30 Dec 2011, 13:41
އދ. ހަންޔާމީދޫ ކައިރިން ދަތުރުކުރަމުން ދިޔަ ނަލަހިޔާގެ ދޯންޏެއްގައި މިއަދު ހެނދުނު އަލިފާނުގެ ހާދިސާއެއް ހިނގައިފި އެވެ.
އެމްޑީއެފް ކޯސްޓްގާޑުން ބުނީ ނަލަހިޔާ 6ގައި އަލިފާންރޯވެގެން އުޅޭ ކަމުގެ މައުލޫމާތު މިއަދު ލިބުނީ މެންދުރެއްހާ އިރު ކަމަށާއި އެ ދޯނި އޮތް ތަނަށް ދިއުމަށް ކޯސްޓްގާޑުން މިހާރު ދަތުރުކުރަމުންދާ ކަމަށެވެ.
ނަލަހިޔާ ދޯނީގައި ތިބި މީހުންނަށް އެއްވެސް ގެއްލުމެއް ނުވާ ކަމަށާއި ރޯވި އަލިފާން ވެސް މިހާރު ނިއްވާލެވިފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ. ނަމަވެސް ކޯސްޓްގާޑުން އަދިވެސް ދަތުރުކުރަނީ އެ ދޯނި ކައިރިއަށް ދިއުމަށް ކަމަށް ވެސް އެމްއެންޑީއެފުން ބުންޏެވެ.
ނަލަހިޔާ ދޯނީގައި އަލިފާންރޯވި އިރު އެ ދޯނީގައި ތިބީ ކިތައް މީހުން ކަމެއް އަދި އެމީހުން ސަލާމަތްވީ ކިހިނެތް ކަމެއް ވެސް އަދި ވަނީ ސާފުވާގޮތް ނުވެފަ އެވެ. އެމްއެންޑީއެފުން ބުނީ އެ ދޯނި އޮތީ މާލެއާ ވަރަށް ދުރުގައި ކަމަށް ވާތީ ދަތުރުކުރުމަށް ހޭދަވާ ވަގުތެއް ހޭދަވަނީ ކަމަށެވެ.