ކާރުގެ ބްރޭކް ޖެއްސިގޮތަށް ހުންގާނުގައި ހިފަހައްޓާލައިގެން އިންލެއް ބާރުކަމުން އިނގިލިތަކުގެ ހުޅުތައް ހުދުވިއެވެ. ބިރުވެރިކަން އޭނަ ވަށައިލިއެވެ. މި ކައިވެނި އޮންނާނީ ރޫޅިފައޭ އެ ޖުމްލަ ސިކުނޑީގައި ޖެހިގަތީ އެތައް ޓަނެއްގެ ބުރަދަނާއެކުގައެވެ.

***

މާޒިން މިސްރާބުޖެހީ ސްކައިޕެލެސް ހޮސްޕިޓަލަކަށް ނޫނެވެ. ހަމަ އެވަގުތު މަހުދީއާއި ކުރިމަތިލާން ބޭނުންވިއެވެ.

"ވަޓްސް ޔޯ ޕްރޮބްލެމް މޭން." މަހުދީ ނުކުތުމާއެކު މާޒިންރުންކުރުވެފައިވާ ގޮތަކަށް އެހިއެވެ.

"ކިހިނެއްވީ؟ " މަހުދީވެސް ހުރީ ބުމަގޮށްޖަހާލައިގެންނެވެ. އަރްސަން ހުރީ ވަރަށް ނުރަސްމީކޮށެވެ. ދެންމެ އެނދުން ފުންމާލައިގެން އައިފަދައެވެ. ބޯ އިސްތަށިގަނޑު ހޭވިފައެވެ. އޭނަ ހުރީ މަޖާވެލާފައި ކުޅިދެކޭށެވެ. ދެމީހުން ހޫނުވާނެވަރު ވިސްނުނެވެ. ޚާއްސަކޮށް މަހުދީއެވެ. އެއްބަނޑުއެއްބަފާކަމުގެ ކުލުނު ޖެހެން ދުވަސްކޮޅެއް ނެގިނަމަވެސް މިހާރު އާލިޔާއަށް ހިމާޔަތްދޭން އަތުކުރި އޮޅާލާފައިވާފަދައެވެ.

"ނުވަނީ ކޮންކަމެއްތަ؟ ޝީޒް މައި ވައިފް ދެން މައިކް ކޮންމެހެން ނުޖެހޭ އެދޭތެރެއަށް ވަންނަން. އަހަރެމެންގެ ހުރި މައްސަލަތަކެއް އަހަރެމެން ހައްލުކުރާނީ...." މާޒިން މުށްކަވައިލި އަތްތިލަ ފަޓުލޫނުގެ ޖީބަށް ޖަހާލައިފިއެވެ.

"ވައިފްއޭ؟ ޔަގީންތަ؟ އަހަރެން ހީކުރީ ޓޫ ބްރަދާސްއިން ވެގެން ކުޅޭ ގޭމްއެއްގެ ވިކްޓިމްއެއްކަމަށް. މިހާރު ކުޅިގަނޑު އަބުރާލަނީތަ؟ " މަހުދީ ގެ ތުންފަތް މައްޗަށް ނުލަފާ ހިނިތުންވުމެއް ވެރިވިއެވެ. މަހުދީގެ ވާހަކަ ހުރިގޮތުން އެކަމާ އެހާ ދެކޮޅު ހެދުމުގެ ނަތީޖާ ރަގަޅުނުވެދާނެކަން ވިސްނި އަމިއްލަ ނަފުސް ހަމަޔަކަށް އަޅުވާލަން އޭނަ ނެގީ ސިކުންތުކޮޅެކެވެ.

"އަބަދަކު އެއްގޮތަކަށް ހުރިހާ ކަމެއް ދެމިއެއް ނޯންނާނެ. އަހަރެންގެ އާއިލާއިން ވަނީ އާލިޔާ ބަލައިގެންފަ. އަހަރެމެން ބަލަނީ މި މެރިޖް ވޯކްއައުޓް ކުރޭތޯ...ވީމަ މައިކް މަޑުން ހުރެފާނަންތަ؟ "

"އާލިޔާއަށް ހަގީގަތް އެނގޭތަ؟ " މަހުދީ އެހިއެވެ.

"ނޮޕް.."

"މާޒިން ކިޔާދީ. އާލިޔާ ބޭނުމެއްނުވާނެ އަހަރެންގެ ފަރާތުން ހަގީގަތް އެނގެން.."

