ޖުލައި 1 ގައި ސްކޫލްތައް ހުޅުވަން އެޑިއުކޭޝަން މިނިސްޓްރީން ނިންމައިފިއެވެ.

ނެޝަނަލް އިަޖެންސީ އޮޕަރޭޝަން ސެންޓަރުގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ޑރ. އާއިޝަތު އަލީ ވިދާޅުވީ އެޗްޕީއޭ އާއި މަޝްވަރާކޮށް، ބަލިމަޑުކަން ނުފެތުރޭ ރަށްރަށުގައި ގްރޭޑު އެކަކުން ފެށިގެން 12 އަށް ފޭސް ޓު ފޭސް ކޮށް ކިޔަވައިދޭން ނިންމާފައިވާ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ސްކޫލުތައް ހުލުވާނީ ފޭސްތަކަކަކަށް ބަހާލައިގެން ކަމަށެވެ.

ސްކޫލުތައް ހުޅުވިނަމަވެސް ކިޔަވައިދޭނީ ހަތަރު ދުވަހުއެވެ. ފަސްވަނަ ދުވަހަކީ ޓީޗަރުންނަށް ކިޔަވައިދިނުމަށް ތައްޔާރުވުމަށް އޮންނަ ދުވަހެވެ. ފޭސް ޓު ފޭސް ކޮށް ކިޔަވައިދިން ނަމަވެސް ދަރިވަރުން ސްކޫލުގައި ހޭދަކުރާނީ ހަތަރު ގަޑިއިރެވެ. އެއީ 45 މިނެޓުގެ ހަތަރު ގަޑިއެވެ.

ސްކޫލުތައް ހުޅުވުވުމަށް ނިންމާފައިވާއިރު، އެންމެ އިސްކަންދޭނީ ސިއްހީ ރައްކާތެރިކަމަށް ކަމަށާއި، އެއާއެކު ކިޔެވުމާ އުނގަންނައިދިނުމުގެެ ކަންތައް ކުރިއަށްގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ސްކޫލުތައް ހުޅުވަން ނިންމާފައިވާއިރު، ފުލް ކޮލްޑައުންއެއްގައި ސްކޫލުތައް ނުހުޅުވާނެއެވެ. މޮނިޓަރިންގެ ހާލަތުގައި އޮންނަ ރަށްރަށުގައި ކިޔަވައިދޭނީ ކީސްޓޭޖު ހަތަރެއް އަދި ފަހަކަށެވެ. ބަލީގެ އެއްވެސް އަލާމާތެއް ނެތް ރަށްރަށުގައި ގްރޭޑު އެކަކުން 12 އަށް ފިޒިކަލް ކޮށް ކިޔަވައިދޭނެއެވެ.

މިނިސްޓަރު ޑރ. އާއިޝަތު އަލީ ވިދާޅުވީ މާޗުމަހުން ފެށިގެން ސްކޫލު ދަރިވަރުން ތިބެނީ ގޭގައި ކަމަށާއި، މިއީ ގިނަ ކަންކަންތައްތަކަކުން ދަރިވަރުން މަހުރޫމުވާ ކަމެއް ކަމަށެވެ.

"ގާތްގަނޑަކަށް ތިން މަސްވެއްޖެ. އެކުދިންނަށް ވަރަށް ގިނަ ކަންކަމުން މަހުރޫމު ވެފައި މިވަނީ. ސްކޫލަކީ ހަގީގަތުގައި ދަރިވަރުން ހަމައެކަނި ކިޔަވަން އަންނަ ތަނެއް ނޫން. ދަރިވަރުންގެ އިޖުތިމާއީ ހުނަރުތަކާ އެކުދިންގެ ރައްޓެހިންނާ ބައްދަލުވެ، ބައިވަރު ކަންތައްތައް ސްކޫލު ތެރެއިން އެބަ ފުރިހަމަވޭ، އަދި ބައެއް ކުދިންނަށް ސްކޫލު އެއީ ހަމައެކަނި އެކުއްޖާއަށް ލިބޭ ސޭފް ޕްލޭސް ކަމަށް އެބަވެ،" މިނިސްޓަރު ވިދާޅުވި ސްކޫލުތައް ހުޅުވުމަކީ މުހިއްމު ކަމެއް ކަމަށެވެ.

