އެމްޑީޕީގެ ކެމްޕެއިން ހަރަކާތެއްގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ދައުލަތުގެ މުދަލާއި ވަސީލަތް ބޭނުން ކުރި ކަމަށް ބުނެ އެންޓި ކޮރަޕްޝަން ކޮމިޝަނަށް ހުށަހަޅާފައިިވާ މައްސަލައާ ގުޅިގެން، މަޖިލީހަށް ދައްކަން އެންގި ފައިސާ އެމަނިކުފާނު ދައްކަވައިފި އެވެ.

ރައީސް ނަޝީދު ކުރެއްވި ރަސްމީ ދަތުރުފުޅެއް ނިންމާލުމަށް ފަހު، އެހެން ރަށަކަށް ދިއުމުން މަޖިލީހުގެ އިދާރާގެ ދެ މުވައްޒަފެއްގެ ޓިކެޓަށް އިތުރުވި 444 ރުފިޔާ މަޖިލީހުގެ އިދާރާއަށް ދައްކަން އެންޓި ކޮރަޕްޝަން ކޮމިޝަނުން ރައީސް ނަޝީދަށް އެންގެވީ މިދިޔަ ފެބުރުއަރީ މަަހުގެ 19 ވަނަ ދުވަހު އެވެ.

އެމައްސަލަ ނިންމައި އޭސީސީއިން ރައީސް ނަޝީދަށް ފޮނުވި ރިޕޯޓުގައި ބުނެފައި ވަނީ ގއ. ވިލިގިލީގައި ބޭއްވި ދެކުނު މަހާސިންތާ ނިންމާލުމަށް ފަހު، ރައީސް ނަޝީދު ފުވައްމުލަށް އަދި އައްޑޫ ސިޓީއަށް ކުރެއްވި ދަތުރުފުޅު ނިންމަވާ ލެއްވުމަށް ފަހު އެމަނިކުފާނުގެ ހަށިފާރަވެެރިންނާއި އަދި ޗީފް ބިއުރޯ އޮފިސަރު އައްޑޫ ގަމުން މާލެ ދިއުމަށް ޓިކެޓަށް ކޮންމެ މީހަކަށް 1333 ރުފިޔާ ހަރަދުވެފައިވާ ކަމަށެވެ.

"ނަމަވެސް އެދުވަސްވަރު ކޫއްޑޫއިން މާލެއަށް ކުރާ ދަތުރުތަކުގެ އަގަކީ މީހަކަށް 1222 ރުފިޔާ،" ނިންމުމުގައި ބުނެފައިވެ އެވެ.

އޭސީސީއިން ބުނެފައިވަނީ މަހާސިންތާ ނިންމާލުމަށް ފަހު މާލެ ދިއުމުގެ ބަދަލުގައި، މަހާސިންތާގެ ޕްރޮގްރާމްތަކުގެ ތެރޭގައި ނުހިމެނޭ ކަންކަމުގައި ބައިވެރިވުމަށް ފުވައްމުލަކު ސިޓީއާއި އައްޑޫ ސިޓީއަށް ދަތުރު ކުރުމުގެ ސަބަބުން ޓިކެޓަށް އިތުރަށް ހަރަދުކޮށްފައިވާ 444 ރުފިޔާ ދައުލަތަށް އަނބުރާ ހޯދުމަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް އޭސީސީއިން ވަނީ އަންގާފަ އެވެ.

މަޖިލީހުގެ އިދާރާގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ނަޝީދު ވިދާޅުވީ، މިހާރު އެ ފައިސާ ދައްކަވާފައިވާ ކަމަށެވެ.

މީގެކުރިން ނަޝީދު ވިދާޅުވެފައި ވަނީ، އޭސީސީއާ ޗެލެންޖުކުރައްވަން ބޭނުންފުޅުނުވާ ކަމަށެވެ.