭޝަން މިނިސްޓަރު ދެއްވި ޔަގީންކަމަކީ ސްކޫލު މާހައުލަކީ ދަރިވަރުންނަށް ރައްކާތެރި މާހައުލަކަށް ވަނެ ކަމުގެ ޔަގީންކަމެވެ.

"ބެލެނިވެރިންނަށް ކަށަވަރުކޮށްދޭން ބޭނުންވަނީ ސްކޫލު މާހައުލަކީ ދަރިވަރުންނަށް ރައްކާތެރި މާހައުލަކަށް ވާނެކަން. ސްކޫލަށް ދަރިވަރުން ވެއްދޭނީ ހުން ބެލުމަށްފަހު. މިކަމަށް ޓްރެއިން ކޮށޤފައި ތިބޭ ސްޓާފުން ހުރިހާ ގޭޓެއް ކައިރީ ތިބޭނެ،"

ފިޒިކަލް ޑިސްޓެންސިންގެ ކަންތައް ދެމެހެއްޓުމަށް ކްލާސްރޫމުތަކުގެ ސައިޒް ކުޑަކޮށް ކްލާހެއްގަިއ ތިބޭނީ 16 ކުދިން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.