މިވީ ތިން މަސް ތެރޭ ދަރިވަރުންގެ ކިޔެވުމަށް ހީނަރުކަން އައިސްފައިވާ ކަން ފާހަގަ ކުރައްވާ މިނިސްޓަރު ވިދާޅުވީ މަސައްކަތް ކުރަމުންދިޔައީ ދަރިވަރުންގެ ކިޔެވުން ހުއްޓާނުލާ ކުރިއަށް ގެންދިޔުމަށް ކަމަށެވެ.

"ނަމަވެސް ސްކޫލަށް ދަރިވަރުން ހާޒިރުވެގެން އެކިޔަވާ ގޮތަށް ކިޔެވުން ކުރިއަކަށް ނުގެންދެވޭ. ދަތިހާލަތުގައި ކިޔަވައި ދެވެން އޮތްގޮތަކަށް އަޅުގަނޑުމެން ދިޔައި ކިޔަވައިދެމުން،" މިނިސްޓަރު ވިދާޅުވިއެވެ.

ޓެލިކްލާސް އަދި ގޫގުލް ކްލާސްތައް މެދުވެރިކޮށް ކިޔެވުން ކުރިއަށް ގެންދިޔަކަން ފާހަގަ ކުރައްވާ މިނިސްޓަރު ވިދާޅުވީ ސްކޫލުތައް ހުޅުވާލުމަށް ނިންމާ އެކަމާ ގުޅޭ ގައިޑްލައިންތައްސްކޫލުތަކަށް މިހާރު ފޮނުވާފައިވާ ކަމަށެވެ.

"އެންމެ ބޮޑަށް ސަމާލުކަން މިދެނީ ބަލީގެ އެއްވެސް އަލާމާތެއް ހުރި މުވައްޒަފަކުވެސް އަދި ދަރިވަރެއްވެސް ސްކޫލަށް ނައުން،" މިނިސްޓަރު ވިދާޅުވިއެވެ.

ސްކޫލު ހުޅުވުމުގެ ކުރިންނާއި، ހުޅުވިގެންދާއިރު އަދި ހުޅުވުމަށްފަހު ކަންކުރަންޖެހޭގޮތް ސްކޫލުތަކަށް އަންގާފައިވާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ސްކޫލު ހުޅުވުމުގެކަންތައް ރާވާފައިވަނީ އެޑިއުކޭޝަން ރެސްޕޮންސް ޕްލޭންގެ ދަށުން ޔުނިސެފްގެ އެހީތެރިކަމާއެކުއެވެ. މި ޕްލޭންގައި ފަސް ބަޔެއް ހިމަނާފައިވާއިރު، އެއީ ސްކޫލުތަކުގެ ރައްކާތެރިކަމާއެކު ހިންގުމާއި، ކިޔަވައިދިނުމާއި އުނގެނުން ކުރިއަށް ގެންދިޔުން އަދި ވަލްނަރަބްލް ކުދިންނަށް ވާސިލްވުމުގެ އިތުރުން ބަލިން ރައްކާތެރިވުމާއި ރެޒިލިއަންސް ބިލްޑު ކުރުން އަދި މި ހާލަތުގައި ސްކޫލު ހިންގުމާއި ކޮޑިނޭޓު ކުރުމެވެ.

އާ އާންމު ހާލަތުގައި ސްކޫލުތަކުގައި ކިޔަވައިދޭނީ ކޮންޑެންސްޑް ކަރިލިޔުލަމް އަކަށެވެ. އެގޮތުން ކަރިކިޔުލަމްގައި ހުރި އެންމެ މުހިއްމު ބައިތައް ފާހަގަކޮށް ކަރިކިޔުލަމް އަށް ބަދަލުތައް ގެނެސްފައި ވާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީ އިން ބުންޏެވެ. އަދި މި ބަދަލުތައް މިހާރު ސްކޫލުތަކާ ހިއްސާކޮށްފައިވާއިރު، ސްކޫލުތަކުން މިހާރު ޓައިމްޓޭބަލް ހެދުމުގެ ކަންތައް ކުރިއަށްގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ސްކޫލުތައް ހުޅުވާލާއިރު ހުރިހާ ސްކޫލުތަކެއްގައިވެސް އަތްދޮވެ ސެނިޓައިޒް ކުރާނެ އިންތިޒާމު ހަމަޖައްސާނެެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. ކުދިން ސްކޫލަށް ވަންނައިރު ކުދިންގެ ޓެމްޕަރޭޗާ ބަލާނެއެވެ. ސްކޫލަށް ކުދިން ދާން ޖެހޭނީ މާސްކު އަޅައިގެންނެވެ.