ފުލުހުންގެ ހުވާގެ އިބާރާތުގައި އިންސާނީ ހައްގުގެ ވާހަކަ ހިމެނުމަކީ މައްސަލައެއް ނޫން ކަމަށް ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.

ފުލުހުންގެ ބިލެއް އަލުން އެކުލަވާލައި މަޖިލީހަށް ހުށަހެޅުއްވީ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފު އެވެ.

އެ ބިލުގައި ފުލުހުންގެ ހުވާގެ އިބާރާތް ބަދަލު ކުރަން ވަނީ ހުށަހަޅައިފަ އެވެ. އެގޮތުން އެ ބިލުގައި ފުލުހުންގެ ހުވާ އިސްލާހު ކުރަން ހުށަހަޅާފައިވާ ގޮތަކީ؛ "އިންސާނީ ހައްގު ހިމާޔަތް ކުރިއަރުވަން އިސްނަގާ މީހެއްގެ ހައިސިއްޔަތުން އެއްވެސް މީހަކަށް ގެއްލުމެއް ދިނުމަށް ނުވަތަ މަންފާއެއް ހޯދައި ދިނުމުގެ ވިސްނުމެއް ނެތި މާތްވެގެންވާ އިސްލާމް ދީނާއި ގާނޫނުއަސާސީއާއި ގާނޫނުތައް ވަފާތެރި ކަމާއެކު ދަމަހައްޓާނެ،" މިގޮތަށެވެ.

ބިލުގައި ލިޔެފައިވާ ހުވާގައި އިންސާނީ ހައްގު ހިމާޔަތް ކުރުމުގެ ވާހަކަ ހިމަނާފައި ވާތީ، ދީނީ ޖަމިއްޔާތަކުންނާއި ދީނީ އިލްމުވެރިން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ބިލުގެ އިބްތިދާއީ ބަހުސް މަރުހަލާގައި ވާހަކަފުޅު ދައްކަވަމުން މެމްބަރު އަސްލަމް ވިދާޅުވީ އެ ހުވައިން ލާދީނީއޭ މީހުން ބުނާ ބުނުމެއް ފާހަގަނުކުރެވޭ ކަމަށެވެ.

"މިހުވައިން ލާދީނީއޭ ސަލަފު ޖަމާއަތުންނާއި އަބްދުﷲ ބުން މުހައްމަދު ގެ ނަމުގައި އެކުރާ ޓްވީޓުންނާއި އެކަންކަމެއް އަޅުގަނޑަކަށް ފާހަގައެއް ނުކުރެވޭ. މިބޭފުޅުން ލާދީނީއޭވެސް ވިދާޅުވެދާނެ ދީނީ އިލްމުވެރިންގެ ތޮފި އަޅުއްވައިގެން ދީނީ އިލްމުވެރިންގެ ނަމުގައި ވަކާލާތު ކުރައްވާ ބޭފުޅުން. މިހެން މިކަންކަން ކުރައްވާ ހަރުކަށި ފިކޔރަށް ޖާގަ ދިނުމަކީ އަޅުގަނޑުމެންގެ މުޖުތަމައުގައި ބަލައި ގަނެވޭނެ ކަމެއް ނޫން ކަމުގައި ދަންނަވަން." އަސްލަމް ވިދާޅުވި އެވެ.

ފުލުހުންގެ މަސައްކަތްތައް އިތުރަށް ހަރުދަނާ ކުރުމަށް ބިލުގައި އިތުރަށް ހިމެނިދާނެ ކަންކަމާ ބެހޭގޮތުން ވެސް އަސަލަމް ވާހަކަދެއްކެވި އެވެ. އޭނާ ވިދާޅުވީ ނެޝަނަލް އިންޓެގްރިޓީ ކޮމިޝަނުން ފުލުހުންގެ މައްސަލައެއް ބެލުމަށް ފަހު އެމައްސަލާގައި ގޮތް ނިންމަން ފުލުސް އިދާރާއަށް ފޮނުވުމަކީ ހަމަޖެހޭ ކަމެއް ނޫން ކަމަށެވެ.

އެފަދަ މައްސަލަތައް ފޮނުވަން ޖެހޭނީ ޖިނާއީ ކަމެއް ހިމެނޭ ނަމަ ސީދާ ޕްރޮސެކިއުޓަ ޖެނެރަލަަށް ކަމަށް އަސްލަމް ވިދާޅުވި އެވެ. އެގޮތަށް ގާނޫނު ބަދަލު ކުރުމަށްވެސް އޭނާ ވަނީ ތާއީދުކުރައްވާފަ އެވެ.