15 Jun 2020, 16:08
ރައިސުލްޖުމްހޫރިއްޔާގެ މަގާމުގައި އެމަނިކުފާނު ހުންނަވަނިކޮށް 2012 ވަނަ އަހަރު ވެރިކަން ބަދަލުވެގެން ގޮސްފައި ވަނީ ބަޣާވާތަކުން ކަމަށާއި އަލުން ބަލައިފި ނަމަ އެކަން ޔަގީންވެގެން ދާނެ ކަމަށް މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
އޭރުގެ ރައީސް، ނަޝީދުގެ އަމުރުފުޅަށް ސިފައިން ނުކުމެ، ކްރިމިނަލް ކޯޓްގެ އިސް ގާޒީ އަބުދުﷲ މުހައްމަދު ހައްޔަރުކުރުމާ ގުޅިގެން އިދިކޮޅު ފަރާތްތަކުން މާލޭގައި ކުރި މުޒާހަރާތައް ހޫނުވެ ރައްޔިތުންގެ ގިނަ ބަޔަކު ޖުމުހޫރީ މައިދާނަށް އެއްވެ އިސްތިއުފާ އަށް ގޮވައި ޕްރެޝަރުތައް ކުރިމަތި ކުރުމުން ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމުން ނަޝީދު އިސްތިއުފާދެއްވިކަން އިއުލާން ކޮށްފައިވަނީ 2012 ވަނަ އަހަރުގެ ފެބްރުއަރީ ހަތް ވަނަ ދުވަހު މެންދުރުގެ ވަގުތެއްގަ އެވެ.
ނަމަވެސް 24 ގަޑިއިރު ނުވަނީސް އެމްޑީޕީން މަގުމައްޗަށް ނުކުތީ އެ ވެރިކަން "ބަޣާވާތަކުން" ވައްޓާލި ކަމަށް ބުނުމަންނެވެ. އެންމެ އިސްކޮށް ހުންނެވީ ވެސް ރައީސް ނަޝީދު އެވެ.
"އަޅުގަނޑު ސީދާ ދެކޭ ގޮތުގައި އެއީ ބަޣާވާތެއް. އަލުން ބަލައިފިއްޔާ ވަރަށް ސާފުކޮށް އެއީ ބަޣާވާތެއް ގޮތުގައި ފެންނާނެ،" ރައްޔިތުންގެ މަޖިލިސް ކުރާ ގޭގައި މިއަދު މެންދުރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް ނަޝީދު ވިދާޅުވި އެވެ.
އަނެއްކާ ވެސް ބަޣާވާތުގެ އަޑު ގަދަވެފައި މިވަނީ، ރައީސް ނަޝީދު އިސްތިއުފާ ދެއްވުމުން ވެރިކަމާ ހަވާލުވެވަޑައިގަތް، ޑރ. މުހައްމަދު ވަހީދު ހަސަން މަނިކަށް އެމްޑީޕީގެ އެކްޓިވިސްޓެއް މަގުމަތިން ދިމާކޮށްލި ކަމަށް އެމަނިކުފާނު ވިދާޅުވެ އެ މައްސަލަ ފުލުހުންނަށް ހުށަހެޅުމާ ގުޅިގެންނެވެ. އެމައްސަލައާ ގުޅިގެން އެމްޑީޕީގެ އެކްޓިވިސްޓް ހިމާޔާތުގައި އެޕާޓީން ނުކުމެފައިވާއިރު މިއަދު ވަނީ މަޖިލީހަށް ކުއްލި މައްސަލަ އެއް ވެސް ވައްދާފަ އެވެ.
"މި ދިވެހިރާއްޖެ އަކީ ވަރަށް ބަޣާވާތް ގިނަ ގައުމެއް،" ނަޝީދު ވިދާޅުވި އެވެ.
ގާނޫނު ބުނާ ގޮތުން ދައުލަތާއި އިދިކޮޅު ހަރަކާތަކީ ބަޣާވާތެއްކަން ފާހަގަކޮށް ނަޝީދު ވިދާޅުވީ، މަޖިލިސް ގަވާއިދު ތަންދޭ ގޮތައް މަޖިލީހުގައި ވާހަކަ ދެއްކުމަކީ އެ މެންބަރުންގެ ހައްގެއް ކަމަށެވެ.
"މި މަޖިލީހުގެ މެންބަރުން ވަކި ގޮތަކަށް ކަނޑައަޅައިފި ނަމަ އެގޮތަކަށް ނިމިގެން ދާނެ،" ރައީސް ނަޝީދު ވިދާޅުވި އެވެ.