ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ އިސްތަށިފުޅުގައި ދޮގު އިލްޒާމް އަޅުވައި އިންޓަވިއު ދިން މައްސަލަ ފުލުހަށް ހުށަހެޅުމަށްފަހު އެ މައްސަލަ ނުބެއްލެވުމަށް އެމަނިކުފާނު އެދިވަޑައިގެންފި އެވެ.

ރައްޔިތުންގެ މަޖިލީހުން މީގެ ކުރިން ބުނީ، ކީރިތި ރަސޫލާއާ މެދު އިހާނެތި ބަސް ބުނެފައިވާ ކަމުގެ ދޮގު އިލްޒާމ،ް ރ. އަނގޮޅިތީމް މީހަކު ރައީސް ނަޝީދުގެ އިސްތަށިފުޅުގައި އަޅުވާފައިވާތީ އެކަން ތަހުގީގްކޮށް ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހަށް ފޮނުވުމަށް ނިންމާފައިވާ ކަމަށެވެ. އެ ވާހަކަ ދެއްކި މީހާގެ އިތުރުން އެ އިންޓަވިއު ގެނެސްދިން މީޑިއާގެ މައްސަލަތައް ވެސް ތަހުގީގް ކޮށްދެއްވުމަށް ރައީސް ނަޝީދު ވަނީ އެދިވަޑައިގެންފައި ކަމަށް މަޖިލީހުން އޭރު ވަނީ ބުނެފަ އެވެ.

އެ ވިޑިއޯ އެންްމެ ފުރަތަމަ އާންމުކޮށްފައިވަނީ މިހާރު އެމްޑީޕީއާ އެކު ކޯލިޝަން ހަދާފައިވާ އަދާލަތު ޕާޓީން ކަމަށް ބައެއް ފަރާތްތަކުން ތުހުމަތު ކުރު އެވެ. އަދި އެ ޕާޓީގެ ރައީސް ހޯމް މިނިސްޓަރުގެ މަގާމުގައި ހުންނަވައި ވިޑިއޯގެ މައްސަލަ ތަހްގީގު ކުރެވިދާނެ ތޯ ނޫސްވެރިއަކު ސަވާލު ކުރުމުން ނަޝީދު ވިދާޅުވީ މިނިސްޓްރަށް އިތުބާރު އެބައޮތް ކަމަށެވެ. ނަމަވެސް އެ މައްސަލަ ދެން ތަހުގީގު ކުރައްވަން ބޭނުންފުޅު ނުވާ ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.

"އެ ވީޑިއޯ ތަހުގީގު ހަގީގަތުގައި ނުކުރުމަށް އަޅުގަނޑު އެދެނީ. ދެން އަޅުގަނޑުގެ މައްސަލައެއް ނެތޭ މީހަކު އަޅުގަނޑާ ދިމާލަށް އެއްޗެކޭ ބުނެލިއެއް ކަމަކު. އެއަކީ އެއް އަޅުގަނޑު ކަންބޮޑުވާ ކަމެއް ނޫން،" ރައީސް ނަޝީދު ވިދާޅުވި އެވެ.

މަގުމަތީގައި އުޅޭ އިރު މީހުން ގޮވޭ އެއްޗެހި މަދު ނޫންކަން ފާހަގަކޮށް ރައީސް ނަޝީދު ވިދާޅުވީ އެކަމާ ގުޅިގެން ދެފައި އެއްތާ ނުޖެހިގެން ނުއުޅުއްވާ ކަށެވެ.