15 Jun 2020, 17:48
ކުރީގެ ރައީސް، ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ދެކަނބަލުން އިއްޔެ ކަސްރަތަށް ނުކުމެވަޑައިގެން އުޅުއްވަނިކޮށް، އެމްޑީޕީގެ އެކްޓިވިސްޓަކު ދިމާކޮށްލައި، "ބާޣީ" އަށް ގޮވާފައި ނުވާކަމަށާއި، އެމަނިކުފާނަށް އަމާޒުކޮށް ގޮވީ، ހުތުރު އެހެން ބަސްތަކެއް ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ.
އެމްޑީޕީން ރޭ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެ ޕާޓީގެ ހަރަކާތްތަކުގައި ފޮޓޯގްރާފަރެއްގެ ގޮތުގައި މަސައްކަތްކުރާ، އިބްރާހީމް ޖައުފަރު، ޑރ. ވަހީދަށް އަމާޒުކުރައްވައި ނުރުހުމުގެ ބަސްތަކަކުން އަދި "ބާޣީ"ގެ ނަމުން އެމަނިކުފާނާ މުހާތަބުކުރައްވާފައިވާ ކަމަށެވެ.
އަދި އެކަން އެގޮތަށް ހިނގައިދިޔައީ އޭނާއާ ދިމާއަށް ޑރ. ވަހީދު ވަނަމަކުން ގޮވައި މުހާތަބުކުރެއްވުމުން އުފެދުނު ޒުވާބެއްގެ ތެރެއިން ކަމަށް ވެސް އެމްޑީޕީން ވަނީ ބުނެފައެވެ.
އެމްޑީޕީން ވަނީ، ރައީސް ވަހީދަށް، ޖައުފަރު ޖިސްމާނީ ހަމަލާއެއް ދިންކަމަށް ދޭހަވާފަދަ ގޮތަކަށް އެމަނިކުފާނު ޓުވީޓުކުރައްވާފައިވާތީ އެކަން ކުށްވެރިކޮށްފައެވެ. އަދި ކުއްލި މައްސަލައެއްގެ ގޮތުގައި މިއަދު ވަނީ ރައްޔިތުންގެ މަޖިލީހަށް އެ މައްސަލަ ހުށަހަޅުއްވައިފައެވެ.
މައްސަލައަށް ބަހުސްކުރެއްވި ހުރިހާ މެމްބަރުން ވެސް ވަނީ ޑރ. ވަހީދަށް "ބާޣީ" އޭ ކިޔައި މުހާތަބުކުރުން ދިފާއުކުރައްވައިފައެވެ. އަދި އެނޫން ނަމަކަށް އެމަނިކުފާނާ މުހާތަބު ކުރެވެން ނެތް ކަމަށް ވެސް މެމްބަރުން މިއަދު ވިދާޅުވިއެވެ.
މަޖިލީހުގައި ކުރިއަށް ދިޔަ ބަހުސްގައި މެމްބަރުން ދެއްކެވި ވާހަކަތަކާ ގުޅިގެން ޑރ. ވަހީދު ކުރެއްވި ޓުވީޓެއްގައި ވަނީ އެމަނިކުފާނާ ގުޅެގޮތުން މިއަދު މަޖިލީހުގެ ތަޅުމުގައި މެމްބަރުން ދެއްކެވި ވާހަކަތަކަކީ އެއްވެސް ތާކުންތާކު ނުޖެހޭ ބޭކާރު ވާހަކަތަކެއްގެ ގޮތުގައި ސިފަކުރައްވައިފައެވެ.
ޑރ. ވަހީދު ވަނީ، ޖައުފަރު "ބާޣީ" އޭ ބުނުމުން އެމަނިކުފާނު އެ މައްސަލަ ބޮޑުކޮށްލައިގެން މައްސަލަ ހުށަހަޅުއްވައިގެން އުޅުއްވަނީ ކަމަށް ދޭހަވާ ފަދަ ގޮތަކަށް މެމްބަރުން ދެއްކެވި ވާހަކަތައް ދޮގުކުރައްވައިފައެވެ.
"ފުރަތަމަ ކަމަކަށް، އަޅުގަނޑާ ދިމާލަށް ޖައުފަރު 'ބާޣީ' އޭ ބުނި ހަނދާނެއް ނުވޭ. އެކަމަކު އަޅުގަނޑާ ދިމާލަށް 'ހރމ ބކރ' އަދި 'ގައުމު ބަނޑު އަޅާލި ވަގު' ފަދަ އެއްޗެހި ކީ އަޑު އެހިން،" ވަހީދު ވިދާޅުވިއެވެ.
ޑރ. ވަހީދު ވިދާޅުވީ އެއީ އެއްވެސް ސާބިތުހިފޭ ވާހަކަތަކެއް ނޫން ކަމަށާއި، ޖައުފަރާ ދެކޮޅަށް އެއްވެސް މައްސަލައެއް ހުށަހަޅުއްވާފައިވެސް ނުވާނެ ކަމަށެވެ.
މީގެ އިތުރުން، އެމަނިކުފާނުގެ އަނބިކަނބަލުން އިލްހާމް އަހްމަދާ މާބޮޑަށް ކައިރިވެ، އެކަމަނާގެ "ޕާސަނަލް ސްޕޭސް" އަށް ޖައުފަރު ވަދެފައިވާ ކަމަށް ވެސް ޑރ. ވަހީދު ވިދާޅުވިއެވެ.
"ގާނޫނު ހެދުމާއި ނެގެހެއްޓުމުގެ ޒިންމާ އެޅިފައިވާ މަޖިލީހުގެ ރައީސް އާއި މެމްބަރުން، އެ ގާނޫނުތައް މުގުރައި އަޅުގަނޑަށް ފުރައްސާރަކުރަން ދިވެހި ރައްޔިތުންްގެ ކިބައިން އެދެމުން އަންނާތީ ހިތާމަކުރަން،" ޑރ. ވަހީދު ވިދާޅުވިއެވެ.