16 Jun 2020, 09:38
އަންކަރާ (15 ޖޫން 2020): އަމިއްލަ ޓެކްނޮލޮޖީގައި ތުރުކީން އުފައްދާފައިވާ އިލެޓްރިކް ރޭލު، އޭގެ ދަގަނޑު މަތީގައި ދުއްވައި ޓެސްޓް ކުރުމުގެ މަސައްކަތް ފަށަން ތައްޔާރުވަމުން ދާކަމަށް އެގައުމުން ބުނެފި އެވެ.
ތުރުކީގެ ޓްރާންސްޕޯޓާއި އިންފްރާސްޓްރަކްޗާ ބެހޭ ވަޒީރު އާދިލު ގުއްރާ އިސްމާއީލު ވިދާޅުވީ ތުރުކީން އުފެއްދި އިލެޓްރިކް ރޭލު ގަޑިއަކު 300 ކިލޯމީޓަރުގެ ބާރުމިނުގައި ދަތުރުކުރާނެ ކަމަށާއި މި ރޭލު އޭގެ ދަގަނޑު މަތީގައި ދުއްވައި ތަޖުރިބާކުރުމުގެ މަސައްކަތް ފަށާނީ އަންނަ އޮގަސްޓް މަހުގެ އެއްވަނަ ދުވަހު ކަމަށެވެ.
މިކަމަށްޓަކައި ވާންޖެހޭ އެންމެފަހުގެ ތައްޔާރީތައް ވަމުންދާކަމަށާއި މި ރޭލަށް ހާއްސަ ދަނގަނޑު (ރެއިލްވޭ) ބިނާކޮށް އެންމެފަހުގެ ޗެކްކުރުންތައް އިންޖިނޭރުން ޗެކް ކުރަމުން ގެންދާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ. މި ތަޖްރިބާތަކަށްފަހު ތުރުކީގައި ދެން ބިނާކުރާ ރޭލްވޭތަކުގައި ބޭނުންކުރާނީ އެގައުމުން އުފައްދާ ރޭލުތައް ކަމަށާއި ތުރުކީގައި އުފައްދަނީ ސިނާއީ ގޮތުން އެންމެ ކުރިއަރާފައިވާ ގައުމުތަކުން އުފައްދާ ފެންވަރުގެ އެ ސްޕެސިފިކޭޝަންގެ ރޭލު ކަމަށްވެސް އާދިލު ވިދާޅުވި އެވެ.
ސިނާއީގޮތުން އެންމެ ކުރިއަރާފައިވާ ގައުމުތަކުން ސަފަށް ވަނުމަށް ތުރުކީ ގެންދަނީ ދުރުރާސްތާގެ އުންމީދީ ސްޓްރެޓީޖިކް ޕްލޭނެއް ތަންފީޒު ކުރަމުންނެވެ. އިލެޓްރިކް ރޭލަކީ މި ސްޓްރެޓީޖިކް ޕްލޭންގެ ތެރެއިން ކުރިޔަށް ގެންދާ ބިޔަ ސިނާއަތްތަކުގެ ތެރޭގައި ހިމެނޭ ސިނާއަތެއްކަމަށް ތުރުކީގެ ވަޒީރު އާދިލު ގުއްރާ އިސްމާއީލު ވިދާޅުވި އެވެ.
އާދިލު މިހެން ވިދާޅުވީ ތުރުކީގެ އުތުރުގެ ސަގާރިޔާ ޕްރޮވިންސްގައި ބިނާކޮށްފައިވާ އިލެކްޓްރިކް ރޭލް އުފައްދާ ކާރުހާނާތަކަށް ކުރެއްވި ޒިޔާރަތެއްގަ އެވެ. މި ކާރުހާނާތަކަކީ އަމިއްލަ ޓެކްނޮލޮޖީގައި ތުރުކީގެ އެތަށް ކުންފުންޏެއް ގުޅިގެން އުފައްދާފައިވާ ކާރުހާނާ ތަކެކެވެ.
ތުރުކީ އަކީ ހަތިޔާރުގެ ސިނާއަތުވެސް ކުރިއެރުވުމަށްވެސް ގިނަ ރީސާޗްތަކަކާއި ބޮޑު އިންވެސްޓްމަންޓްތަކެއް ކުރަމުން ގެންދާ ގައުމެކެވެ. ކުރިން ތުރުކީ ސިފައިން ބޭނުންކުރާ ހަތިޔާރުގެ 90 އިންސައްތައަކީ އެމެރިކާގައި އުފައްދާ ހަތިޔާރެވެ. ނަމަވެސް ސިނާއީގޮތުން އެންމެ ކުރިއަރާފައިވާ ގައުމުތަކުގެ ސަފަށް ވަނުމަށް ތުރުކީ ތަންފީޒު ކުރަމުން ގެންދާ ސްޓްރެޓީޖިކް ޕްލޭންގެ ދަށުން 2010 އިން ފެށިގެން ތުރުކީވަނީ ލުއި ހަތިޔާރުގެ އިތުރުން ޓޭންކާއި ޑްރޯން، ރޮކެޓް، މިސައިލް، ބޮޑުބަޑި ހަނގުރާމަ މަތީ މަނަވަރާއި ސަބްމެރިން އަދި ރާޑަރު ސިސްޓަމްތަކާއި އެނޫންވެސް ބަރު ހަތިޔާރުވެސް އުފައްދަން ފަށާފަ އެވެ.
