15 Jun 2020, 18:23
ދިރިއުޅުމުގެ ތަރުތީބު އޮޅުން ބޮޅުންވިތާ މަސްތަކެއް ފާއިތުވެ، އިސާހިތަކު މިއަދު އަލިވިލުނީ އާ ފަތިހަކަށެވެ. މުޅި ދުނިޔެއަށް ކުރިމަތިވި އުނދަގޫ ހާލަތަކާހުރެ ދެ މަސް ދުވަހު ގޭބަންދުގައި ވޭތުކުރުމަށްފަހު މާލޭގެ ރަށްވެހިން އެ ބަންދުން މިއަދު މިނިވަންވި އެވެ. ބޮޑު ފަތިހާ އެއްބަޔަކު ނުކުތީ އިރުގެ ދޯދިތައް ދެކިލައި، ހަމަޖެހުމުގެ ފުން ނޭވާއެއް ލުމަށެވެ. އަނެއް ބަޔަކު ގޮތް ހުސްވެ، ދިރިއުޅުން ބިނާކުރާނެ ގޮތެއް ހޯދާށެވެ.
ހެނދުނު ހެނދުނާ ނުކުތް މީހުންގެ ތެރޭގައި ކަސްރަތު ކުރަން ނުކުތް މީހުން ގިނަ އެވެ. މިވީ ދެ މަހެއްހާ ދުވަހުގެ ތެރޭގައި އުފެދުނު ސަރުބީކޮޅު ވިރުވާލަން ދުވަން ދިޔަ މީހުންނާއި، ގެއްލުނު ފިޓްނަސް އަލުން އިއާދަކުރަން އެކިއެކި ކަސްރަތު ކުރަމުން ދިޔަ މީހުން ފެނުނެވެ.
މެންދުރުފަހު ރާޅާ އަޅާ މީހުން ގޮސް ތިބީ މުދަށް އެރި ރާޅުތަކާ އެކީ ނަށާށެވެ. މޫދުގައި ފަތަފަތާގައި އެއްގަމަށް އަރައި ބައެއް ޒުވާނުން ތިބީ އެ މަންޒަރު ބަލާށެވެ. އެ މީހުންގެ މޫނުމަތިން ފެނުނީ ހިނިތުންވުމެވެ. އެ ހިނިތުންވުންތަކުން ކިޔައިދެނީ ޒަމާންގަނޑަކަށްފަހު މޫދުގައި މަޖާކޮށްލައި ހިތްހަމަޖައްސާލަން ލިބުނު ފުރުސަތާއެކު ވެރިވެގަތް އުފާވެރިކަމުގެ ވާހަކަތަކެވެ.

މިއަދު މެންދުރު މާލޭ ރާޅުގަނޑު ސަރަހައްދުގައި ޒުވާނަކު ރާޅާ އަޅަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ
މިއަދު މާލޭގެ މިސްކިތްތައްވެސް މި ހުޅުވާލީ ލައްކަ ދުވަހެއް ކޮށްފައެވެ. މި ލިބުނު އުފަލަކީ ގިނަ ބަޔަކަށް ބުނެދޭން ނޭނގޭހާ ބޮޑު އުފަލެކެވެ. އަދި ޖަމާއަތުގައި ނަމާދު ނުކުރެވުނަސް މީހުން މިސްކިތަށް ގޮސްލައި ގައިދުރުކޮށްގެން ތިބެ ނަމާދުކޮށް ހަދާ މަންޒަރުވެސް ވަރަށް ހިތްގައިމެވެ. އަޅުކަމަށް ފަހު މިސްކިތްތައް ކުރިމަތީގައި އެކުވެރިން ވާހަކަ ދައްކާލަން ތިބޭ މަންޒަރުވެސް މި ފެނުނީ ހާދަ ދުވަހެއް ކޮށްލާފަ އެވެ.
މާލޭގައި އުޅޭ ބިދޭސީންވެސް އާންމު ދިރިއުޅުމާ ދިމާލަށް މިސްރާބު ޖަހައިފި އެވެ. މާލޭގައި ހުންނަ ބަންގްލަދޭޝްގެ ނޭޝަނަލް ބޭންކް ލިމިޓެޑްގެ ބްރާންޗު ކުރިމަތީގައި ހުސެއިން ޝުރޯބު ގޮސް ހުރީ ބަންގްލަދޭޝްގައި ތިބި އޭނާގެ އާއިލާއަށްޓަކައި މުހިންމު ވާޖިބެއް އަދާކޮށްދޭށެވެ.
"ލޮކްޑައުން ލުއި ވީމަ ވަރަށް ފަސޭހަ ވަނީ. އަހަރެން ބޭނުންވަނީ ބަންގްލަދޭޝްއަށް ލާރި ފޮނުވަން އެހެންވެ އަންނަނީ ބޭންކް،" އޭނާ ބުންޏެވެ.

