ނިއުދިއްލީ (15 ޖޫން 2020): އިންޑިއާގައި ކޮވިޑް-19 އާދަޔާ ޚިލާފު ބާރުމިނެއްގައި ފެތުރި އެތައް ހާސްބަޔަކު ފުރާނައަށް ނުރައްކާވާ ހާލަތަށްގޮސް އެމީހުން އެނދުމަތި ކުރަން ޖެހުމުން އެގައުމުގެ ހޮސްޕިޓަލުތަކަށް ޖާގައިގެ ދަތިކަން އިންތިހާއަށް ބޮޑުވެއްޖެއެވެ.

އިންޑިއާގެ ސިއްހަތާބެހޭ ވުޒާރާއިން ބުނީ ކޮވިޑް-19 ޖެހިގެން ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އެތައް ހާސްބަޔަކު ފުރާނައަށް ނުރައްކާވާ ހާލަތަށްގޮސްފައިވާތީ ވަގުތީ ހައްލެއްގެ ގޮތުން މީހުން އެނދުމަތި ކުރުމަށް ރޭލުތަކުގެ ބޭނުން ހިފުމުގެ މަސައްކަތް ކުރަމުން ގެންދާކަމުގައެވެ.

ކޮވިޑްގެ ބަލިމީހުންގެ ތެރެއިން ހާލުބޮޑުވާ މީހުންނަށް އަވަސް ފަރުވާ ނުދެވިއްޖެނަމަ އެމީހުންގެ ފުރާނަ ސަލާމަތް ނުކުރެވޭނެކަން އިންޑިއާގެ ޑޮކްޓަރުން ވަނީ ކަށަވަރުކޮށްދީފައެވެ. މިއާއެކު އިންޑިއާގެ މައި ސަރުކާރާ ރޭލްވޭއާބެހޭ އިދާރާ ގުޅިގެން ވަނީ އެތަށް ސަތޭކަ ރޭލްއެއްގެ ކެރިޖުތަކުގައި މީހުން އެނދުމަތިކޮށްގެން ފަރުވާދެވޭގޮތަށް އެ ކެރިޖްތަކުގައިވާ ގޮނޑިތައް އެމޮޑިފައި ކުރުމުގެ މަސައްކަތް ފަށާފައެވެ.

ވަގުތީ ހޮސްޕިޓަލްތަކެއް ބިނާކުރުމަށްވުރެ ރޭލްތަކުގެ ކެރިޖްތައް މިގޮތަށް މޮޑޮފައި ކުރުމުގެ ކަންތައް މާއަވަހަށް ނިންމާލެވޭނެކަމަށް އިންޑިއާގެ ކަމާބެހޭ މަސްއޫލުވެރިން ވިދާޅުވިއެވެ. އިންޑިއާގައި ކޮވިޑް-19 ގެ ކަރަންޓީނާއި އައިސޮލޭޝަން ފެސިލީޓީތަކުގެ ގޮތުގައިވެސް ރޭލްތަކުގެ ކެރިޖުތައް ބޭނުންކުރަމުން ގެންދެއެވެ.

އިންޑިއާގައި ކޮވިޑް-19 އާދަޔާ ޚިލާފު ބާރުމިނެއްގައި ފެތުރެންފެށީ އެގައުމުން އަޅާފައިވާ ފުރަބަންދުގެ ފިޔަވަޅުތަކަށް މީގެ ދެހަފްތާކުރިން ދިން ލުއިތަކަށް ފަހުއެވެ. ލުއިދިނީވެސް ފުރަބަންދުގައި ތިބެންޖެހުމާއެކު އިންޑިއާގެ އެތަށް މިލިޔަން ބަޔަކު ހައިހޫނުކަން ތަހައްމަލް ކުރަންޖެހުމުގެ ސަބަބުން އެހެން ގޮތެއް ނެތިގެންނެވެ.

