ކޮވިޑް19 އަކީ ތިމާއަށް އާދައިގެ ރޯގާއަކަށް ވިޔަސް، އެ ރޯގާގައި ހާލު ސީރިއަސްވުން އެކަށީގެންވާ މީހަކާ ހަމައަށް ރޯގާ ގެންދާ މީހަކަށް ނުވުމަށް، ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ ތަރުޖަމާނު މަބްރޫކްް އަޒީޒް އިލްތިމާސް ކުރައްވައިފަައެވެ.

މަބްރޫކް މިފަދައިން އިލްތިމާސް ކުރައްވާފައި ވަނީ މިއަދުން ފެށިގެން މާލެ ސަރަހައްދުގައި އިއުލާނުކޮށްފައިވާ ފުރަބަންދަށް ބޮޑެތި ލުއިތަކެއް ދިނުމަށް ނިންމާފައިވަނިކޮށެވެ.

ރާއްޖެއިން މިހާތަނަށް 2000 އަށް ވުރެ ގިނަ މީހުން ކޮވިޑް19 އަށް ޕޮޒިޓިވްވެފައި ވާއިރު، ހޮނިހިރު ދުވަހު އުމުރުން 92 އަހަރުގެ މީހަަކަށް ބަލި ޖެހިފައިވެއެވެ. އަދި އިއްޔެ 83 އަހަރުގެ މީހަކު ވެސް ވަނީ ބައްޔަށް ޕޮޒިޓިވްވެފައެވެ. އޭނާއަކީ އިތުރު ސިއްހީ މައްސަލަތަކެއް ވެސް ހުރި މީހެކެވެ.

އެކަމަށް އިޝާރާތްކުރައްވާ ރޭ ކުރިއަށް ދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކް ވިދާޅުވީ، ކޮވިޑް19 އަކީ ގިނަ މީހުންނަށް އާދައިގެ ރޯގާއެއް ކަމަށެވެ.

"އެހެން ނަމަވެސް މި ދެ ރޭ އަޅުގަނޑުމެންނަށް ދައްކައިދިން ސިގްނަލަކީ އަޅުގަނޑަށް އެ ވެދާނެ ރޯގާއަކަށް، ތިބޭފުޅުންނަށް ވެދާނެ ރޯގާއަކަށް. އެހެން ނަމަވެސް ތިބޭފުޅުން މި ބަލި ގެންދަނީ ކޮން ބޭފުޅަކާ ހަމައަށްތޯ ވިސްނަވަންޖެހޭ. ފަހަރުގައ އެ ބަލި އެ ޖެހެނީ ބަލީގެ ސަބަބުން، ނިކަން އުނދަގޫ ނިކަން ބިރުވެރި ހާލަތެއް ދިމާވެދާނެ ބޭފުޅަކަށް ވެސް ވެދާނެ،" މަބްރޫކް ވިދާޅުވިއެވެ.

މަބްރޫކް ވަނީ ކޮންމެ މީހަކު ވެސް ބޭރުގައި އުޅުމަށްފަހު، ގޮސް ވަންނާނީ އަމިއްލަ ގެއަށް ކަން ހަނދާންކޮށްދެއްވައިފައެވެ. އަދި މާލޭގައި ވެސް ބަލި އެބަ އުޅޭ ކަމަށާއި އެހެންކަމުން ބަލީގެ ސީރިއަސް ނުކެނޑޭކަން ވެސް މަބްރޫކް ހަނދާކޮށްދެއްވިއެވެ.

އަދި ކޮވިޑް19ގެ ދުނިޔޭގެ ތަޖުރިބާއަށް ބަލާއިރު، ލިބޭ ފިލާވަޅަކީ، ލޮކްޑައުނަށް ލުއި ދޭއިރު ރަނގަޅަށް އަމަލުނުކުރެވިއްޖެނަމަ، ބަލިޖެހޭ މީހުންގެ އަދަދު އިންތިހާއަށް އިތުރުވުންކަން ވެސް މަބްރޫކް ފާހަގަކުރެއްވިއެވެ.

"ގިނަ ސިޓީތަކެއްގައި އެބަހުރި އަނބުރާ ލޮކްޑައުނަށް ވެސް ދާން ޖެހިފަ. އެހެންވީމަ ފަރުވާ ބަހައްޓައިގެން މިކަމުގައި މަސައްކަތް ކުރުމަކީ މުހިންމު ކަމެއް،" މަބްރޫކް ވިދާޅުވިއެވެ.

ރާއްޖެއިން މިހާތަނަށް 2،035 މީހަމަށް ބަލި ޖެހިފައި ވާއިރު، 1،311 މީހަކު ވަނީ ބަލިން ރަނގަަޅުވެފައެވެ. ބަލީގައި ރާއްޖެއިން އަށް މީހަކު މަރުވެފައިވާއިރު، އޭގެ ތެރޭގައި 80 އަހަރުން މަތީގެ ހަތަރު ދިވެހީން ހިމެނެއެވެ.