މިމަހުގެ ހަ ވަނަ ދުވަހު ސިނަމާލެ ބްރިޖުން ކަނޑަށް ފުންމާލި އިންޑިއާ މީހާ ސަލާމަތްުކުރުމުގައި ހަރަކާތްތެރިވި ފުލުހުންނަށް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ޝުކުރު އަދާކުރައްވައިފިއެވެ.

ފުލުހުން ވަނީ އެ ހާދިސާ ހިނގި ގޮތް ހިއްސާ ކޮށްފައެވެ.

ސިނަމާލެ ބްރިޖުން މީހަކު ފުންމާލި ކަމުގެ މައުލޫމާތު ޖޫން ހަ ވަނަ ދުވަހު 15:46 ހާއިރު ފުލުހުންގެ ކޮމާންޑް ސެންޓަރަށް ލިބުމާއެކު އެ މައުލޫމާތު މެރިން ޕޮލިސްއާ ހިއްސާކުރެވުނު ކަމަށާއި، މައުލޫމާތު ލިބުމާއެކު، ތައްޔާރީ ހާލަތުގައި އެވަގުތު ޑިއުޓީގައި ތިބި މެރިން ޕޮލިސްގެ ފުލުހުން އެ ސަރަހައްދަށް ދިޔަކަމަށް ފުލުހުން ބުންޏެވެ.

ދޫނިދޫގައި ގާއިމްވެ ތިބޭ މެރިން ޕޮލިސްގެ ފުލުހުންނަށް ހާދިސާ ހިނގައިގެން އުޅޭ ސަރަހައްދަށް ދެވުނީ 15:53 އެހައިކަންހާއިރު ކަމަށާއި އެ ސަރަހައްދަށް ގޮސް ބެލިއިރު ބްރިޖުގެ އެންމެ އުސް ދިމާލު ކަނޑުގައި ހަރަކާތެއް ނެތި ބަނޑުވަތަށް އޮތް މީހަކު ފެނުނު ކަމަށް ފުލުހުން ބުންޏެވެ.

އެމީހާ ފެނުމާއެކު، ޕޮލިސް 54 ނަންބަރު ލޯންޗުގައި ދަތުރުކުރި 4 ފުލުހުންގެ ތެރެއިން ޕޮލިސް ސްޓޭޝަން އިންސްޕެކްޓަރު ހަނީފް ހުސައިން އާއި ޕޮލިސް ސާޖަންޓް އަބްދުލް ހަސީބް އަބްދުލް ހަމީދު މުދަށް ފުންމާލައި އެމީހާ އުއްޑުން ޖަހައި ލޯންޗުގައި ދެން ތިބި ޕޮލިސް ކޯޕްރަލް އާދަމް މުހައްމަދާއި ޕޮލިސް ކޯޕްރަލް އާދަމް ހާނިމް ގެ އެހީތެރިކަމާއެކު ލޯންޗަށް ނަގައި ސީޓް މަތީގައި މީހާ ބޭއްވުމަށް ފަހު އަވަސް ފަރުވާ ދޭންފެށި ކަމަށް ފުލުހުން ބުންޏެވެ.

ލޯންޗަށް މީހާ ނެގި ވަގުތު އެމީހާ ފުން ނޭވާއެއް ލި ކަމަށާއި އަދި ލޯންޗަށް ނަގައި ސީޕީއާރު ދިނުމުން ބޮވިފައިހުރި ލޮނުތައް ބޭރުވެ ހާލަތު ކޮންމެވެސް ވަރަކަށް ރަނގަޅުވި ކަމަށްވެސް ފުލުހުން ބުންޏެވެ. އެމީހާ ހޮސްޕިޓަލަށް ގެންގޮސްފައިވަނީ ވިލިމާލެ ފެރީޓާމިނަލް އަށް ލޯންޗު ކައިރިކޮށް އެ ސަރަހައްދުގައި އޮތް ޕިކަޕެއްގެ އެހީތެރިކަމާއެކު ކަމަށްވެސް ފުލުހުން ބުންޏެވެ.

ބްރިޖު މަތިން ފުންމާލި މީހާ ސަލާމަތްކުރުމުގައި ހަރަކާތްތެރިވި ފުލުހުންނާ އިސްކަންދަރު ކޮށި އެކެއްގައި މިއަދު ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން، ސީޕީ ހަމީދު ވަނީ އެމީހާ ސަލާމަތް ކުރުމުގައި، ހާދިސާ ހިނގި ސަރަހައްދަށް ދިޔަ ފުލުހުން ދެއްކެވި ސާބިތުކަމަށާއި ހިތްވަރަށް ޝުކުރު ދަންނަވައިފައެވެ. މީގެ އިތުރުން، މީހެއްގެ ފުރާނަ ސަލާމަތް ކުރެވުމަކީ ރައްޔިތުންނަށް ހިދުމަތް ކުރުމުގައި ލިބޭނެ އެންމެ ބޮޑު އެއް ޝަރަފާއި ފަހުރު ކަމަށާއި ހުރިހާ ފުލުހުންވެސް، ރައްޔިތުންނަށް ހިދުމަތް ކުރުމުގައި، ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް މަސައްކަތް ކުރުމަކީ އެންމެ އިސް ވާޖިބު ކަމުގައި ދެކެން ސީޕީ ވަނީ އެދިލައްވައިފައެވެ.