ކެރިޖްތަކުގައި ބަލި މީހުން އެނދުމަތި ކުރުމަށް ވާންޖެހޭ އެންމެ ފަހުގެ ތައްޔާރީތައްވަނީ

ދުނިޔޭގައި މީހުން ބައިބޯ އަދި އާބާދީގެ ބޮޑު ބައެއް ފަގީރުކަމާއި ނިކަމެތިކަމުގައި އުޅެންޖެހިފައިވާ އެއްގައުމު ކަމަށްވާ އިންޑިއާގައި ކުރިން ދުވާލެއްގެ މައްޗަށް ހާހެއްހާ މީހުން ޕޮޒިޓިވްވި ނަމަވެސް މިހާރު އެވްރެޖްކޮށް 12 ހާހާއި 14 ހާހާ ދެމެދުގެ މީހުން ދުވާލެއްގެ މައްޗަށް ކޮވިޑް އަށް ޕޮޒިޓިވް ވެއެވެ. އިންޑިއާއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު މިހާރުވަނީ 3 ލައްކައަށްވުރެ މައްޗަށް ގޮސްފައެވެ. މިއާއެކު އިންޑިއާ ހިމެނެނީ ކޮވިޑް-19 އެންމެ ބާރަށް ފެތުރޭ 3 ވަނަގައުމުގެ ގޮތުގައެވެ. އަދި ކޮވިޑް-19 ގެ ކޭސްތައް އެންމެ ގިނަ 4 ވަނަ ގައުމުގެ ގޮތުގައެވެ.

ކޮވިޑް-19 ކޮންޓްރޯލް ކުރުމުގައި އެންމެ ބޮޑަށް ނާކާމިޔާބުވެފައިވާ ގައުމު ކަމަށްވާ އެމެރިކާގައި ދުވާލެއްގެ މައްޗަށް 24 ހާސްމީހުން ކޮވިޑް-19 އަށް ޕޮޒިޓިވްވާއިރު ދެވަނައަށް އެންމެ ބޮޑަށް ފެތުރޭ ބްރަޒިލްގައި ދުވާލެއްގެ މައްޗަށް 15 ހާހާއި 19 ހާސް މީހުން އެ ރޯގާއަށް ޕޮޒިޓިވް ވެއެވެ.

ކޮވިޑް-19 އެންމެ ބާރަށް ފެތުރެން ފަށާފައިވާ ތިންވަނަ ގައުަމަކީ އިންޑިއާގައެވެ. އިންޑިއާގައި މިހާރަކަށް އައިސް ދުވާލެއްގެ މައްޗަށް 12 ހާހާއި 14 ހާހާ ދެމެދުގެ މީހުން ކޮވިޑް-19 އަށް ޕޮޒިޓިވް ވެއެވެ. ކޮވިޑް-19 ޖެހިގެން ފުރާނައަށް ނުރައްކާ ހާލަތަށް ދާމީހުންގެ ނސްބަތްވެސް އިންޑިއާގައި ގިނަ ކަމަށްވެއެވެ. ކޮވިޑް-19 ޖެހިގެން ފުރާނައަށް ނުރައްކާވާ ހާލަތަށްގޮސްފައިވާ ގާތްގަނޑަކަށް 9 ހާސް މީހުން އިންޑިއާގައި ތިބިއިރު އެހުރިހާ މީހުން އެނދުމަތިކުރާނެ އެނދު ސަރުކާރުގެ ހޮސްޕިޓަލްތަކުގައި ނެތެވެ.

މީގެއިތުރުން ކުރިޔަށް އޮތް ދެތިން ހަފްތާ ތެރޭގައި ކޮވިޑް-19 ޖެހިގެން ފުރާނައަށް ނުރައްކާ ހާލަތަށް އިތުރު ދިހަވަރަކަށް ހާސް މީހުން ދާނެކަމުގެ ބިރު އޮތްކަމަށް އިންޑިއާގެ ސިއްހަތާބެހޭ މަސްއޫލުވެރިން ވިދާޅުވެއެވެ. އިންޑިއާގައި ކޮވިޑް-19 ގެ ހާލަތު އެންމެ ގޯހީ ދިއްލީ ސްޓޭޓްގައެވެ. ދެން މަހާރާސްތްރާ އާއި ޓެމިލް ނާޑޫގައެވެ. (ނޫސްއެޖެންސީތައް)