ހިތަށް ވި އުދަގޫތަކާއި އެކު ރުޅިއާއި ނުރުހުން އެކުވެ ސިކުނޑި ހަލަބޮލިކޮށްލުމުން އިތުރު އަރައިރުންގަނޑަކަށް ވެދާނެތީ އޭނަ މަޑުކޮށްނުލާ އެދިޔަ ބާރުމިނުގައި ގޮސް ދޮރުފަތް ޖެހިލެއް ބާރުކަމުން އެވެސް ހަލާކުކޮށްލަން އުޅުނުފަދައެވެ. ޑިއުޓީއަށް ދާހިތްވެސް ކެނޑިއްޖެއެވެ. ބޯމަތިވަމުން މިއަންނަނީ މުހިއްމު ހަގުރާމައެކެވެ. ސިކުނޑިތެރޭ އެނބުރެމުން ދިޔައީ މިހަގުރާމަ ކާމިޔާބުކުރާނެ ގޮތެކެވެ. އެންމެފަހުން ނިންމީ ޑިއުޓީއަށްވެސް ދިޔުމަށެވެ. އެހެން ދުވަހާއި ތަފާތުކޮށް އެންމެ ކުރިން އާލިޔާއަށް ގުޅުނެވެ. ހާލު ބަލައިލެވުނެވެ. އާލިޔާގެ ސަލާމްގެ އަޑު އެކަނިވެސް ހިތުގެ ފަރުވާއަކަށްވިއެވެ. އޭނަވެސް އާލިޔާދެކެ ލޯބިވާންވީ މާތްﷲއަށްޓަކާ ހެއްޔެވެ. ތިމާގެ އަނބިމީހާއަށް ހެޔޮކޮށް ހިތާ ލޯބިވެ ހިމާޔަތްދޭން އަންގަވާފައިވާތީ ހެއްޔެވެ؟އާލިޔާ ފޮނުވި ވީޑިއޯއެއް ހުޅުވާލުމަށްފަހު ބަލަން ފެށިއެވެ.

މާޒިން ތަންކޮޅެއް މައިތިރިވުމަށްފަހު މަހުދީއަށް ގުޅާފައި އެދުނީ އާލިޔާގާތު އަދި އެއްޗެކޭ ނުބުނުމަށެވެ. އޭނަ އާލިޔާއާއި ވާހަކަދައްކާ އިންސާފުން އެކަން ނިންމަން ހަފްތާއެއްހާ ދުވަހުގެ މުއްދަތުދޭން އެދުނެވެ. ފަހަރެއްގައިވެސް އާލިޔާއަށް ދެރަގޮތެއް ނުވާނެކަމަށް ވައުދުވިއެވެ. ފުރުސަތެއް ލިބުމުން އޭނަ އާލިޔާއާއި ވާހަކަދައްކާނެއެވެ.

***

ޖިބްރީލްއާއި ޝައުން ފުރަންއުޅޭތީ ބޭއްވި ވަދާއުގެ ހަފްލާ ވަރަށް ކުލަގަދައެވެ. އާލިޔާއަށް އެރޭ ޝައުން ކޮންމެވެސް ވަރަކަށް ފެނުނެވެ. މުށިރަންކުލައަކަށްދާ އިސްތަށިގަނޑަށް ތަނުގައި ހުރި އަލި އެޅުމުން އެންމެން ލޮލުގައި އަޅައިގަންނާނެހާ ރީއްޗެވެ. މާޒިން ޝައުންގެ ދެކުދިން ގެނެސް އާލިޔާއާއި ބައްދަލުކުރުވިއެވެ. ލިލީ ފެނުމާއެކު އާލިޔާއަށް އުރައިލެވުނެވެ. އެމޫނުކޮޅުގައި ބޮސްދެވުނެވެ. ކުޑަކުޑަކަމުން ގެންގުޅެންވެސް މީހަކަށް ނޭގޭނެއެވެ.

"މިހިރީ ލޫކާ..." މުށިކުލައިގެ ކުދި ކުދި ބޮޅުތަކެއްހެން ހީވާ ބުޅި އިސްތަށިގަނޑުގެ ވެރި ކުޑަ ފިރިހެންކުއްޖާގެ އިސްތަށިގަނޑު އޭނަގެ ބައްޕައާއި ތަފާތަކަށް ހުރީ ހަމައެކަނި ދިގުކޮށްލާފައި އޮތުމެވެ. އިސްތަށިގަނޑު ވަރުގަދަކަމުން އަންހެންކުދިންގެ ނަޒަރުވެސް އެކުއްޖާއަށް ހުއްޓިފައިވިއެވެ. އެދެކުދިންނަށް އެތައް ބަޔެއްގެ ސަމާލުކަން ލިބުނެވެ. ޝައުންގެ ދަރިއެއްގެ ގޮތުގައި ލޫކާ ތައާރަފުކޮށްދިނުމުން ހީކުރެވުނީވެސް ދޮށީ ދަރިފުޅުކަމަށެވެ. ލިލީއަކީ ލޫކާއަކީ އެއްމާބަނޑު ދެބެންކަން އެނގުނީ މާޒިން ބުނެދިނީމައެވެ.

"މިއީ ޓްވިންސް..." މާޒިން ބުނެލިއެވެ.

"މާޝާﷲ.." އާލިޔާ ހައިރާންވީ ދެކުދިންގެ އިސްކޮޅާއި ވައްތަރުވެސް ތަފާތުކަމުންނެވެ. ލިލީގެ އިސްތަށިކޮޅު ފަންވެފައި ފަށުވިކަމާއެކު މޫނުކޮޅުވެސް ތަފާތީއެވެ. އެއްމާބަނޑު ދެކުދިންނަށްވާނީ ވެސް ކިހިނެއްހެއްޔެވެ؟ ނަމަވެސް ގުދުރަތްތެރިކަމެވެ. ލިލީ ސައިޒްގެ ގޮތުން އަބަދު ހުންނާނީ މިހެންކަން ނޭގެއެވެ. ލޫކާ ނޯމަލްވީމަ އެކުއްޖާ އެހެރީ އެއުމުރުގެ އެހެންކުދިންނަށްވުރެވެސް ދިގުކޮށެވެ.