ފުރަބަންދަށް ލުޔެއްދީ މިއަދު މާލޭގައި ހުއްދައާ ނުލައި ބޭރަށް ނުކުމެ އުޅެވޭ ގޮތް ހެދުމުން ހެނދުނު ހެނދުނާ ބައެއް މީހުން އާޓިފިޝަލް ބީޗު ސަރަހައްދަށް ދިޔަ -- ސަން ފޮޓޯ/ ފަޔާޒު މޫސާ
މިދިޔަ ދެ މަހެއްހާ ދުވަސް ތެރޭގައި ހުއްދަ ހޯދައިގެން ޝުރޯބު ބޭރަށް ނުކުތީ ދެ ތިން ފަހަރަކު އެވެ. މިހާރު އޭނާ ހުރީ ހުއްދައާ ނުލައި ބޭރަށް ދެވޭތީ ލިބޭނެ ފަސޭހަތަކާ ހެދި އުފަލުންނެވެ.
ހަމަ އެ ބޭންކު ކައިރިން ދިމާވި ބަންގްލަދޭޝްގެ އެމްޑީ ރިޔާޒު ކިޔައިދިނީ މާޔޫސީ ވާހަކައެކެވެ. މުޅި ފުރަބަންދު ހޭދަކުރަން ޖެހުނީ މާލޭ ފަޅުތެރޭގައި އޮތް ދޯންޏެއްގަ އެވެ. ދެ މަސް ދުވަސް ވަންދެން ދޯނި މާލޭ ފަޅުގައި ބަންދުވެ، ކުރާނެ މަސައްކަތެއް ނެތުމުން މުސާރައެއްވެސް އޭނާއަކަށް ނުލިބުނެވެ. ލިބުނީ ކާލާނެ އެއްޗެއް އެކަންޏެވެ.
"އޮޑިވެރިމީހާ ކާން ދެނީ. މުސާރަ ނުލިބެނީ. މަސައްކަތް ނެތީމަ ކޮން ލާރި ލިބެނީީ. ލާރި ލިބުނީމަ އެއްޗެއް ދެވޭނީ އެ މީހުންނަށް،" އެމްޑީ ރިޔާޒު ބުންޏެވެ.

މާލޭގައި ހުންނަ ބަންގްލަދޭޝްގެ ނޭޝަނަލް ބޭންކް ލިމިޓެޑްގެ ބްރާންޗު ކުރިމަތިން ދިމާވި އެމްޑީ ރިޔާޒް -- ސަން ފޮޓޯ
އެކަމަކު އެ މާޔޫސްކަމާއެކުވެސް އޭނާ ހުރީ އުންމީދުގަ އެވެ. ދޯނީގެ މަސައްކަތްތައް ފަށައި، އަތަށް ފައިސާކޮޅެއް އަރާނެ ދުވަހަކަށް ބަލަބަލަ އެވެ.
މާލޭގެ ޓޭކްއަވޭ ކޮފީ ވިއްކާ ތަންތަނުގައި ކިއު ހަދައިގެން ގިނަ ބަޔަކު ތިއްބެވެ. އެންމެންވެސް ތިބެނީ ބަސް އަހައި، ގައިދުރުކޮށްގެން މާސްކު އަޅައިގެންނެވެ. ދުރުދުރުގައި ތިބެ އެމީހުން ކޮފީ ތަށި ބޮމުން ދިޔައީ ކާރުތަކާއި ސައިކަލުތައް މާލޭގެ މަގުތަކުގައި އަނެއްކާވެސް ގަދަކުރަން ފަށާ މަންޒަރު ބަލަމުންނެވެ.
ހުޅުމާލޭ ފެރީ ޓާމިނަލް ކުރިމަތީގައި ހުންނަ ކޮފީ ސްޕޮޓަކުން ދިމާވި، އެމްޕީއެލްގެ ލޮރީއެއް ދުއްވާ މުހައްމަދު ދީދީ ބުނި ގޮތުގައި މީގެ ކުރިިންވެސް ނުކުމެ އުޅެން އޭނާއަށް ހުއްދަ އޮތެވެ. އެކަމަކު މިހާރު ހަށިގަނޑުގައި ވަރު ޖައްސާލައި، ކޮފީއެއް ބޯލައި މިނިވަންކަމާއެކު އުޅެން ފުރުސަތު ފަހިވުމުން ވަރަށް ހިތްހަމަޖެހޭ ކަމަށް ބުންޏެވެ.

