ކޮރޯނާ ވައިރަސްއާއެކު ގްރޭޓާ މާލެ ސަރަހައްދު ފުރަބަންދުކުރުމުންވެސް ސްޓެލްކޯގެ ހިދުމަތުގައި އުޅުނު މުވައްޒަފުންގެ އަގު ވަޒަންކޮށް އެ މުވައްޒަފުންނަށް ހަނދާނިީ ލިޔުން ދީފިއެވެ.

އެގޮތުން ގްރޭޓާ މާލެ ސަރަހައްދުގައި ސްޓެލްކޯގެ އިންޖީނުގެ ގެތަކުގައި ޖުމްލަ 217 މުވައްޒަފަކު ފުރަބަންދުވެގެން ހިދުމަތް ދިނުމުގައި 59 ދުވަސް ވަނީ ހޭދަކޮށްފަ އެވެ.

މާލެ، ހުޅުމާލެ އަދި ވިލިމާލޭގައި އެއްވަގުތެއްގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ވަނީ މުވައްޒަފުންނަށް ހަނދާނީ ލިޔުން އަރުވައިފައެވެ.

މާލޭގެ ފުރަބަންދުގައި ތިބި މުވައްޒަފުންނަށް މެޖޭނިން ޑިރެކްޓަރު ހަސަން މުޣުނީ ސެޓްފިކެޓް ދެއްވި އިރު، ވިލިމާލޭގެ ސެޓްފިކެޓްތައް ހަވާލު ކޮށްދެއްވީ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ލަތީފެވެ. އަދި ހުޅުމާލޭގެ ސެޓްފިކެޓްތައް ހަވާލުކޮށްދެއްވީ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ޑރ. އަލީ އަޒުވަރެވެ.

މިއަދުގެ ރަސްމިއްޔާތުގައި ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރު ހަސަން މުޣުނީ ވިދާޅުވީ ކޮވިޑް ހާލަތުގައިވެސް ރައްޔިތުންނަށް ދޭންބޭނުންވާ ހިދުމަތް އޭގެ އެންމެ ފުރިހަމަ ގޮތުގައި ދެވިގެން ދިއުމަކީ އެންމެ ބޮޑު ހިތްހަމަޖެހުން ކަމަށެވެ.

އެމުއްދަތުގެ ތެރޭގައި މުވައްޒަފުންގެ ފަރާތުން ފެނިގެންދިޔަ ކެތްތެރިމަށާއި، އާއިލާތަކާއި ދުރުގައި ތިބެގެން ކުރި މަސައްކަތަށް މުޣުނީ ތައުރީފް ކުރައްވައި އެބޭފުޅުންނަށް ޝުކުރު ދަންނަވައިފައެވެ.

އޭނާ އިތުރަށް ވިދާޅުވީ ކޮންމެ އަހަރަކުވެސް ސްޓެލްކޯގެ މަސައްކަތަަށް އެންމެ ބާރު ބޮޑުވަނީ ހޫނު މޫސުމުގައިކަމަށާއި، ކޮވިޑް ހަލާތުގައި ސްޓެލްކޯގެ މުވައްޒަފުން ބުރަ މަސައްކަތްތަކެއްް ކޮށް އެހެން އަަހަރުތަކުގެ ހޫނުމޫސުމުގައި ދިމަވާ ކަރަންޓު ކެނޑުމުގެ މައްސަލައަށް ހައްލު ހޯދަދީފައިވާ ކަމަށެވެ.

"އަޅުގަނޑުމެންނަށް އެންމެ ބޮޑު ހިތްހަމަޖެހުމެއްގެ ގޮތުގައި މިއޮތް ހިތްހަމަޖެހުމަކީ މިއަހަރުގެ ތެރޭގައި ކަރަންޓު ކެނޑިގެނެއް ނުއެއްދޭ. އެހެންވީމަ އާންމު ރައްޔިތުންނަށް އަޅުގަނޑުމެން ދޭން ބޭނުންވާ ހިދުމަތް އެންމެ ފުރިހަމަޔަށް ދެވިއްޖެ ކަމަށް އަޅުގަނޑު ގަބޫލު ކުރަން،" މުޣުނީ ވިދާޅުވި އެވެ.

