14 Jun 2020, 23:39
ކޮވިޑް19 ފެތުރުން ކޮންޓްރޯލްކުރުމަށް މާލެ ސަރަހައްދު ފިޔަވައި، ރާއްޖޭގެ އެހެން ރަށްތަކުގައި އެޅި ފިޔަވަޅުތައް ބާތިލްކޮށްފިއެވެ.
ރާއްޖޭގައި ކޮވިޑް19 ފެތުރުން ކޮންޓްރޯލް ކުރުމަަށް ހެލްތު މިނިސްޓްރީން، އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތެއް އިއުލާން ކުރީ މާޗުމަހުގެ 12 ވަނަ ދުވަހުއެވެ.
އަދި ރާއްޖޭގެ ހުރިހާ ރަށެއްގައި ހާއްސަ ފިޔަވަޅުތަކެއް އަޅަން ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު، މައިމޫނާ އަބޫބަކުރު ވަނީ އަންގައިވައިފައެވެ.
މިދިޔަ މަހުގެ 15 ވަނަ ދުވަހު މާލެއިން ކޮވިޑް-19ގެ ބަލި މީހަކު ފެނުމާއެކު އެއް ރަށުން އަނެއް ރަށަށް ދަތުރުކުރުން މަނާކޮށް ރަށްތައް ލޮކްޑައުން ކުރި އެވެ. ނަމަވެސް މާލެ ފިޔަވައި އެ ބަލި ފެނިފައިވަނީ މަދު ރަށަކުންނެވެ. އެއާއެކު އެ ރަށްތަކުގެ ފުރަބަންދަށް މަޑުމަޑުން ލުއިތަކެއް ދޭން ފެށިއެވެ.
އެގޮތުން މިދިޔަ މަހުގެ 29 ވަނަ ދުވަހު ޑިރެކްޓަރ އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ސޮއި ކުރައްވައި ނެރުއްވި އެންގުމެއްގައި ބުނީ، ބަލިން ރައްކާތެރިވުމަށް އެޗްޕީއޭއާ ކަމާބެހޭ އިދާރާތަކުން ދީފައިވާ އިރުޝާދުތަކާ އެއްގޮތަށް ހުރިހައި ވަގުތެއްގައި ވެސް އަމަލުކުރުމާއި ރަށުތެރޭގައި އުޅުމުގައި ވެސް ގައިދުރުކަން ބަހައްޓަން ޖެހޭނެ ކަމަށެވެ.
ޒަރޫރީ ބޭނުންތަކަށާއި ސިއްހީ ފަރުވާ ހޯދުމަށް އެއް ރަށުން އަނެއް ރަށަށް ދަތުރުކުރަން ހުޅުވާލާފައިވާއިރު އެ މަސައްކަތް ކައުންސިލްތަކާއި ކަމާބެހޭ އިދާރާތައް ގުޅިގެން ވިލަރެސްކުރަން ޖެހޭނެކަމަށް ވެސް ވަނީ ބުނެފަ އެވެ.
މޮނިޓަރިންގެ ހާލަތަށް ގެނެވޭ ރަށްތަކާއި މޮނިޓަރިންގެ ހާލަތު ނިމުމަކަށް ގެންނަތާ 14 ދުވަސް ނުވާ ރަށްތައް ފިޔަވައި އެހެން ރަށްތަކުގައި، އާންމު ހިދުމަތްތަކާގުޅޭ ކަންކަމާއި އިޖުތިމާއީ ހަރަކާތްތަކާއި އިގްތިސާދީ ހަރަކާތްތައް ކުރިޔަށް ގެންދިޔުމުގެ ހުއްދައާއި ރަށުތެރޭގެ އެއް ތަނުން އަނެއް ތަނަށް ދިއުމުގެ ހުއްދަ ވަނީ ދީފަ އެވެ. ނަމަވެސް ބަލިން ރައްކާތެރިވުމުގެ ފިޔަވަޅުތައް އަޅަން ޖެހޭނެ ކަމަށް ވެސް އެ އެންގުމުގައި ވަނީ ބުނެފަ އެވެ.
ނަމަވެސް ޑިރެކްޓާ ޖެނެރަލް ސޮއިކުރައްވާ މިރޭ ނެރުއްވި އެންގުމުން، މޭ 29 ގައި ނެރުނު އެންގުން ވަނީ ބާތިލްކޮށްފައެވެ. އެހެންކަމުން މިހާތަނަށް ކޮވިޑާ ގުޅިގެން ރަށްތަކުގައި އަޅާފައި ހުރި ފިޔަވަޅުތައް ވަނީ އުވިފައެވެ. އަދި ގްރޭޓާ މާލެ ސަރަހައްދު ފިޔަވައި އެހެން ރަށްތަކުގެ ފުރަބަންދު ވަނީ ނިމުމަކަށް އައިސްފައެވެ.