14 Jun 2020, 23:37
މާލެ ސަރަހައްދު ލޮކްޑައުން ކުރުމާ ގުޅިގެން މާލޭގައި ތާށިވި މީހުންގެ ތެރެއިން ރަށަށް އެނބުރި ގޮސް 24 ދުވަހު ކަރަންޓީނުވާން ޖެހޭ ގޮތަށް އޮތް އޮތުން ބަދަލުކޮށް، ކަރަންޓީނުވާތާ 14 ދުވަހުގެ ތެރޭގައި ޕީސީއާރު ޓެސްޓުކުރުމަށް ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް (ޓެގް) އިން ނިންމައިފި އެވެ.
މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ ޓެގް ޓީމުން ނިންމާފައި ވަނީ ކަރަންޓީނުވާތާ 14 ދުވަސް ވުމުން، ޕީސީއާރް ޓެސްޓު ހަދައި، ނަތީޖާ ނެގެޓިވްވާ މީހުން ދޫކޮށްލުމަށް ކަމަށެވެ.
ކުރިން ނިންމާފައި އޮތީ ރާއްޖެއިން ބޭރުން އަންނަ ފަރާތްތައް ވެސް އަދި ރަށްރަށުގައި ކަރަންޓީން ކުރާ މީހުން ވެސް ބަލިން ސަލާމަތްވެފައިވާކަން ޔަގީން ކުރުމަށް އެންޓިބޮޑީ ޓެސްޓު ހެދުމަށެވެ.
އެންޓިބޮޑީ ޓެސްޓް އަކީ، މީހަކަށް އެއްފަހަރު ވައިރަސް ޖެހުމުން އެ ވައިރަހާ ދެކޮޅަށް ހަށިގަނޑުގައި އުފައްދާ ދިފާއީ ޕްރޮޓީން ހުރިތޯ ބެލުމަށް ކުރާ ޓެސްޓެކެވެ. ހަށިގަނޑުގައި އެންޓި ބޮޑީސް ހުރެއްޖެ ނަމަ، އޭނާއަށް ވައިރަސް ދެން ޖެހުމުގެ ފުރުސަތު ހަނިވެ އެވެ. އަދި އެ މީހެއްގެ ފަރާތުން އެހެން މީހުން ގަޔަށް ވައިރަސް ދިޔުމުގެ ފުރުސަތެއް ނޯވެ އެވެ.
ކުރިން އެންއީއޯސީން ބުނެފައި ވަނީ ދެން ހަށިގަނޑުގައި ކޮރޯނާވައިރަހުގެ އަސަރު ހުރިތޯ ބެލުމަށް ހަދާ ޓެސްޓް، ޕީސީއާރު ޓެސްޓު ހަދާނީ ވައިރަސް ޖެހިފައި ހުރި ފަރާތަކާ ސީދާ ދިމާވެފައިވާ ފަރާތްތައް އެކަނި ކަމަށެވެ.
"ކުރިން ދެންނެވި ގޮތާ ހިލާފަށް. މިހާރު ނިންމަވާފައި ވަނީ ޕީސީއާރު ޓެސްޓު 14 ދުވަސް ހަމަވުމުން ހެދުމަށް، އަދި ޕީސީއާރް ޓެސްޓު ނެގެޓިވް ކަމަށް ދައްކާނަމަ ދޫކޮށްލަން. މިގޮތުން 14 ދުވަސް ހަމަކުރުމަށް ފަހު ޓެސްޓުކުރުމަށްނިންމިފައި ވޭ،" މަބްރޫކް މިރޭ ވިދާޅުވި އެވެ.
މަބްރޫކް ވިދާޅުވީ މިހާރުގެ ތަޖުރިބާއަށް ބަލާއިިރު، އެފަރާތްތަކުގެ ސާމްޕަލް ނެގޭނެ ކަމަށް އަންދާޒާ ކުރެވެނީ ކަރަންޓީނު ކުރާތާ 15 ވަނަ ދުވަހު ކަމަށެވެ. އަދި 15 ވަނަ ދުވަހު ނަގާ ސާމްޕަލްގެ ނަތީޖާތައް 18 ވަނަ ދުވަހު ލިބޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
މަބްރޫކް ވިދާޅުވީ ރާއްޖޭގެ އެކި ހިސާބުތަކުން ނަގާ ސާމްޕަލްތައް ޓެސްޓުކުރަން ޖެހޭ އިރު، މޫސުން ގޯސްވެ ކަނޑުގަދަވުމާ ގުޅިގެން ލަސްތަކެއް އައުން އެކަށީގެންވާ ކަމަށެވެ.
"އެހެން ނަމަވެސް ކުރިން އޮތް 24 ދުވަހުގެ ބަދަލުގަައި 14 ދުވަސް ކަރަންޓީނުވުމަށް ފަހު ޕީސީއާރް ޓެސްޓެއް ހަދާފައި ދޫކޮށްލެވޭތޯ މަސައްކަތް ކުރުމަށް ޓެގް ޓީމުން ނިންމާފައިވޭ." މަބްރޫކް ވިދާޅުވި އެވެ.
ރަށުގައި ކަރަންޓީން ވެވޭނީ އެ މީހަކު ކަރަންޓީނުވާ ގޭގައި ހާއްސަ ޝަރުތައް ހަވާނަމަ އެވެ. އަދި އެ ޝަރުތު ފުރިހަ ނުވާ ނަމަ، އަދިވެސް މީހުން ކަރަންޓީނު ކުރާނީ ރިސޯޓްތަކުގަ އެވެ.
https://sun.mv/138390