ފުލުހުންގެ މުޅި މުއައްސަސާގެ އަގު ވެއްޓޭގޮތަށް، ބައެއް ފަރާތްތަކުން ތަކުރާރުކޮށް ވާހަކަދައްކަމުން ގެންދާތީ، އެކަމާމެދު އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް ޑރ. އަބްދުﷲ ފައިރޫޝް ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.

އޭސީޕީ ފައިރޫޝް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ޒިންމާދާރު މަގާމުތަކުގައި ތިއްބަވާ ބައެއް ފަރާތްތަކުން، ފުލުހުންގެ މުއައްސަސާއަކީ ކުށްވެރިންތަކެއް އުޅޭ "ޕެކެއް" ގެ ގޮތުގައި ސިފަކުރަމުން އަންނަ ކަމަށެވެ.

އެފަދަ ތުހުމަތުތަކުގެ ސަބަބުން ފުލުހުންނާ މެދު ރައްޔިތުންގެ ހިތުގައި އޮންނަ އިތުބާރު ގެއްލުމުގެ އިތުރުން، ވަކިވަކި ފުލުހުންނަށް ވެސް މާޔޫސްކަން ގެނުވާ ކަމަށް ވިދާޅުވި އެވެ.

"މިކަމުގެ ސަބަބުން މުޅި ސިސްޓަމް ބަލިކަށިވެގެންދޭ،" ފައިރޫޝް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެގޮތަށް އަމަލުކުރުމުގެ ބަދަލުގައި، ކުރިއަށްދާންވީ މިސްރާބު ދައްކައިދީ ޒިންމާދާރުކުރުވުން ބުއްދިވެރި ކަމަށެވެ.

އޭސީޕީ ފައިރޫޝް މިފަދަ ޓުވީޓެއް ކުރައްވާފައި މިވަނީ، ރައްޔިތުންގެ މަޖިލީހަށް ސަރުކާރުން ހުށަހަޅާފައިވާ ދިވެހި ފުލުހުންގެ ހިދުމަތުގެ ބިލަށް ރައްޔިތުންގެ މަޖިލީހުގައި ބަހުސް ކުރަމުން އަންނަ ދަނޑިވަޅެއްގަ އެވެ.

އެ ބިލަށް ބަހުސްކުރައްވަމުން، ގިނަ މެމްބަރުން އަންނަނީ ފުލުހުންގެ ތެރޭގައި ކުށްކުރާ ފުލުހުން އުޅޭކަމަށާއި، އަދި ފުލުހުންގެ މައްސަލަތައް އެކަށީގެންވާ ގޮތެއްގައި ނުބެލޭ ކަމަށް ވިދާޅުވަމުންނެވެ. އަދި ފުލުހުންގެ މުއައްސަސާ އަވަހަށް ރީފޯމް ކުރުން މުހިންމު ކަމަށް ވެސް އަންނަނީ ވިދާޅުވަމުންނެވެ.

ބިލަށް ބަހުސްކުރައްވާ ގިނަ މެމްބަރުން، ފުލުހުންގެ މުޅި މުއައްސަސާގެ އަގު ވައްޓާލައި، "ޒާތީ" ގޮތަކަށް ބަހުސް ކުރައްވާ ކަަމަށް މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވެސް ވަނީ ވިދާޅުވެފަ އެވެ.

ޝަރީފް ވިދާޅުވީ މަޖިލީހުގެ މަސައްކަތަކަށް ވާންވާނީ ގޯސްކޮށް ހުރި ކަންކަން ރަނގަޅުކުރުން ކަމަށާއި، ޒާތީވެ ފުލުހުންގެ މަދު ބަޔަކު ކުރާ ކަމަކާއި ގުޅިގެން މުޅި އިދާރާގެ ނަން ޚަރާބް ވާ ގޮތަށް އޭނާ ނިސްބަތްވާ ޕާޓީގެ މެންބަރުން އަމަލު ކުރި ނަމަވެސް އެކަމަށް ތާއީދު ނުކުރައްވާނެ ކަމަށެެވެ.

ފުލުހުންގެ ހިދުމަތުގެ ބިލެއް ސަރުކާރުން ހުށަހަޅަން ނިންމީ، ދިވެހި ފުލުހުންގެ ހިދުމަތުގެ އެންމެހައި ކަންކަމަކީ ގާނޫނު އަސާސީ އާއި ގާނޫނު އަސާސީގައި ބަޔާންކޮށްފައިވާ ދުސްތޫރީ ހަމަތަކާއި، އިންސާނީ ހައްގުތަކަށް އިހްތިރާމުކުރުމާއެކު ގާނޫނުގެ ހުކޫމަތުގެ ތެރެއިން ދެވޭ ހިދުމަތެއްކަން ކަށަވަރުކުރުމަށްޓަކަ އެވެ.

މިހާރު އަމަލުކުރަމުންދާ ފުލުހުންގެ ގާނޫނުގެ ބަދަލުގައި އާ ގާނޫނެއް ތައާރަފުކޮށް، ފުލުހުންގެ ހިދުމަތް ގާއިމުކުރެވިގެންވާ ގޮތާއި، ފުލުހުންގެ ހިދުމަތް ފޯރުކޮށްދިނުމުގެ މައިގަނޑު އަސާސްތަކާއި އުސޫލުތަކާއި، ފުލުހުންގެ ހިދުމަތުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި، ބާރުތަކާއި، އެ ހިދުމަތާގުޅޭ އެނޫންވެސް ކަންކަން އެ ގާނޫނު މެދުވެރިކޮށް އަލުން ކަނޑެޅުމަކީވެސް އެ ބިލު ހުށަހެޅުމުގެ ބޭނުމެވެ.