31 Dec 2011, 09:10
ވޮޝިންގޓަން (ޑިސެމްބަރ 31) : 29.4 ބިލިޔަން އެމެރިކާ ޑޮލަރުގެ ހަތިޔާރު ސައޫދީ އަރަބިޔާއަށް ވިއްކުމަށް ހަމަޖެހިފައިވާކަން އެމެރިކާ އިޢްލާންކޮށްފިއެވެ.
ވައިޓް ހައުސްގެ ތަރްޖަމާނު ޖޯޝް އާނެސްޓް ރޭ ވިދާޅުވީ 29.4 ބިލިޔަން ޑޮލަރުގެ ޝިޕްމަންޓްގައި ހިމެނެނީ އެފް 15 އެސް.އައި. މަރުކާގެ 84 ފައިޓަރ ޖެޓާއި ސައޫދީ ވައިގެ ސިފައިން މިހާރު ބޭނުންކުރާ ފައިޓަރޖެޓް މަތިންދާބޯޓުތަކުގެ ތެރެއިން 70 ބޯޓު އަޕްގްރޭޑް ކުރުމާއި މިބޯޓްތަކަށް ބޭނުންވާ ހަތިޔާރާއި ސްޕެއަރ ޕާޓްސް ދިނުމާއި މިބޯޓުތައް ދުއްވުމާއި މަރާމާތުކުރުމުގެ ތަމްރީން ސައޫދީ ވައިގެ ސިފައިންނަށް ދިނުމާއި ލޮޖިސްޓިކް ޚިދްމަތްތައް ފޯރުކޮށްދިނުން ކަމުގައެވެ.
އެމެރިކާއިން ސައޫދީ އަރަބިޔާއަށް ވިއްކުމަށް ނިންމި އެފް 15 އެސް.އައި. މަރުކާގެ ފައިޓަރޖެޓް މަތިންދާބޯޓަކީ އެމެރިކާގެ ބޮއިންގ ކުންފުނިން އުފައްދާ ވަރަށް އެޑްވާންސް ޓެކްނޮލޮޖީއެއްގެ މަތިންދާ ބޯޓުތަކެކެވެ. މިޝިޕްމަންޓްގެ ސަބަބުން ސައޫދީ އަރަބިޔާއާއި އެމެރިކާގެ ގުޅުންތައް "އިތުރަށް ހަރުދަނާވެ" ގަލްފުގެ ސަރަޙައްދަށް "ހަމަޖެހުން" އަންނާނެ ކަމަށް ވައިޓް ހައުސްއާ ޙަވާލާދީ ރޮއިޓާސް ބުނެއެވެ.
ސައޫދީ އަރަބިޔާއަށް ވިއްކާ ހަތިޔާރުގެ މިޝިޕްމަންޓްގެ ސަބަބުން އެމެރިކާގައި 50 ހާސް ވަޒީފާގެ ފުރްސަތު ތަނަވަސްވުމާއި ބޮއިންގ ކުންފުންޏަށް ލިބޭނެ ކަމަށް ބެލެވޭ 10 ބިލިޔަން ޑޮލަރުގެ ސާފު ފައިދާގެ އިތުރުން ޓެކްސްގެ ގޮތުގައި 3.5 ބިލިޔަން އެމެރިކާ ޑޮލަރު އެމެރިކާގެ ދައުލަތުގެ ޚަޒާނާއަށް ސީދާގޮތެއްގައި ވަންނާނެ ކަމަށް ވައިޓް ހައުސް އާ ޙަވާލާދީ މީޑިޔާ ރިޕޯޓްތައް ބުނެއެވެ.
މިހާގިނަ ޢަދަދެއްގެ ހަތިޔާރު އެމެރިކާއިން ގަތުމަށް ސައޫދީ އަރަބިޔާއަށް ވިސްނައިދިނުމުގައި އެމެރިކާގެ ބޭނުމަކީ އަޑިއަޅާލާފައިވާ އެމެރިކާގެ އިޤްތިސާދަށް މިކަމުގެ ސަބަބުން އާރޯކަން ގެނެވޭތޯ ބެލުމާއި ސައޫދީ އަރަބިޔާގެ އަވަށްޓެރި އީރާނަށް ބިރުދެއްކުމުގެ މެސެޖް ދިނުން ކަމަށް މީޑިޔާ ރިޕޯޓްތައް ބުނެއެވެ. (ރޮއިޓާސް+މީޑިޔާ ރިޕޯޓްތައް)