ފުރަބަންދަށް ލުޔެއްދީ މިއަދު މާލޭގައި ހުއްދައާ ނުލައި ބޭރަށް ނުކުމެ އުޅެވޭ ގޮތް ހެދުމުން ހެނދުނު ހެނދުނާ ބައެއް މީހުން އާޓިފިޝަލް ބީޗު ސަރަހައްދަށް ދިޔަ -- ސަން ފޮޓޯ/ ފަޔާޒު މޫސާ
ބާޒާރުމަތިން ދިމާވި އަހްމަދު ވަހީދު މިއަދު ބޭރަށް ނުކުތީ ދެ މަސްކޮށްލާފަ އެވެ. އޭނާ ބުނި ގޮތުގައި މިއަދާ ހަމައަށް ބަސް އަހައިގެން ގޭގައި އޮތީ ޖޫރިމާނާކޮށްފާނެކަމުގެ ބިރަށެވެ. ނަމަވެސް މަސައްކަތެއް ކޮށްގެން ލާރި ހޯދަން މިއަދު ފުރުސަތު އޮތުމުން އޭނާ ނިކަން އުފާވެ އެވެ. ވަހީދަކީ އެކި އެއްޗެހި ބާޒާރު މަތީގައި ވިއްކާ މީހެކެވެ. މިއަދު ނުކުމެ އުޅުނީ ބުރުމާއެއް ހިފައިގެން، އޭތި ވިއްކުމުގެ މަސައްކަތުގަ އެވެ.
"މިހާ ދުވަސްކޮށްލާފަ ނުކުމެވުނީމަ ވަރަށް އުފާވޭ. މިސްކިތަށް ގޮސް ނަމާދުކޮށްލެވުނީމަ ވަރަށް އުފާވޭ. މިތާ އިންދާވެސް ބަންގި ގޮވީމަ ގޮސް މިސްކިތަަށް އަރާލައި ނަމާދުކޮށްލައިގެން ދެން ގޮސް މަޑުމަޑުން ހޮޓަލަަކަށް އަރައި ސައިތައްޓެއް ބޯލައިގެން މަޑުމަޑުން މި ތިބެނީ ދެން ރީތިކޮށް،" ވަހީދު ބުންޏެވެ.
މަސްމާރުކޭޓު ކުރިމަތިން ތޮށި މަތީގައި އިށީނދެ އިނދެ ފަޅުތެރެއަށް ހިމަ ނަނު އެއްލައިގެން މަސް ބާނަން ދެ މީހަކު ތިއްބެވެ. އެ ކިލަނބު ފެންގަނޑުން މަހެއް ބޭނޭނެހެން ހީނުވިޔަސް އެ ދެމީހުން ބުނާ ގޮތުން އެ ތަނުން މަސް ގަނެ އެވެ. އެ މީހުން ގެންގުޅުނު ފޮށިގަނޑުތެރޭގައިވެސް ބާނާފައި އޮތް ހައެއްކަ މަސް އޮތެވެ.
އޭގެ ތެރެއިން، މަޑު ނޫކުލައިގެ އަތް ދިގު ޓީޝާޓެއް ލައިގެން އިން މުހައްމަދު އާދިލް ބުނީ އޭނާވެސް މިއަދު ނުކުތީ ދޮޅު މަސްކޮށްލާފައި ކަމަށެވެ. އޭނާ އެންމެ ފުރަތަމަ ނުކުމެލައި ގަންނަން ބޭނުންވާ ބައެއް ސާމާނު ފިހާރަތަކުން ގަނެލީ އެވެ. އޭނާ ބުނި ގޮތުގައި މިހާރު ކުރަމުންދާ މަސައްކަތަކީ އާންމުދަނީ ލިބޭނެ ކޮންމެވެސް މަސައްކަތެއް ހޯދުމެވެ.

މާރުކޭޓު ސަރަހައްދު ކައިރި ފަޅު ތެރެއަށް ނަނު އެއްލައިގެން އިން މުހައްމަދު އާދިލް -- ސަން ފޮޓޯ
"އަހަރެމެންނަކީ ރަށު ތެރޭގައި މަސައްކަތްކޮށްގެން އުޅޭ މީހުންނަށްވީމަ އެންމެ ފުރަތަމަވެެސް ބެލީ މަސައްކަތެއް ހޯދޭތޯ ދޯ؟ އެހެންވީމަ މަސައްކަތެއް ލިބޭތޯ މި ބަލަނީ،" އާދިލް ބުންޏެވެ.
މާލޭގެ މަގުތައް މަތިން މިއަދު ފެނުނު މިނިވަންކަމުގެ މަންޒަރުތައް ހިތްގައިމު ނަމަވެސް ފަރުދީ ޒިންމާ އަދާނުކޮށްފި ނަމަ، އަނެއްކާ ވެސް ގޭ ބަންދަށް ދާން ޖެހިދާނެ އެވެ. ކާނިވާ ސަރަހައްދުގައި ހުރި ޓޭކްއަވޭއެއްގެ ލައިންގައި ހުއްޓިލައިގެން ހުރި އަންހެނެއްވެސް ފާޅުކުރީ އެ ހިޔާލެވެ. އޭނާ ބުނި ގޮތުގައި އަދި މިއީ ވަގުތީ ހިތްހަމަޖެހުމެކެވެ. މިއަދު ނުކުންނަ މީހުން ގިނަވެ، ގައިދުުރު ކަމަށް ސަމާލު ނުވެ ހިތަށް އެރި ގޮތަކަށް އުޅެގެންފި ނަމަ، ކޮވިޑް19ގެ ބިރު އަނެއްކާވެސް އިޔާދަވެދާނެ އެވެ. މި ލިބުނީ އަދި ކުޑަކުޑަ ހިތްހަމަ ޖެހުމެކެވެ. މިނިވަންކަމެކެވެ. ފަރުދީ ޒިންމާ އަދާނުކޮށްފި ނަމަ، ހިތް ހަމަޖެހުން ބިރުވެރި ކަމަށް ބަދަލުވެދާނެ އެވެ.