31 Dec 2011, 09:44
މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި ރައްޔިތުން މަޖިލީހުގެ ޖަލްސާގައި ޤަވާއިދާ އިހިލާފު އެއްވެސް ކަމެއް ކޮށްފައި ނުވާނެ ކަމަށް ރައްޔިތުން މަޖިލީހުގެ އިދާރާ އިން ބުނެފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ އެންމެ ފަހު ޖަލްސާގައި ހިނގައި ދިޔަ ކަންތައްތަކާ ބެހޭ ގޮތުން ރައްޔިތުންގެ މަޖިލީހުގެ ރައީސް ދެކެވަޑައިގަންނަވާ ގޮތް ހާމަކޮށް ރޭ ނެރިފައިވާ ބާޔާނުގައި މައިގަނޑު ތިން ކަމަށް ރައްދު ދީފައިވެ އެވެ.
އެގޮތުން ބައެއް ޚަބަރު ފަތުރާ ވަސީލަތްތައް މެދުވެރިކޮށް ޝާއިޢުކޮށްފައިވާ ބައެއް ވާހަކަތަކާ ގުޅިގެން ނެރުނު މި ބަޔާނުގައި އެ ދުވަހު މަޖިލީހުގައި އެންމެ ފަހުން ވޯޓުނަގާފައި ވަނީ ޤާނޫނު އަސާސީއާ ޚިލާފަށް ކަމަށް ދެކޭވޭ ވާހަކައާ ގުޅިގެން ބުނެފައި ވަނީ އެ ޖަލްސާގައި ރިޔާސަތުން ވޯޓަށް އައްސަވާފައި ވަނީ ޤާނޫނު އަސާސީގެ 87 ވަނަ މާއްދާގެ (ށ) ގައި ބަޔާން ކުރާ ޤާނޫނީ އަދަދު ލިބިފައިވާ ޖަލްސާއެއްގައި ކަމަށެވެ.
އަދި އެ ދުވަހުގެ ޖަލްސާގައި އަށް މެންބަރެއްގެ ނަން އިއްވަވަން ޖެހިވަޑައިގަތީ ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގެ 51 ވަނަ މާއްދާގެ (ށ) އާ ބައެއް މެންބަރުން ޚިލާފުވެވަޑައިގަތުމުގެ ސަބަބުން ކަމަށް ވެސް އެ ބަޔާނުގައި ވަނީ ބުނެފަ އެވެ.
މީގެ އިތުރުން އެ ދުވަހު މަޖިލިސް މެދުކަނޑުއްވާލެއްވީ ނަން އިއްވެވި މެންބަރުން މަޖިލީހުގެ ގަވައިދުވާ ގޮތުގެ މަތިން މަޖިލިސް ދޫކޮށް ނުދިޔުމުގެ ސަބަބުން ނަން އިއްވެވި މެންބަރުން މަޖިލިސްކުރާ މާލަމުން ނެރެވެން ދެންކަމަށް މިބަޔާނުގައި ވަނީ ބުނެފަ އެވެ.