"ހީޒް ސޯ ޕްރޮޓެކްޓިވް އޮފް ހިޒް ލިލް ސިސް ދޯ ލޫކް.." މާޒިން ގުދުވެލާފައި ލޫކާގެ މޫނަށް ބޮސްދިނުމުން ހީލިގޮތުން ރީތި އަޑިކޮޅެއް ކޮލަށް އެޅުނެވެ. ލޫކާ ރަކިވެގެން އަނގައިގާ އިނގިލިޖެހިއެވެ. އަތުގައި އޮތް ކުޑަ ކުޑަ ބުދެއްވެސް އާލިޔާގެ ލޮލުގައި އަޅައިގަތެވެ. އެހާ ބޮޑުކުއްޖަކު އެގޮތަށް އިނގިލިޖަހައިގެން އުރަށް އަރާފައި ހުރުމުން އަދި ވަކިން ސަމާލުކަން ލިބުނެވެ. މާޒިން ކުޑަކުދިންނާއިހެދި އުޅޭވަރު އާލިޔާއަށް އެނގި ހިތުގައިވާ ގަދަރު އުފުލުނެވެ.

"ކޮބާ އާއިޒާ މިރޭ ނުފެނޭ......"

"އާއީ....ވެލް. އޭނަ ނާދޭ......"

"ލޯބީގެ ހަގުރާމައެއް ހިނގީކަމަަށް ވާނީ ހެހެ.............މާތްﷲއަށްޓަކާ ލޯބިނުވީމަތަ؟ "ސީރިޔަސް ނަޒަރަކުން އާލިޔާއަށް ބަލައިލަމުން މާޒިން އަހައިލިއެވެ.

***

މާޒިން ސޯފާގައި އޮށޯތްގޮތަށް މޫނުމަތީ ބާލީސްއަޅާ ބާރުކޮށްލައިގެން އޮތެވެ. އާލިއާއަށް ފޯނެއް އަޔަސް އޭނަ ބިރުން ސިހޭގޮތްވެއެވެ. މަހުދީ ގުޅަނީބާވައެވެ. ކުށްވެރިކަމުގެ އިހުސާސްތައް އޭނަ ހުރިހާ ފަރާތްތަކުން ފިއްތަމުން ދިޔައެވެ. އެހެން އޮތްވާ އާލިޔާ ނަމާދުކޮށްލައިގެން މުސައްލަމަތީ އިނދެ ގުރުއާން ކިޔަވަންފެށިއެވެ. އެ ރާގުގައި ހުރި އަސަރަކާއެކު ވަހީބަސްފުޅު އޭނައާއި ސީދާ މުޚާތަބުކުރެވޭފަދައެވެ. ސަބަބަކީ އެ އާޔަތުގެ މާނަ އޭނައަށް ދަސްވެފައިވުމެވެ. މާޒިންގެ ލޮލުން ކަރުނަތިއްކެއް ގޮސް ބާލީހުގެ ތެރެއަށް ފޭދުނެވެ.

"އައި ކާންޓް ލެޓް ޔޫ ގޯ އާލިޔާ..." މާޒިންގެހިތުގެ ފުންމިނުން ބުނެވުނެވެ. "ޕްލީޒް ސްޓޭ"

***

މާޒިންގެ ފަހަތުންގޮސް އަރްސަން "ގެޒެއިނިއާ"ގެ ގޯތިތެރެއަށް ވަނުމުން މާޒިންވެސް ކަންބޮޑުވިއެވެ. އަރްސަންގެ ނިޔަތަކީ ކޮބާކަމެއްވެސް ނޭގުނެވެ. އެ ނުރައްކާތެރި ނަޒަރާއި ކުރިމަތިލާން އޭނާވެސް ޖެހިލުންވިއެވެ.

"އާ ޔޫ އެފްރެއިޑް އޮފް މީ؟ ޔޯ އޯން ބްރަދާ؟"އަރްސަން އެހިއެވެ.

"އެހެނެއްނޫން. އެކަމަކު ތިކުރަން އައި ކަމެއް ރަގަޅުނޫންކަން އެނގޭތީ. ޔޫ ހޭޓް ހާ...." މާޒިން ބުނެލިއެވެ.

"އަހަރެން ޒިން ކައިރީ ބުނީމެއްނު މިންކާއަށޭ ޕްރޮޕޯސްކުރާނީ. އެންމެ މަސްލަހަތު ރަގަޅީ އެގޮތެއްނު."

"ތެދަށް ބުނަންޏާ އައި ވިޝް ކޮންމެވެސް އެހެން ފެމިލީއަކުން ފަހަރިއެއް ގެނެސްދޭނެނަމައޭ. އެނޫނީ އަބަދު ބޮލުތެރޭ ރިވެންޖް ނޫން އެއްޗެއް އިންނާނެތަ؟ އައި ޑައުޓް. ސޯ......."

