ރައްޔިތުންގެ މަޖިލީހުގެ ކަންކަން ބަލަހައްޓަން ޖެހެނީ މަޖިލީހުން ކަމަށާއި އެތަނަށް ސިފައިން ވަދެއްޖެ ނަމަ އެކަން ވެގެން ދާނީ ބޮޑު ފެއިލިއާއަކަށް ކަމަށް ކުރީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރިޔާސަތުން މެންބަރެއްގެ ނަން އިއްވުމުން އެ މެންބަރަކު މަޖިލިސް ތަޅުން ދޫކޮށް ބޭރަށް ވަޑައިނުގަތްފި ނަމަ ސިފައިން މެދުވެރިކޮށް އެ މެންބަރެެއް ނެރުމަށް މީގެ ކުރިން ގަވާއިދުގައި އޮވެއެވެ. ނަމަވެސް 19 ވަނަ ރައްޔިތުންގެ މަޖިލީހުން ވަނީ އެ މަސްއޫލިއްޔަތު ސިފައިންގެ އަތުން ނަގައި "ސާޖެންޓް އެޓް އާމްސް" ނަމުގައި މަގާމެއް އުފައްދައި އޭނާއާ ހަވާލުކޮށްފަ އެވެ.

"އަޅުގަނޑު ކުޑަކޮށް ވެސް ނޭދެން މި މަޖިލީހަށް ސިފައިން ވަންނާކަށް. އަޅުގަނޑު ވަރަށް މަސައްކަތް ކުރާނަން. އަޅުގަނޑު ދެކޭ ގޮތުގައި އެއީ ވަރަށް ބޮޑު ފެއިލިއާއަކަށް ވާނީ މަޖިލީހުގެ ރައީސަކަށް މިތަނަށް ބަރު ހަތިޔާރާއި އެކީގައި ނުވަތަ ސިފައިން ވަންނަން ޖެހުން،" މަޖިލިސް އިދާރާގައި މިއަދު ނޫސްވެރިންނާ ބައްދަލު ކުރައްވައި ރައީސް ނަޝީދު ވިދާޅުވި އެވެ.

އެހެން ވިދާޅުވި ނަމަވެސް މަދާމާ ވެސް ސިފައިން މަޖިލީހަށް ވައްދަން ޖެހިދާނެ ކަން ނަޝީދު ފާހަގަކުރައްވައި ވިދާޅުވީ، އެމަގަށް ކަން ހިނގައިފި ނަމަ އެއީ ވަރަށް ދެރަ ކަމެއް ކަމަށެވެ.

"ސާޖެންޓް އެޓް އާމްސްގައި އެބަ ތިބި އަދި އިތުރު ސްޓާފުން ވެސް. ދެން އަޅުގަނޑުމެންގެ އިދާރީ ސްޓާފުން ވެސް އަޅުގަނޑު ދެކޭ ގޮތުގައި މި މަޖިލިސް ބެލެހެއްޓޭނެ ބޭފުޅުން،" ރައީސް ނަޝީދު ވިދާޅުވި އެވެ.

ނަވާރަ ވަނަ ރައްޔިިތުންގެ މަޖިލީހުގައި ފުރަތަމަ ފަހަރަށް ސާޖެންޓް އެޓް އާމްސް މެދުވެރިކޮށް މެންބަރަކު ނެރެން ޖެހިފައިވަނީ ދާދި ފަހުން، ކައުންސިލަރުންގެ ދައުރު ދަންމާލުމަށް ގާނުނު އަސާސީއަށް އިސްލާހު ގެނައި ޖަލްސާގަ އެވެ.

މެންދަމު 1:30ގައި ބޭއްވި އެ ޖަލްސާ ފަށައި މާ ގިނަ އިރުތަކެއް ނުވެ ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމް އަޑުގަދަ ކުރައްވަން ފެއްޓެވުމުން ރިޔާސަތުގައި އިންނެވި ރައީސް މުހައްމަދު ނަޝީދު ވަނީ އޭނާގެ ނަން އިއްވަވައި މަޖިލީހުން ބޭރަށް ދިއުމަށް އަންގާފަ އެވެ. ނަމަވެސް ބޭރަށް ވަޑައި ނުގަތުމުން ސާޖެންޓް އެޓް އާމްސްއަށް މެދުވެރިކޮށް ވެސް ބޭރަށް ނުނެރުވުމުން ދެންް ފެނިގެން ދިޔައީ އެމްޑީޕީގެ މެންބަރުން މެދުވެރިކޮށް ޝިޔާމް ބޭރަށް ނެރުނު މަންޒަރެވެ.

އެ މައްސަލައިގައި އިދިކޮޅު މެންބަރުން ވަނީ މަޖިލީހުގެ ޖަލްސާތައް ބޮއިކޮޓް ކޮށްފަ އެވެ.