ދިވެހި އާއިލާއަކަށް ނިސްބަތްވާ ޑރ. އައިޝާ ވެރާލް، ނިއު ޒީލެންޑް ލޭބާ ޕާޓީއިން ގާނޫނު ހަދާ މަޖިލީހަށް ކުރިމަތިލާ ކެންޑިޑޭޓުންގެ ތެރޭގައި ހިމެނިއްޖެ އެވެ.

މިހާރު ފެތުރެމުންދާ ކޮވިޑް-19 އާ ގުޅިގެން ނިއު ޒީލެންޑުން ކުރަމުންދާ މަސައްކަތުގެ އެންމެ އިސް ސަފުން ފެންނަ އެއް މޫނަކީ އިންފެކްޝަސް ޑިސީޒް ފިޒީޝަން ސްޕެޝަލިސްޓެއްގެ ގޮތުގައި މަސައްކަތް ކުރައްވާ ޑރ. އައިޝާ ވެރާލް އެވެ.

އައިޝާ ވެރާލްގެ މަންމައަކީ ދިވެއްސެކެވެ. އެގޮތުން ވެރާލްގެ މަންމައަކީ ރާއްޖޭގެ ކުރީީގެ ރައީސް އަދި މިހާރުގެ މަޖިލިސް ރައީސް މުހައްމަދު ނަޝީދުގެ މަންމާފުޅު އާބިދާ އަހްމަދުގެ ކޮއްކޮ ލަތީފާ އަހްމަދެވެ. ރައްޖޭގައި އުޅެ ބޮޑުވެ، އިނގިރޭސި މީޑިއަމްގައި ކެމްބްރިޖް އިމްތިހާނުގައި ބައިވެރިވުމަށްފަހު ސްކޮލަޝިޕެއްގައި ލަތީފާ ނިއުޒިލެންޑަށް ކިޔަވަން ވަޑައިގެންނެވީއެވެ.

ލޭބާ ޕާޓީއިން ވަނީ މިއަދު އެ ޕާޓީގެ ފަރާތުން ކެބިނެޓަށާއި ސްޕީކަރަށް ކުރިމަތިލައްވާ ބޭފުޅުން އާންމުކޮށްފަ އެވެ. އެގޮތުން ޖުމްލަ 18 ސްލޮޓު ހަމަޖައްސާފައިވާއިރު އެތަނުން އެއް ސްލޮޓަކީ ސްޕީކަރު ޓްރެވާ މަލާޑް އަށް ހާއްސަކުރައްވާފައިވާ ސްލޮޓެވެ.

ނިއު ޒީލެންޑްގެ ނޫހެއް ކަމަށްވާ އާރުއެންޒީއިން ބުނެފައިވަނީ ޑރ. ވެރާލް ހިމެނިވަޑައިންނަވަނީ 18 ވަނައިގައި ކަމަށެވެ. އޭގެ މާނައަކީ މިއަހަރުގެ ސެޕްޓެމްބަރުގައި ބާއްވާ މަޖިލީސް އިންތިހާބު، ޑރ. ވެރާލް އަށް ކާމިޔާބު ކުރުމުގެ ފުރުސަތު ވަރަށް ބޮޑު ކަމެވެ.

ކޮވިޑް-19 އާ ގުޅިގެން ނިއު ޒީލެންޑް އިން ތައާރަފުކޮށްފައިވާ ކޮންޓެކްޓް ޓްރޭސިން ޕްލެޓްފޯމަށް ޑރ. ވެރާލް ވަނީ ފާޑުވިދާޅުވެފަ އެވެ. އެއާއެކު އެ މަސައްކަތްތައް އިތުރަށް ބަލައި މަސައްކަތްތައް ކުރެއްވުމަށް އެގައުމުގެ ހެލްތު މިނިސްޓްރީއިން ޑރ. ވެރާލް އަށް އެދިލެއްވި އެވެ. އެގޮތުން ކޮންޓެކްޓް ޓްރޭސިން ހިދުމަތް އިތުރަށް ތަރައްގީކޮށް އިތުރަށް މަސައްކަތް ކުރުމުގައި ޑރ. ވެރާލް ވަނީ އިސްރޯލެއް އަދާކުރައްވާފަ އެވެ.