"ޒިން. އަހަންނާއި އަދާ ބްރޭކްއަޕް ވުމަށްފަހު ދުވަހަކު އަދި އޭނައާއި ސުވާލެއްނުކުރަން. އެހެންވެ އަދާގެ ޗެޕްޓާ ކްލޯޒްކޮށްލަން އެންމެ ފަހަރަކު ވާހަކަދައްކާލާނީ. ކަމެއް އޮޅުން ފިލުވަން ބޭނުން. އެކަން އެނގުނީމަ އެހިސާބުން ނިމުނީ...................." އަރްސަން ބުނެދިނެވެ.

"އޯކޭ...."

"އެކަމަކު މިންކާ ހުރެއްޖެއްޔާ އިތުރަށް މައްސަލަ ޖެހިދާނެ.." މަޒިން ހަނދާންކޮށްދިނެވެ.

"މިންކާ...ހެހެ. އަހަރެންގެ ސިކިއުރިޓީއިންނަށްވުރެ އޭނަ މަގޭ ފަހަތު ހުންނަން ކުޅަދާނަ. ހިޔަންޏަށްވުރެވެސް ގާތުގައި ކަން ނޭގޭ ހުންނަނީ. އަސްލުވެސް ޝީޒް ސްޓޯކިން މީ. ބޮލަށް މޮޔަ ވެރިވެފައި. އޭނަ ހުރެއްޖެއްޔާ އަދާ ކުރިމަތީގައި މިންކާއާއި އިންނަން އަހާނީ. ހައުސް ދެޓް........" އަރްސަން ބުނެލީ އަނގަޔަށް ގޮތެއް ހަދާފައެވެ. ބޮޑުވަރޭ ބުނާފަދައެވެ.

އަރްސަންގެ ނަސީބު ރަގަޅެވެ. އަދާ ހުރީ ކާކޮޓަރީގައި އެކަނިމާ އެކަނިއެވެ. އަތުގައި އޮތް ފިޔޮހިން މޭވާ ކޮށަމުން އެތިކޮޅެއް އަނޔަށް ލިއެވެ. އަރްސަން ދޮރުމަތިން ފެނުމުން ލިބުނު ސިހުމުގައި އެސްފިޔަޖަހައިލީ ޔަގީންކޮށްލަންވެގެންނެވެ. އޭނަ ލައިގެން ހުރީވެސް ތަންކޮޅެއް ބާރު ހެދުމެކެވެ. ބުރުގާވެސް ނެތެވެ. އިސްތަށިގަނޑުން ހުޅިއެއް ޖަހާފައިވާ އިރު ކަރުދާހެއްހާ އޮމާން ކަނދުރާއާއި އަތުގެ ބޮޑުބައި ހާމައަށެވެ. އަރްސަން ނިކަން ހަމަޖެހިލައިގެން އިށީދެ ކާންފެށިއެވެ.

"ވަޓް ޑޫ ޔޫ ވޯންޓް..."

"އާންސާސް....."

"ތިގޮތަކަށް ނޫން މީހުން މީހުންނާ ބައްދަލުކުރަނީ...."

"އެހެންމީހުންނާއި އަހަރެން ތަފާތުކަމެއް ނޭގޭތަ؟ މިގައުމުގެ އެހެންމީހުންގެ ފަހަތުގައި ބޮޑީގާޑުން އުޅޭތަ؟ ޕްރައިވެޓް ޖެޓެއްއޮވޭތަ؟ ކުންފުނިތައް ހުރޭތަ؟ ވެޕަންތަކާއި އެއްޗެހި އުފައްދާ ފެކްޓަރީތަކުގެ އޯނަރުންތަ؟ އެހެންވީމަ އަހަންނާއި ތިބުނާ އާދައިގެ މީހުން އަޅާ ނުކިޔޭނެ. ބޭނުންވާގޮތަކަށް ބޭނުންގޮތަކަށް ހިންގަން އޮތް ތަނެއްމިއީ. ފައިސާގެ ބާރުގައި ނުވާނެކަމެއް ނެތް......." އަރްސަން ބުނެލިއެވެ.

"މީހަކަށް ފެނިދާނެ. އަހަރެން ބޭނުމެއްނުވޭ. ޖަސްޓް ފޮގިވް މީ......."

"މިއައީ ގުޑްބައި ކިޔަން. އަދާގެ މާޒީ ފޮހެލެވޭނެނަމަ އެކަންވެސް ކުރާނަން. ނަމަވެސް ހަދާން ނައްތާލާނަން. އަހަރެން މާފުދޭނީ އެމީހެއްގެ މަތިން އެއްކޮށް ހަދާން ނައްތާލައިގެން. އެ ހެޔޮ ބްރެއިން ސާޖަރީއެއް ހަދައިގެން ހަނދާނުގެ ބައި ކަނޑާ ނަގަން ޖެހުނުނަމަވެސް ހެޔޮކަމަށް. އަހަރެންގެ ސުވާލަކީ އަހަރެން ދެކެ ލޯބިވިންހޭ. ލޯބިވިނަމަ އެހެން ހެދީ ކީއްވެހެއްޔޭ..." އަރްސަން ސުވާލުކުރިއެވެ.