މުޣުނީ އިތުރަށް ވިދާޅުވީ، މިއަހަރުގެ ހޫނު މޫސުމާއި، ރޯދަމަސް ދިމާވި ކަމުގައިވީނަމަވެސް، ކަރަންޓުގެ މައްސަލަތަކެއް ދިމާވެފައިނުވާ ކަމަށާއި، އެ ފަދަ މައްސަލައެއް ދިމާނުވެ، ކަސްޓަމަރުންނަށް ފުރިހަމަޔަށް ހިދުމަތް ދެވުމަކީ ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށެވެ.

ސްޓެލްކޯ ހިމެނިގެންދާނީ ކޮވިޑާ ގުޅިގެން ދިމާވެދާނެ ކަންކަމަށް އެންމެ ފުރަތަމަ ތައްޔާރުވާން ފެށި ކުންފުނިތަކުގެ ތެރޭގައި ކަމަށާއި، އެގޮތުން ފެބްރުއަރީ މަހުން ފަަށައިގެން އެކަަމަށް ތައްޔާރުވެ އެސްއޯޕީތައް އެކުލަވާލަން ފަށާފައިވާ ކަން މުޣުނީ ފާހަގަކުރެއްވިއެވެ.އަދި އެކަމަށްޓަކައި ދުރާލާ އެޅިގެންދިޔަ ފިޔަވަޅުތަކުގެ ނަތީއްޖާއަކީ މިހާތަނަށް ސްޓެލްކޯގެ އެއްވެސް މުވައްޒަފަކު ކޮވިޑަށް ޕްޒިޓިވް ނުވާކަމަށްވެސް ވިދާޅުވިއެވެ.

"އެހެންވީމަ މިއީ އަޅުގަނޑުމެންގެ ޕްރޮސެސް ހަރުދަނާ ވުމާއި، އަދި މުވައްޒަފުން އެއަށް އަމަލު ކުރުމުގެ ނަތީޖާ. އެހެންވީމަ އަޅުގަނޑު މިކަމާ ވަރަށް ހިތްހަމަޖެހޭ." މުޣުނީ ވިދާޅުވިއެވެ.

ގައުމު މިދެކޭ ދުވަސްތަކަކީ ދަތި ދުވަސްތަކެއް ކަމަށާއި، މި ދުވަސްތަކުން އަރައިގަނެ ފަސޭހަ އަދި އުފާވެރި ދުވަސްތަކަކަށށް ގައުމު އަލިވިލޭނީ، އެންމެންގެ މިންނެތް މަސައްކަތުން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"އެންއީއޯސީގެ ތަފާތު އެކި މަސައްކަތްތަކުގައި ސްޓެލްކޯގެ 50 މުވައްޒަފުން އަވަދި ނެތި މަސައްކަތް ކުރަމުންގެންދޭ. އެހެން ދުވަސްތަކަކާއި ތަފާތެއްނެތި. ކުންފުނިން ދެމުންގެންދާ ހިދުމަތް މިދުވަސްތަކުގައިވެސް ދަނީ ދެމުން. ކޮވިޑްގެ މަސައްކަތުގައި ސަރުކާރުގެ ހުރިހާ އެދުވަޑައިގަތުމަކަށް އެހީތެރިވެދެވުނު. ކަސްޓަމަރ ކެއާގެ ހިދުމަތްތައް ލަސްކަމެއްނެތި ފޯރުކޮށްދެވުނު. ސީއެސްއާރުގެ ގޮތުގައި 6 މިލިއަނާ ގާތަށް ވަނީ އެހީތެރިކަން ފޯރުކޮށްދެވިފައި،" މުޣުނީ ވިދާޅުވި އެވެ.