މިސިނާއަތްތަކާއެކު އެމެރިކާއިން ހަތިޔާރު ގަންނަ މިންވަރު ތުރުކީވަނީ ވަރަށް ބޮޑުތަން ކުޑަކޮށްފަ އެވެ. ތުރުކީ ގެ ދިފާއީ ވުޒާރާ ބުނާގޮތުން އެގައުމުގެ ސިފައިންނަށް ބޭނުންވާ ލުއި ހަތިޔާރުގެ 90 ޕަސެންޓް އުފައްދަނީ އަމިއްލަ ޓެކްނޮލޮޖީގައި އެގައުމުގަ އެވެ. އަދި ސިފައިންނަށް ބޭނުންވާ ބަރުހަތިޔާރުގެ 60 ޕަސެންްޓް މިހާރު އުފައްދަނީ އަމިއްލަ ޓެކްނޮލޮޖީގައި އެ ގައުމުގަ އެވެ. ތުރުކީ ގެންދަނީ އަސްކަރީ ފައިޓާޖެޓް އުފެއްދުމަށް ވެސް ބޮޑު މަޝްރޫއެއް ހިންގަމުންނެވެ.
މީގެއިތުރުން ތުރުކީގެ ފަޒާއާބެހޭ އިދާރާއިން ގެންދަނީ 2022 ގައި ޖައްވަށް ފޮނުވުމަށްޓަކައި ސެޓަލައިޓެއް އުފެއްދުމާއި އެސެޓަލައިޓް ފަޒާއަށް ފޮނުވާލުމަށް ބޭނުންވާ ބިޔަ ރޮކެޓެއް އުފެއްދުމުގެ މަސައްކަތްވެސް ކުރަމުންނެވެ. މި ސެޓަލައިޓް ކާމިޔާބުކަމާއެކު ފަޒާއަށް ފޮނުވައިފިނަމަ ތުރުކީ ވެގެންދާނީ އަމިއްލަ ޓެކްނޮލޮޖީގައި ފަޒާއަށް ސެޓަލައިޓް ފޮނުވުމުގެ ގާބިލްކަން ލިބުނު އިސްލާމީ ދެވަނަ ގައުމަށެވެ. އަމިއްލަ ޓެކްނޮލޮޖީގައި ފަޒާއަށް ސެޓަލައިޓް ފޮނުވުމުގެ ގާބިލްކަން ފުރަތަމަ ހޯދި އިސްލާމީ ގައުމަކީ އީރާނެވެ.
އަމިއްލަ ޓެކްނޮލޮޖީގައި ސެޓަލައިޓް އުފެއްދުމުގެ ގާބިލްކަން މަދު އިސްލާމީ ގައުމުތަކަކަށް ލިބިފައިވެ އެވެ. އޭގެތެރޭގައި ހިމެނެނީ އީރާނާއި ތުރުކީގެ އިތުރުން ޕާކިސްތާން، އިރާގު، އަލްޖަޒާއިރު، ނައިޖީރިއާ، ޔޫއޭއީ، މިސްރު، އިންޑޮނީޝިއާ އަދި މެލޭޝިއާ އެވެ. ނަމަވެސް އިސްލާމީ ގައުމުތަކުގެ ތެރެއިން އަމިއްލަ ޓެކްނޮލޮޖީގައި ފަޒާއަށް ސެޓަލައިޓެއް ފޮނުވައި ފަޒާގެ އޮބިޓްގައި ސެޓަލައިޓެއް ބެހެއްޓުމުގެ ގާބިލް ފުރަތަމަ ހޯދި ގައުމަކީ އީރާނެވެ. އީރާނުންވަނީ އަމިއްލަ ރޮކެޓްގައި ތިން ސެޓަލައިޓެއް ފަޒާއަށް ފޮނުވާފަ އެވެ. އެންމެފަހުން އީރާނުން ފަޒާއަށް ފޮނުވީ އަސްކަރީ ސެޓަލައިޓެކެވެ. އެއީ މީގެ ދޮޅު މަސް ކުރިންނެވެ.
ސިނާއީގޮތުން އެންމެ ކުރިއަރާފައިވާ ގައުމުތަކުގެ ސަފަށް ވަނުމަށް ތުރުކީ ކުރަމުން ގެންދާ މަސައްކަތްތަކުގެ ތެރެއިން ތުރުކީވަނީ މިއަހަރު 5 ބިލިޔަން ޑޮލަރުގެ ހަތިޔާރު ދުނިޔޭގެ އެހެން ގައުމުތަކަށް އެކްސްޕޯޓް ކުރުމަށްވެސް ރާވާ ފައެވެ. (އަނަތޯލިޔާ + ނޫސްއެޖެންސީތައް)