16 Jun 2020, 09:28
"އެ ވާނީ އެ މަންޖެ ލަައިގެން ހުރި އެއްޗެއްގެ ސަބަބުން ކަމަށް"، "އަޅެ ގޭގައި އޮތް ނަމަ އެހެނެއް ނުވާނެ އެއްނު"، "ދަންވަރު ބޭރުގައި އުޅޭތީ އެހެން ވަނީ". ރާއްޖޭގައި ރޭޕް ކޭސްއެއްގެ ވާހަކަ ފެންމަތިވާ އިރަށް، އެއް ބައެއްގެ ރާގު ހުންނަނީ މި ޒާތަށެވެ. ކުށް ކުރި މީހާ ކުށްވެރި ކުރުވުމުގެ ބަދަލުގައި ގޯސް ކުރަނީ ހުރިހާ އަނިޔާއެއްގެ ޝިކާރައަށް ވީ މީހާ އެވެ. ނަމަވެސް މި ކުރެވެނީ ކިހާވަރެއްގެ ގޯސްކަމެއްކަން ހަމަ ގިނަ މީހުންނަށް ނޭނގެނީ ހެއްޔެވެ؟
ދުނިޔެއެކޭ އެއްފަދައިން ރާއްޖެއަކީވެސް "ރޭޕް ކަލްޗާ" ނޫނީ ސަގާފަތެއް އޮތް ގައުމެކެވެ. އެ ހަގީގަތް ގަބޫލު ކުރަން ޖެހެ އެވެ.
މި ފަހުން ފެން މަތިވި އެއް ކޭހަކީ، އުމުރުން 11 އަހަރުގެ ކުޑަ އަންހެން ކުއްޖެއް މާލޭގެ ގެސްޓް ހައުސްއެއްގެ ތެރޭގައި ރޭޕް ކުރި މައްސަލަ އެވެ. އެއާއެކު މީހުން ސޯޝަލް މީޑިއާގައި ތަފާތު ޝުއޫރުތައް ފާޅުކުރަމުން އެބަ ދެއެވެ. ނޫސްތަކުގެ ކޮމެންޓް ސެކްޝަނާއި ސޯޝަލް މީޑިއާ ބަލާލައިފި ނަމަ އެކަން ވަރަށް ރަނގަޅަށް އެނގެ އެވެ.
ރޭޕްގެ މައްސަލަތަކުގައި އަނިޔާވި ފަރާތް ކުށްވެރިކޮށް އެންމެ ގިނައިން ވާހަކަ ދައްކާ އެއްތަނަކީ އެއީ އެވެ.
އެ މައްސަލައާ ގުޅިގެން 11 އަހަރުގެ ކުޑަކުއްޖާ ކުށްވެރިކޮށް އެތައް ބަޔަކު ސޯޝަލް މީޑިއާގައި ވާހަކަ ދައްކާފައިވެ އެވެ. މިއީ އަދި ކުޑަކުއްޖެއްގެ ވާހަކަ އެވެ. އުމުރުން 18 އަހަރުން މަތީގެ އަންހެނަކު ރޭޕްގެ މައްސަލައެއްގައި ހިމެނިއްޖެނަމަ އޭނާއާ ދިމާލަށް ކިޔާ އެއްޗެހި އަދި މާ ހުތުރެވެ.

ދެ އަހަރު ނުވާ ތުއްތު އަންހެން ކުއްޖަކު ޖިންސީ އަނިޔާ ދީ ރޭޕް ކުރި މައްސަލައިގައި މާލޭގައި ކުރި އިހުތިޖާޖްގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ
ރޭޕްގެ ސަގާފަތަކީ އަކީ؟
ރޭޕް ކަލްޗާ ނުވަތަ ރޭޕް ކުރުމުގެ ސަގާފަތަކީ މުޖުތަމައެއްގައި ޖިންސީ އަނިޔާ ނުވަތަ ޖިންސީ ގޯނާގެ މައްސަލަތައް އާންމުވެ އެފަދަ ކަންތައް ބޮޑު ކަމަކަށް ނުވެ މުޖުތަމައުގެ ތެރޭގައި އިތުރުވުމަށް ކިޔާ ނަމެކެވެ. ރޭޕް ސަގާފަތުގެ ތެރޭގައި ގިނަ ކަންތައްތަކެއް ހިމެނެ އެވެ.
އެމެރިކާގެ ރިސާޗް ޔުނިވާސިޓީއެއް ކަމަށްވާ މާޝަލް ޔުނިވާސިޓީއިން ރޭޕްގެ ސަގާފަތުގެ ތެރޭގައި ހިމެނޭ ކަންކަމުގެ ގޮތުގައި ފާހަގަކޮށްފައިވާ ކަންތައްތަކަކީ:
ވިކްޓިމް ބްލޭމް ނުވަތަ އަނިޔާގެ ޝިކާރައަށްވި ފަރާތް ކުށްވެރިކުރުން.