އަދާ ހިފަހައްޓައިގެން ހުރި ފިޔޮހި ތަށީގެ ތެރެއަށް ދޫކޮށްލި އަޑު އިރުކޮޅެއްވާންދެން ހަރުލާފައި ހުއްޓެވެ. އޭނަގޮސް އަތްދޮވެގެން ޓިޝޫއަކުން ހިއްކައިލިއެވެ.

"ތި ސުވާލުގެ ޖަވާބެއްނެތް..."

"އަޔާޒްދެކެ ލޯބިވާތީ މުއްސަދިކަމާއި މައިންބަފައިން ދޫކޮށްފައިއައީ؟ ހަގީގީ ލޯތްބަކީ އެއީތަ؟ " އަރްސަންގެ ސުވާލުތައް ހުސްވުމެއް ނެތެވެ.

"ގެޓް އައުޓް އަރްސަން..." އަދާ ރުޅިއަންނަގޮތްވިއެވެ. އޭނަ ނިކުމެގެންދާން އުޅުމުން އަރްސަން ކުރި ބެއްދުމުން ފަހަތަށް ޖެހެމުންގޮސް ފާރުގައި ލައްވިއެވެ. ބިރުގަންނަގޮތްވެސް ވިއެވެ. އަރްސަން މޮޔަވެގެން މި ފިޔޮހިން ހަމަލާ ނުދީފިއްޔާ ރަގަޅެވެ. އޭނަވަނީ އެކަހަލަ ވާހަކަތައް ކިޔާފައެވެ. ފިލްމުތައް ބަލާފައެވެ. ބަދަލުހިފުމުގެ ރޫހުގައި ކޮންމެފަދަ ކަމެއްވެސް ކޮށްފާނެއެވެ.

"އަހަރެން ހިފަހައްޓަން ބޭނުމިއްޔާ ޖަވާބުނުދީ ހުރޭ.. އޭރުން އަޔާޒު މިގެއަށް އަންނައިރު އޭނަގެ ކުރިމަތީގައި މިހުރިހާ ކަމެއް ހިނގާނީ...." އަރްސަން އިންޒާރުދިނެވެ.

"ކޮން ސުވާލެއްގެ ޖަވާބުތަ..."

"ޑިޑް ޔޫ އެވާ ލަވް މީ..."

"ޔެސް އަހަރެން ވިން އެކަމަކު....."

"ޝްޝްޝް.....ލޯބިވީނަމަ ކީއްވެ ކައިވެނީގެ ދުވަހު އެގޮތަށް ހިއުމިލިއޭޓްކުރީ؟ އަހަރެން ބަދަލުކުރަން މަސައްކަތްކުރިނަމަ. މިއަދު އަހަރެންވެސް ގަބޫލުކުރަމޭ ކަލަކު ވާކަމަށް. އަދި ނޭގެއެއްނު މާދަން އިސްލާމްދީނަށް ނުވަންނާނެކަމެއް. ތެދުވެރި ލޯތްބެއްވިނަމަ އިންތިޒާރުވެސް ކުރާނެދޯ. ލައިކް އާލިޔާ. އާލިޔާގެ ފިކުރެއްނޫން ދޯ މާޒިންއަކީ. އެކަމަކު ހިތުގައި އެއްޗެއް އޮތީމަ އާލިޔާ އެއްބަސްވީ......" އަރްސަން ބުނަމުން ދިޔައެވެ.

"އެންމެ ރަގަޅު ތެދުވެރި ލޯތްބެއްނޫން ދެން އެނިމުނީނު. އަހަންނަކީ މިހާރު މީހެއްގެ އަންބެއް..."

"އެހެންވެ ގުޑްބައި ކިޔަން މިއައީ. ރީތިކޮށް ގުޑްބައި ނުކިޔާ ދެވުނީމަ." އަރްސަންގެ މާނަވީ ޖުމްލައިން އަދާގެ ހިތް ރޫރޫއަޅައިގަތެވެ. އަދާ ބާރުބާރަށް އައިސް އޭނަގާތުން ލާފައި ނިކުންނަން ދިމާކުރިޔަސް ކަންވީ އެހެނެއްނޫނެވެ. އަރްސަން އެއަށްވުރެ މާ ހުޝިޔާރެވެ. އަރްސަން އެތަނުން ނިކުމެގެން ދިޔުމުން އަދާ ހުރިދިމާލަށް ތިރިވެ ދެއަތުން މޫނު ފޮރުވިއެވެ. ކަރުނަތައް ދެ އިނގިލިދޭތެރެއިން ފައިބައިގަތީ ކޯދުލާފައެވެ.

