31 Dec 2011, 09:08
ޣައްޒާ ސިޓީ (ޑިސެމްބަރ 31) : އިސްރާއީލުން ޣައްޒާއަށް އިއްޔެ ވައިގެ ޙަމަލާތަކެއްދީ ފަލަސްތީނުގެ މީހަކު ޝަހީދުކޮށްލައިފިއެވެ. ޣައްޒާގައި ވެރިކަންކުރާ ޙަމާސް ޖަމާއަތުންބުނީ ޝަހީދުވީ މުއްމިން އަބޫދުފް ނަމަކަށްކިޔާ ރައްޔިތެއް ކަމަށާއި އިސްރާއީލުން ވައިގެ ޙަމަލާތައް އަމާޒުކޮށްފައިވަނީ ޣައްޒާގެ އައްޒައިތޫނާ އަވަށަށް ކަމުގައެވެ.
ޣައްޒާގެ އައްޒައިތޫނާ އަވަށަށް އިސްރާއީލުގެ ޢަސްކަރީ މަތިންދާބޯޓަކުން ފޮނުވާލީ ވައިން ބިމަށް ޙަމަލާދޭ މިސައިލްތަކެއް ކަމަށް މަންޒަރުދުށް މީހުން ބުނެއެވެ. އިސްރާއީލުގެ މިޢުދުވާނުގައި ފަލަސްތީނުގެ އިތުރު 5 މީހަކު ޒަޚަމްވި ކަމަށް ޣައްޒާގެ ސިއްހަތާބެހޭ އިދާރާއިން ބުނެއެވެ.
ޣައްޒާއަށް އިސްރާއީލުން ދިން ވައިގެ ޙަމަލާތައް ދިފާޢުކުރައްވަމުން އިސްރާއީލު ސިފައިންގެ ތަރްޖަމާނަކު ވިދާޅުވީ ޙަމަލާދިނީ ޓެރަރިސްޓުންގެ އަމާޒަކަށް ކަމުގައެވެ. ޣައްޒާގައި ޙަރަކާތްތެރިވާ ފަލަސްތީނުގެ ފިދާއީން ގެންދަނީ އިސްރާއީލަށް ރޮކެޓް ޙަމަލާތައް ދިނުމަށް ތައްޔާރުވަމުން ކަމަށްވެސް އިސްރާއީލުގެ ޢަސްކަރީ ތަރްޖަމާނު ތުހުމަތު ކުރެއްވިއެވެ.
އިސްރާއީލުންވަނީ މިދިޔަ ހަފްތާގައިވެސް ޣައްޒާއަށް ވައިގެ ޙަމަލާތަކެއްދީ ފަލަސްތީނުގެ އެކަކު ޝަހީދުކޮށް 10 މީހަކު ޒަޚަމްކޮށްލާފައެވެ. (އަލްޖަޒީރާ)