- ޖިންސީ އަނިޔާ ނުވަތަ ގޯނާ އަދި ރޭޕް ފަދަ ކަންތައްތަކުގެ ބިރުވެރިކަން ކުޑަކުރުން.
- އަނިޔާގެ ޝިކާރައަށް ވާ ފަރާތް ދިރިއުޅޭ ގޮތާއި ހެދުން އަޅާ ގޮތާއި ނަފްސާނީ ދުޅަހެޔޮކަމާ މެދު ސުވާލު އުފައްދައި ފާޑުކިޔުން.
- ވަކި ޖިންސަކަށް އަމާޒުކޮށް ކުރެވޭ އަނިޔާތައް ޓީވީ އަދި ފިލްމުތަކުން އިތުރުވުން.
- ރޭޕްވާނީ ހަމައެކަނި އަންހެނުން ކަމާއި ފިރިހެނުންނަކީ ރޭޕްގެ ޝިކާރައަށް ވާނެ ބައެއް ކަމުގައި ގަބޫލުނުކުރުން.
- ރޭޕް އާ ދެކޮޅަށް ކުރާ ތުހުމަތުތައް ސީރިއަސްކޮށް ނުނެގުން.
ރޭޕްގެ ސަގާފަތެއް އޮންނަ މުޖުތަމައެއްގައި، ރޭޕްގެ ސިކާރައަށްވާ މީހާ، ކުށްވެރި ކުރުމަކީ އެއީ އެންމެ އާންމު ކަންތަކެވެ. އެންމެ ބޮޑަށް އެކަމެއް އެނގިގެން ދަނީ ރޭޕްގެ މައްސަލައެއް ފެންމަތިވުމުން އާންމުންގެ ވިސްނުމާއި ބަހުރުވަ ހުންނަ ގޮތުންނެވެ. ކޮންމެ ފަހަރަކުހެން ރޭޕްގެ މައްސަލައެއް ފެންމަތިވުމުން ގިނަ ފަހަރަށް ހުރިހާ އިލްޒާމެއް ރައްދުވަނީ ކުށް ކުރާ މީހާގެ ބަދަލު އަނިޔާގެ ޝިކާރައަށް ވާ މީހުންނަށެވެ.
"މާލޭގައި ބޭރަށް ނިކުމެ އުޅެން އަސްލު ބިރު ގަނޭ. ހާއްސަކޮށް އެކަނި. ވަރަށް ގިނަ ފަހަރަށް މަގުމަތިން ފޮށޭއިރު ލައިގެން ހުންނަ ހެދުމަށް ފާޑު ކިޔާނެ،" ނަން ހާމަކުރަން ބޭނުން ނުވާ 21 އަހަރުގެ ޒުވާން އަންހެނަކު ސަން އަށް ކިޔައިދެމުން ބުންޏެވެ.
އޭނާ ބުނިގޮތުގައި ރޭޕްގެ މައްސަލައެއް ފެންމަތިވާ އިރަށް ނުވަތަ މަގުމަތިން ފޮށުނު ނަމަވެސް އެންމެ ފުރަތަމަ މީހުން ބުނަނީ، އެހެން ވަނީ ލައިގެން ހުންނަ ހެދުމުގެ ސަބަބުން ކަމަށެވެ. އައުރަ ނިވާނުކޮށް އުޅޭތީ އެކަހަލަ ކަންކަން ވަނީ އެވެ.
"އަޅުގަނޑުގެ ސުވާލަކީ އަޅުގަނޑު ކޮންމެ އެއްޗެއް ލައިގެން ހުރި ނަމަވެސް އެ ރޭޕްގެ ދައުވަތަކަށް ވާންވީ ސަބަބަކީ ކޮބާހޭ؟ އަޅުގަނޑު ކޮންމެ އެއްޗެއް ލައިގެން ހުރި ނަމަވެސް އެގޮތަށް އަތްލުމުގެ އެއްވެސް ހައްގެއް ނޯންނާނެ،" އޭނާ އިތުރަށް ބުންޏެވެ.
ޖިންސީ ގޯނާގެ ޝިކާރައަކަށްވި އިތުރު ޒުވާނަކު ސަން އަށް ކިޔައިދިން ގޮތުގައި އޭނާއަށް ޖިންސީ ގޯނާ ލިބިފައިވަނީ އޭނާ ކުރީން ރަށްޓެހިވެގެން އުޅުނު މީހާގެ ފަރާތުންނެވެ.