"ގުޑްބައި އަދާ...." އަރްސަންގެ އެންމެ ފަހުގެ ލަފުޒުތައް އޭނަގެ ކަންފަތްކައިރީ ބުނެލިއިރު މާނަކުރި ފަދައެވެ. ދެން ދުވަހަކު އުދަގުލެއް ނުކުރަން ވީ ވައުދެއް ފަދައެވެ. އެ ލަފުޒުތަކަށް އިތުބާރު ކުރެވުނީ ކީއްވެކަމެއް އަދާއަކަށް ނޭގުނެވެ. ސަބަބަކީ ދީން ގަބޫލުނުކުރިޔަސް ވަފާތެރި ލޯބިވެރިޔެއްގެ ގޮތުގައި ހުރީތީއެވެ. ވައުދުތަކަށް ހުރުމަތް ތެރިކޮށް ހިތީމައެވެ. ދީނީ ނޫނަސް އަޚުލާގު ރަގަޅުމީހުން އުޅޭ ނޫންހެއްޔެވެ. އެފަދައިން އަރްސަންއަކީވެސް އިތުބާރު ކުުރެވުނު މީހެކެވެ. އަމިއްލަ ނަފުސަށް އިތުބާރު ނުކުރާވަރަށް އޭނަ އަރްސަންއަށް އިތުބާރުކުރިއެވެ. ހިތުގެ ކަނެއްގައި ފިލާވި އަރްސަންގެ ހަނދާންތައް އަބަދަށް ނައްތާލަންވެގެން އޭނަވެސް ކޮޓަރިއަށްވަދެ ހިތް ފުރެންދެން ރޯލިއެވެ. އަރްސަންއަށްޓަކާވެސް މެއެވެ. އަރްސަންދެކެ ވީ ލޯބީގެ ހައްގުގައެވެ. އެކަމަކު މިއީ އެންމެ ފަހުގެ ކަރުނަތަކެވެ. އޭނަ މިއަދުން ފެށިގެން އަރްސަންއަށްޓަކާ ލޮލުން ކަރުނަ ތިއްކެއް ނުއޮހޮރުވާނެއެވެ. އަރްސަން ބުނި ފަދައިން އެހިސާބުން ދިރިއުޅުމުގެ އެ ބާބު ނިމުނީއެވެ.

***

އާލިޔާ ކާކޮޓަރިއާއި ހަމަވީއިރު ފެނުނު މަންޒަރަކުން ކުޑަކޮށް ލަދުގެންފައި އަވަހަށް ފަހަތަށް ދެމިގަތެވެ. އަނެއްހެން މާ އުދަގޫވާފަދަ މަންޒަރެއްނޫނެވެ. އަޔާޒުއާއި އަދާ ކޮންމެވެސް އެއްޗެއް ކައްކަން ތިބެފައި ގޮސް ބައްދާލާފައި ނިތަށް ބޮސްދިނީއެވެ. އޭނަގެ ޚިޔާލަށް ވަގުތުން އައީ މާޒިންއާއި އޭނަގެ ކުޑަ އެކްސިޑެންޓެވެ. އަރްސަން ނައި ނަމައެވެ. އޭނަ ބޭނުމީ އެފަދަ ހަމަޖެހޭ ދިރިއުޅުމެކެވެ. އޭނަގެ ދުޢާއަކީ އެއީއެވެ. މިދުވަސްކޮޅު މާޒިން ކުރިއަށްވުރެ އޭނައަށް އަޅާލާހެން ހީވެއެވެ. ގިނަގިނައިން ކޮޓަރިއަށް ވަދެ ވާހަކަދައްކާލާ ހީ ސަމާސާކޮށްލައެވެ. ޑިއުޓީގައި އުޅޭއިރު ހާލުބަލައިލަން ގުޅާގޮތަށް ތަންކޮޅެއް ގިނައިރު ކޮށްލައެވެ. އާލިޔާ ގާތު ދީނީ ލެކްޗާތައް ފޮނުވަންވެސް ބުނާނެއެވެ. ރޭގަނޑު އިޝާނަމާދަށްފަހު އާލިޔާ ގާތު ގުރުއާން ބާރަށް ކިޔަވަން ބުނާނެއެވެ. ވިއްސާރަ ދުވަހެއްގައި އަރްސަންއާއި އެކުވެރިންނާއެކު ދަތުރުގޮސްފައި އައިގޮތަށް އެރޭ ގަދަޔަށް ރޯގާ ޖެހުނެވެ. ފިނިވެގެން ރަޖާދަށުގައި އޮތްއިރު އާލިޔާ ސްޓީމްކޮށްދީ އެންމެފަހުން ބާމުވެސް އުނގުޅާލަދިނެވެ. އޮރެންޖްޖޫހާއި އެއްޗެހި އިރުއިރުކޮޅާ ގެނެސްދެއެވެ. ހެނދުނުވީއިރު ހުން އައިސްފާ ގައިގައާއި ބޮލުގައި ރިއްސާތީ އުޅުނެވެ.

"ވައިރަލް ފީވާއަކަށްވާނީ. މިފަހުން ފުރުޓް އެއްޗެހި ނުކައި އަދި ސްޓްރެސް ބޮޑުވީމަ ކަންނޭގޭ..." މާޒިން ބުނެލިއެވެ. އާލިޔާ ބޯ މަސާޖުކޮށްދިނުމުން ލިބުނު އަރާމުގައި ލޯ މަރާލެވުނެވެ. ހާދަ ރަގަޅު ކުއްޖެކޭ ހިތަށް އެރިއެވެ. ނަމާދުގަޑި ޖެހުމުން އާލިޔާ ނަމާދުކޮށް ނިމިގެން ބަލައިލިއިރު މާޒިން އިށީދެލައިގެން އިނީ ސޯފާގައި ބުރަކަށި ޖައްސާލައިގެން މާބްލްމަތީގައެވެ. އާލިޔާ މުސައްލާ ރީތިކޮށް ބާއްވާފައި ތެދުވެގެން އައިސް ސޯފާގައި އިށީނެވެ.

