ދިވެހި ރުފިޔާ އެކައުންޓު މެދުވެރިކޮށް ރާއްޖެއިން ބޭރަށް ފައިސާ ފޮނުވޭ ގޮތް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން ހަމަޖައްސައިފި އެވެ.

ބީއެމްއެލްއިން މިއަދު ކުރި އިއުލާނެއްގައި ބުނީ މި ހިދުމަތަށް ބީއެމްއެލްއިން އެއްވެސް ފީއެއް ނުނަގާނެ ކަމަށެވެ. އަދި ކަސްޓަމަރުން ދައްކަން ޖެހޭނީ ހަމައެކަނި ބޭރުގެ ބޭންކުން ނަގާ ޗާޖު ކަމަށް ބީއެމްއެލްއިން ބުނެ އެވެ.

މި ހިދުމަތުގެ ދަށުން ކޮންމެ ކަސްޓަމަރަކަށް ވެސް ދުވާލަކު 500 ޑޮލަރާ ހަމައަށް ދިވެހި ރުފިޔާ އެކައުންޓުން ރާއްޖޭން ބޭރަށް ފައިސާ ފޮނުވޭނެ އެވެ.

ހަމައެއާއެކު މޮބައިލް ޕޭ މެދުވެރިކޮށް ރާއްޖެއިން ބޭރަށް ފައިސާ ފޮނުވާ ކަސްޓަމަރުންނަށް ވެސް ދިވެހި ފައިސާގެ ޑިޖިޓަލް ވޮލެޓް ބޭނުންކޮށްގެން 500 ޑޮލަރާ ހަމަައަށް ފައިސާ ފޮނުވޭނެ އެވެ.

ބީއެމްއެލްއިން ބުނީ މި ހިދުމަތް ލިބޭނީ ފޮރިން މިނިސްޓްރީން ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތަށް، ރާއްޖޭން ބޭރުގައި ހުންނަ އެމްބަސީތަކުގައި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށް ކަމަށެވެ.