އަޅައިގެން ހުންނަ ހެދުމަކީ ރޭޕް އަށް ދެވޭ ދައުވަތެއް ނޫން --- ފޮޓޯ :ބީބީސީ
"އަސްލު އެންމެ ފުރަތަމަ މީހެއް ގާތު އެ ވާހަކަ ބުނުމުންވެސް ސުވާލު ކުރީ އަހަރެންނާ. ކީއްވެހޭ އޭނާ އެކު މިވެނި ތަނަކަށް ދިޔައީ ނުވަތަ އެވެނި ތަނަކަށް ދިޔައީ،" އޭނާ ބުންޏެވެ.
އޭނާ ބުނިގޮތުގައި އެ ސަބަބާ ހުރެ ފުލުހުންނަށް މައްސަލަ ހުށަހެޅުމަށް ވަރަށް ޖެހިލުންވި އެވެ. އޭނާވެސް ކުރި ސުވާލަކީ ކުށް ކުރި މީހާގެ ބަދަލުގައި ދެން ހުންނަ ފަރާތަށް ހުރިހާ ނުރުހުމަކާއި ފާޑުކިޔުން ރައްދުވަނީ ކީއްވެގެން ކަމާ މެދު އެވެ.
ނަމަވެސް ރޭޕްގެ ޝިކާރައަށް ވަނީ ހަމައެކަނި އަންހެނުންނެއް ނޫނެވެ. މުޖުތަމައުގައި ފިރިހެނުންނާ ރޭޕް އާ ގުޅޭގޮތުން ދެކެނީ މުޅީން ތަފާތުގޮތަކަށެވެ.
"އިނގޭތަ އެންމެ ފުރަތަމަ އެއްވެސް މީހެއް ކައިރީގައި ބުނަންވެސް ބިރުގަތް، އެއީ އެންމެންވެސް ބުނަނީ ފިރިހެނުންނެއް ނުވާނޭ ރޭޕް އެއް. އެންމެފަހުން ރަށްޓެއްސެއް ގާތުގައި ބުނީ އެވާހަކަ. އޭނާ ކުރީ އަހަރެންނާ ސުވާލުތަކެއް. ކީއްވެހޭ އަމިއްލައަށް ދިފާއު ނުކުރީ. ފިރިހެނުންވެސް ރޭޕް ވޭ ހޭ،" ނަން ހާމަކުރަން ބޭނުން ނުވާ 23 އަހަރުގެ ފިރިހެނެއް ކިޔައިދިނެވެ.
އޭނާ އިތުރަށް ބުނީ، ރޭޕްގެ މައްސަލަ ތަކުގައި އެހެން މީހުންވެސް ފިރިހެނުންނާ ދޭތެރޭ ދެކެނީ ތަފާތު ގޮތަކަށް ކަމަށެވެ. އެއީ ފިރިހެނުން ރޭޕް އެއް ނުވާނެ ކަމަށެވެ. ފިރިހެނެއް އެފަދަ ހާލަތަކަށް ދާނީ އަބަދުވެސް ބޭނުންވެގެން ކަމަށް މީހުން ބުނާ އަޑު އިވުމުން އެވާހަކަ ދައްކަން ބޭނުން ނުވީ ކަމަށް އޭނާ ބުންޏެވެ.
އެހެންކަމަށް ވާނަމަ ރޭޕް އަކަށް ވަނީ ކޮން ކަމެއް ކަމާ މެދުވެސް އާންމުންގެ މެދުގައި ވަނީ ސުވާލު އުފެދިފައި ނޫން ހެއްޔެވެ؟
އޮކްސްފޯޑުގެ ޖާނަލް އޮފް ލީގަލް ސްޓަޑީޒްގައި ޖޮއޭން ކޮނެހެން ވިދާޅުވެފައިވާ ގޮތުގައި ރޭޕް އާ ދެކޮޅަށް މަސައްކަތް ކުރާއިރު ފުރަތަމަ އެއީ ކޮން އެއްޗެއްކަން ނޭނގޭ ނަމަ ރޭޕް އާ ދެކޮޅަށް މަސައްކަތް ނުކުރެވޭނެ ކަމަށެވެ. އެހެން ވީއިރު ރޭޕް އަކީ ކޮބާ ހެއްޔެވެ؟
އިނގިރޭސި ވިލާތުގައި ރޭޕް އަދި ޖިންސީ ގޯނާއާ ދެކޮޅަށް މަސައްކަތްކުރުމަށް އުފައްދާފައިވާ ޖަމިއްޔާއެއް ކަމަށް ރޭޕް ކްރައިސިސް އިން ބުނާގޮތުގައި އެންމެ ފަސޭހަގޮތަކަށް ރޭޕް ބުނެދެވޭނެ ގޮތަކީ އެއްވެސް ފަރާތެއްގެ ރުހުމެއް ނެތި ހިންގޭ ޖިންސީ ގުޅުމަކީ ޖިންސީ ގޯނާއެއް ނުވަތަ ރޭޕް އެއްގެ ގޮތުގަ އެވެ.

ކެޕްޝަން..