"ތިހެން އުުޅެފައި ހިގައްޖެއްޔާ ވަރަށް މިސްވާނެ.."

"ތިހެން ބުނީ ކީއްވެތަ؟ ދާކަށް ގޮތަކަށް ނޫން މިގެއަށް އައީ..."

"ކޮންމެފަދަ ކަމެއް މެދުވެރިވިޔަސް ނުދާނަންތަ؟ " މާޒިންއަށް އާލިޔާގެ ފައިތިލައާއި ކުޅެލެވުނެވެ. އާލިޔާ ހީލިކަރުވައިގެން ފައިތިލަ ދަމައިގަތެވެ. ހީގަނެފައެވެ. އަދިވެސް އަތްތިލަ ގަނޑުފެންކޮޅެއްހާ ފިންޏެވެ. ހުންގަދަކަމުން މޫނާއެކު ތުންފަތްވެސް ރަތްވެފައެވެ. ދެލޯމަތިން ވަރުބަލިކަމުގެ ނިޝާންތަކެވެ. އެވަރުންވެސް ތެދުވެ އެއުޅެނީތާއެވެ. މިދުވަސްކޮޅު ޑެންގީކަހަލަ ހުންވެސް އުޅޭ ދުވަސްކޮޅެއްވީމަ އެފަދަ ހުމަކަށް ވެދާނެއޭވެސް މާޒިންގެ ހިތަށް އެރިއެވެ.

"އެހާ ދެރަގޮތެއް މެދުވެރިއެއް ނުކުރައްވާނެ...."

"މިސާލަކަށް އަހަރެންގެ..ތެދަށް ބުނަންޏާ މެރީ ކުރިއިރު އަހަރެން އާލިޔާދެކެ އެހާ ލައިކެއްނުވޭ......................" މާޒިން އެއްޗެކޭ ބުނަން އުޅެފައި ފުން ނޭވައެއް ދޫކޮށްލިއެވެ. އެވާހަކަ ބުނަން އޭނަ ކިތަންމެ ފަހަރަކު މަސައްކަތްކުރެއެވެ. ނަމަވެސް އާލިޔާގެ ރައްދު އަންނާނެގޮތެއް ނޭގޭތީ ހާސްވަނީއެވެ. ހިތްވެސް ބިރުގަންނަނީއެވެ. އާލިޔާ ހިނިތުންވެލުމުން މާޒިންވެސް ހީލައިފިއެވެ.

"ފިރިމީހާއާއި އަނބިމީހާ އެކަކު އަނެކަކަށް ބަލާލާފައި ހިނިތުންވެލިޔަސް މާތްﷲ ރަހުމަތުގެ ބެއްލެވުމަކުން ބައްލަވާވޮޑިގެންވޭ..އެއީވެސް ހިތަށް ލިބޭ ކޮންފަދަ ބޮޑު އުފަލެއް. މާތްﷲގެ ރުއްސެވުމާއި ލޯބިފުޅު ލިބިއްޖެ ނަފުސަކަށް ހިތްހަމަޖެހުން ނޫން އެއްޗެއްނެތް. މިއީ ދުވަސްކޮޅެއްގެ ދުނިޔެއެއް. ހަގީގީ ދިރިއުޅުން ފެށެނީ އަދި މަރުވީމަ. މާޒިން ކުރިން ލައިކްނުވިޔަސް މިހާރު އެހެންނޫންކަން ރަގަޅަށް އެނގޭ. ކުރިން މި ކޮޓަރިއަށް ވަދެފައި ބުނަން ބޭނުންވާ އެއްޗެއް ބުނެފައި ދާނީ. މިހާރު އޭގެ ބަދަލުގައި ކިހާ ގިނަވަގުތު އެކީ ހޭދަކުރެވޭ. ނުރުހޭ ފޫހިވާ މީހަކާއެކު އެހެނެއްނުވާނެ..އިރާދަކުރެއްވިއްޔާ ދެރަގޮތެއްނުވާނެ. ސިއްރެއް ބުނެފާނަން. އަހަރެން މެރީ ކުރީ އަސްލު އިސްތިޚާރާ ޕޮޒިޓިވްކޮށް ފެނުނީމަ. ހެއްދެވިފަރާތަށް އިތުބާރުކޮށްފައި ކައިވެނި ކުރީ. ވީމަ ރަގަޅަށްދާނީ އިންޝާﷲ..." އާލިޔާގެ ވާހަކަތަކުން މާޒިންގެ ހިތަށް އުފާވެރިކަމެއް ލިބުނީތީ އަމިއްލައަށްވެސް ހައިރާންވިއެވެ.

އާލިޔާ ކުރިން އެކަހަލަ ވާހަކަތައް ދެއްކުމުން ވަނީ ދަރުސްއަކަށެވެ. މިހާރު އެފަދަ ވާހަކައެއް އާލިޔާ ދައްކަންޏާ އަޑުއަހަން ކިތަންމެ އިރެއްވާންދެންވެސް އިނދެވިދާނެއެވެ.

