14 Jun 2020, 22:21
މިއަދު ރާއްޖެއިން ކޮވިޑް19 އަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި ސިއްހީ ގިނަ މައްސަލަތަކެއް ހުރި، އުމުރުން 83 އަހަރުގެ ދިވެއްސަކު ހިމެނޭ ކަމަށް ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނެފިއެވެ.
މިހާރު ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެ ސެންޓަރުގެ ތަރުޖަމާނު، މަބްރޫކް އަޒީޒް ވިދާޅުވީ އޭނާއަކީ ހައިޕަޓެންޝަން އާއި ދިގު މުއްދަތަށް ބޭސްކުރަމުން އަންނަ އެކިއެކި ބަލިތަކުގެ ސަބަބުން ކޭސް އިތުރަށް ސީރިއަސް ވެދާނެ ކަހަލަ ބަލިތަކެއް ހުރި މީހެއް ކަމަށެވެ.
މިއަދު ބައްޔަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި 83 އަހަރުގެ ފިރިހެނަކު ހިމެނޭއިރު، އިއްޔެ 92 އަހަރުގެ ދިވެހި ފިރިހެނަކު ވެސް ވަނީ ބައްޔަށް ޕޮޒިޓިވްވެފައެވެ.
މީގެކުރިން ވެސް ރާއްޖެއިން 92 އަހަރުގެ ދިވެއްސަކަށް ބަލިޖެހިފައިވާއިރު، އެއީ ރާއްޖޭގައި ބަލި ޖެހުނު އެންމެ ދުވަސްވީ ދެމީހުންނެވެ.
ކޮރޯނާވައިރަހަކީ އުމުރުން ދުވަސްވީ މީހުންނަށާއި، ސިއްހީ މައްސަލަތައް ހުންނަ މީހުންނަށް ބަލީގެ ނުރައްކާ ބޮޑު ބައްޔެކެވެ.
ބަލި ޖެހިގެން ރާއްޖެއިން މިހާތަނަށް އަށް މީހަކު މަރުވެފައިވާއިރު، އޭގެ ތެރޭގައި 80 އަހަރުން މަތީގެ ހަތަރު ދިވެހިން ހިމެނެއެވެ.
ރާއްޖެއިން ކޮވިޑް19 ޖެހުނު މީހުންގެ އަދަދު ވަނީ 2،035 އަށް އަރައިފައެވެ. އެހެން ނަމަވެސް މިއަދު 94 މީހަކު ބަލިން ރަނގަޅުވެ، ބަލިން ރަނގަަޅުވި މީހުންގެ ޖުމްލަ ވަނީ 1،311 އަށް އަރައިފައެވެ.
އެހެންކަމުން މިވަގުތު ބަލި ޖެހިގެން ފަރުވާ ހޯދަމުން އަންނަނީ 714 މީހުންނެވެ.