އެހާ ހިސާބުން އުފެދޭ އިތުރު ސުވާލަކީ ރުހުން ބޭނުންކުރެވޭ ގޮތްތަކަކީ ކޮބާހެއްޔެވެ؟ ކޮންސެންޓް ނުވަތަ ރުހުމެއް ނެތި ޖިންސީ ގުޅުމެއް ހިންގަން އުޅޭ ކަމަށްވާ ނަަމަ އެ ވާނީ ރޭޕް އަށް ކަމަށް އެ ޖަމިއްޔާއިން ބުނެ އެވެ. ނަމަވެސް ރުހުން ދިނުމުގައިވެސް ގިނަ ކަންތައްތަކެއް ފުރިހަމަ ވާން ޖެހެ އެވެ. އެގޮތުން:
ބިރުދެއްކުން
- ހަނގާކުރުން
- އެއްވެސް ކަހަލަ ރަލެއް ނުވަތަ މަސްތުވާތަކެތީގެ އަސަރެއް ހުރުން
- ނިދާފައި އޮތުން
މަތީގައި ފާހަގަކޮށްފައިވާ އެއްވެސް ސަބަބެއް ހިމެނޭ ނަމަ ރުހުމެއް، ރުހުމެއްގެ ގޮތުގައެއް ނުބެލޭނެ އެވެ. އެގޮތުން އެފަދަ ހާލަތެއްގައި ޖިންސީ ގުޅުމެއް ހިންގުމަށް އެއްބަސްވި ނަމަވެސް އެއީ ރުހުމުގެ ގޮތުގައެއް ނުބެލޭނެ އެވެ.
އޭގެ އިތުރުން އެންމެ މުހިއްމު އެއް ކަމަކީ ގާނޫނީ ގޮތުން ކުޑަކުއްޖެއް ކަމުގައި ބެލެވޭ އެއްވެސް ފަރާތަކަށް އޭނާގެ ގައިގާ އަތްލަން ރުހުމެއް ނުދެވޭނެ ކަމެވެ. އެގޮތުން ގާނޫނީގޮތުން ކުޑަ ކުއްޖަކަށް އެ ކުއްޖެއްގެ ރުހުމުގައި ޖިންސީ ގުޅުން ހިންގުމަށް ބޮޑު މީހަކު މަސައްކަތްކުރި ނަމަވެސް އެ ބެލެވޭނީ ރޭޕް ކެޓަގަރީގެ ގޮތުގަ އެވެ. ސަބަބަކީ ގާނޫނީ ގޮތުން ކުޑަކުއްޖަކަށް ކޮންސެންޓް ނުވަތަ ރުހުމެއް ނުދެވޭނެތީ އެވެ.
މިހާ ހިސާބުން އާންމުންގެ ތެރޭގައި ދެކެވޭ ވާހަކަތައް ތަފާތު ވާނެ އެވެ.
"އެއީ ހަމަ ބޮޑު އަންހެނެއް ނު، އޭނާ އަމިއްލަ ބޭނުން ވެގެން އެ ދާނީ ދެން މިހާރު ކޮން ރޭޕް އެކޭ ކިޔާކަށް. އެއީ ކުއްޖެއް ރޭޕްވި އިރަށް އަހަރެންގެ ބޮޑު ދައިތަ ބުނި އެއްޗެއް،" އިތުރު ޒުވާނަކު ސަން އަށް ކިޔައިދެމުން ބުންޏެވެ.
އެތައް ޒުވާނަކު ބުނިގޮތުގައި އެފަދަ އެތައް ބަހެއް އާންމުކޮށް އަނިޔާގެ ޝިކާރައަށްވާ ފަރާތްތަކަށް ރައްދުވެ އެވެ. ސުވާލަކީ މިފަދަ ވިސްނުން ގެންގުޅުމުގެ ސަބަބުން އޭގެ އަނިޔާ ރައްދުވާ ފަރާތްތަކަށް އެކި ކަހަލަ ނޭދެވޭ އަސަރު ކުރެ އެވެ.
ނަމަވެސް ހަނދާން ކުރަން ޖެހޭ ކަމަކީ، ރޭޕް އަކީ ދުވަހަކުވެސް، އޭގެ ޝިކާރައަށްވި މީހާ ނުވަތަ ވިކްޓިމްގެ ކުށެއް ނޫން ކަމެވެ. ރޭޕް އަކީ އަބަދުވެސް ރޭޕް ކުރާ މީހާގެ ކުށެކެވެ. މިކަމަކީ މިހާރު ހުރިހާ އެންމެންވެސް ގަބޫލުކޮށް އެކަމަށް ވިސްނަން ވެއްޖެ ކަމެކެވެ. ރޭޕް ކުރަން ދައްކާނެ ބަހަނާއެއް ނޯންނާނެ އެވެ.