***

ސްކައިޕެލެސްގެ މެމްބަރުން ސިޓިންރޫމްގައި ޓީވީ ބަލަން ތިބިއިރު ލައިވްކޮށް ދައްކަނީ މަގަށް ދީނީ މީހުން ނުކުމެ ކުރަމުންދާ މުޒާހަރާއެކެވެ. ކަމަކާ ނުލާ ދީނީމީހުންނަށް ފުރައްސާރަކުރުމާއި ވަޒީފާތަކުން ކެނޑުންފަދަ އަނިޔާ ލިބެމުންދާތީ އެކަމާ އިހުތިޖާޖު ކުރަނީއެވެ. އެމީހުން ބޭނުންވަނީ އިންސާފެވެ. އަރްސަން ނިކުމެގެންގޮސް ސިފައިގެން އިސްވެރިޔާއަށް ގުޅިއެވެ. ކަރުނަ ގޭސް ބޭނުންކޮށް މައިތިރި ނުވަންޏާ މުގުރިން ތަޅަންވެސް އަމުރުކުރިއެވެ. އޭނަގެ ނުފޫޒު ނުފޯރާ އެއްވެސް މުވައްސަސާއެއް މީޑިއާއެއް ހުރިކަމަކަށް ނުވެއެވެ.

"މި އެކްސްޓްރީމް މީހުންތައް ނައްތާލާފައި މިފަހަރު ހުއްޓާލަންވާނީ. އެކަކުވެސް ނުބަހައްޓާ ހައްޔަރުކުރޭ..އެމީހުންނަށް ތާއީދުކޮށްފައި ވާހަކަދައްކާ ނޫސްތައްވެސް ބޮޑު އަދަދުން ޖޫރިމަނާ ކުރަންވާނެ އިނގޭ.." އަރްސަން އެންގިއެވެ.

"މިސްޓަރ ރާހިލް އަހުމަދު މައިމޫންގެ ރިސޯޓުގެ ގިނަ ވަޒީފާގައި ތިބެނީ ތުނބުޅިލީ ފަޓުލޫން ކުރުކޮށްގެން ތިބޭ މީހުން............."

"އެތަންވެސް ބަންދުކުރަން އަންގާ..." އަރްސަން ހުރީ ހަމަޖެހިލައިގެންނެވެ.

"އެއްވެސް ކުށަކާ ނުލާ ކިހިނެއްތޯ؟ "

"ބުނާނަން ހަދަންވީގޮތެއް..." އަރްސަން ވާހަކަދައްކަމުންގޮސް ކާރާއި އަރާ ހަމަވީއިރު ގާޑަކު ކުރިއަށް ޖެހިލާފައި ދޮރުފަތް ހުޅުވާލަދިނެވެ. ކޮންމެ ހާލެއްގައިވެސް އޭނަ މިހިރީ ރާއްޖޭގައި އޮތް ދީނީގޮތުން ހައްދުފަހަނަޅާދިޔުން މުގުރާލަން ނިޔަތްގަނެގެންނެވެ. އެކަމުގައި ކާމިޔާބުވެސް މިދަނީ ލިބެމުންނެވެ.ވާ

***

އާލިޔާއާއި މިންކާ ޓެރެސްގައި ތިއްބާ އަރްސަން ގެއަށް ވަންނަން އައިސްފާ މަގުމަތީ އޮތް ބުޅަލަކަށް ކާންދިނެވެ. މިންކާއަށް އެ މަންޒަރުންވެސް ރޮވިއްޖެއެވެ. ރޮމުން ރޮމުން އާލިޔާގެ ގައިގާ ހިފައިގަތެވެ.

"ކިހިނެއްވީ؟ "އާލިޔާ ކަންބޮޑުވިއެވެ.

"އަރްސަން ބޭރުފުށުން ރުޅިވެރިކަން ދެއްކިޔަސް ބޮޑާކަން ދެއްކިޔަސް ކޮންފަދަ މަޑު ހިތެއްގެ ވެރިއެއް. އެ ބުޅަލަށްވެސް ކާންދީފި......" މިންކާ އެހާ ޖަޒުބާތީވީ ސަބަބު އެނގުމުން އާލިޔާވެސް އެކަމާ އެއްބަސްވިއެވެ. އަރްސަންގެވެސް ރަގަޅު ސިފަތަކެއް ހުންނާނެއެވެ. އޭނަގެ މައިންބަފައިންނަކީ ރަގަޅު ޚުލްގެއްގެ ވެރި މާތް ބަޔެކެވެ. އަރްސަން ފެންޑާގެ ފަތްތަރުތަކުން އެރުމުން ރެއިލިންގައި ބަނޑުއަޅާލައިގެން ބަލަން ހަދައިގެން ނުވެއްޓުނީވެސް ކިރިޔާއެވެ. އާލިޔާ މިންގާ ގެ ގައިގާ ހިފަހައްޓާލައިގެން އުޅެނިކޮށް މީހެއްގެ ފިޔަވަޅުތަކުގެ އަޑުއިވުމުން ދެމީހުންނަށްވެސް ބަލައިލެވުނެވެ.

(ނުނިމޭ)