15 Jun 2020, 23:08
މެލޭޝިއާ އިން 195 ދިވެހިން މިރޭ ރާއްޖެ ގެނެސްފި އެވެ.
މިއީ މެލޭޝިއާގައި ތިބި ދިވެހިން ގެނައުމަށް މޯލްޑިވިއަން އިން ބޭއްވި ދެ ވަނަ ފްލައިޓެވެ. މެލޭޝިއާގައި ތިބި ދިވެހިންގެ ތެރެއިން ރާއްޖެ އަންނަން ބޭނުންވާ މީހުންނަށް ހާއްސަ ފްލައިޓެއް އަންނަ ބުދަ ވެސް އޮންނާނެއެވެ.
ފޮރިން މިނިސްޓްރީ އާއި މޯލްޑިވިއަން ގުޅިގެން ބޭއްވި މި ހާއްސަ ފްލައިޓުން އައި މީހުންނަށް 30 ކިލޯގެ ބެގެޖް އެލަވެންސް ދީފައިވެ އެވެ.
ފޮރިން މިނިސްޓްރީން ރޭ ބުނެފައި ވަނީ މެލޭޝިއާ އިން އަންނަ ފްލައިޓުތަކުގައި ރާއްޖެ އަންނަން 450 އެއްހާ މީހުން ނަން ނޯޓުކޮށްފައިވާ ކަމަށެވެ.
ކޮވިޑް19 އާ ގުޅިގެން ބޭރުގައުމުތަކުގައި ތިބި ދިވެހިން ރާއްޖެ ގެނައުމަށް ކުރާ މަސައްކަތުގެ ތެރެއިން މިހާތަނަށް 14 ގައުމަކުން 2،000 އެއްހާ ދިވެހިން ވަނީ ގެނެސްފަ އެވެ. އަދި ކުރިއަށް އޮތް ތަނުގައި ވެސް ގައުމުތަކުން މީހުން ގެނައުމަށް ފްލައިޓުތައް ބާއްވަން އަންނަނީ މަސައްކަތް ކުރަމުންނެވެ.