30 Dec 2011, 14:30
ރިސޯޓްތަކުގައި ހިންގާ ހުރިހާ ސުޕާތަކެއް ބަންދުކުރުމަށް ސަރުކާރުން އެންގުމުން، މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ ]މަޓީ[ އިން ހިތާމަކޮށް ކަންބޮޑުވުން ފާޅުކޮށްފި އެވެ.
މަޓީގެ ސެކްރެޓަރީ ޖެނެރަލް އަދި ރިސޯޓްތަކުގެ ސުޕާތައް ބަންދު ކުރަން އެންގެވި ޓޫރިޒަމް މިނިސްޓަރު މަރިޔަމް ޒުލްފާގެ ފިރިކަލުން ސިމް އިބްރާހީމް މުހައްމަދު ]ސިމް[ގެ ނަމުގައި މަޓީ އިން އިއްޔެގެ ތާރީހުގައި ނެރެފައިވާ ކުރު ބަޔާނެއްގައި ބުނެފައި ވަނީ ސަރުކާރުގެ އެ ނިންމުމުގެ ސަބަބުން ރާއްޖެ އަށް ވާނެ މާލީ ގެއްލުންތަކުގެ އިތުރަށް "ބޮޑު އަގުދީގެން ޗުއްޓީ ހޭދަކުރަން ]ރާއްޖެ[ އަންނަ ފަތުރުވެރިންނަށް ވެސް އަސަރު ފޯރާނެ" ކަމަށެވެ.
މަޓީ އިން ސަރުކާރާއި އިދިކޮޅު ފަރާތްތަކަށް އިލްތިމާސްކޮށްފައި ވަނީ "މި ނާޒުކު ދަނޑިވަޅުގައި" ޓޫރިޒަމް އިންޑަސްޓްރީ އަށާއި އެ އިންޑަސްޓްރީއާ ގުޅިފައިވާ ބޭރުގެ ވިޔަފާރިތަކަށް ވަމުންދާ ގެއްލުމާ މެދު ވިސްނައި ސުލްހަވެރި ހައްލެއް ހޯދުމަށް އެދޭ ކަމަށެވެ.
މަޓީ އިން ހާއްސަކޮށް ސަރުކާރަށް އިލްތިމާސްކޮށްފައި ވަނީ ސިޔާސީ މައިދާނުގައި ހިނގާ ދެބަސްވުންތަކަށް ވުރެ، ބޮޑަށް ގައުމުގެ އިގްތިސާދަށް އަހައްމިއްޔަތުކަންދީގެން "އެފަދަ ދެބަސްވުންތަކުގައި އިގްތިސާދުގެ މައި ސިނާއަތްތައް ނުހިމެނުމަށް" އެދޭ ކަމަށެވެ.
ޓޫރިޒަމް މިނިސްޓްރީ އިން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ހުރިހާ ރިޒޯޓްތަކާއި ހޮޓާތަކުގައި ހިންގާ ސުޕާތައް ވަގުތުން ބަންދު ކުރުމަށް އަންގާ ކަމަށެވެ.
އެ އެންގުމުގައި ބުނެފައި ވަނީ ރާއްޖޭގައި ހިންގާ މަސާޖްކުރާ ތަންތަނުގައި ހަށިވިއްކާ ކަމަށް ތުހުމަތުކޮށް، ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު އަޑު އުފުލުމާ ގުޅިގެން ރާއްޖޭގައި ހިންގާ ހުރިހާ މަސާޖްކުރާ ތަންތަނެއް ބަންދުކުރުމަށް ސަރުކާރުން ނިންމީ ކަމަށެވެ.