"ސުޝާންތު އަކީ އަބަދުވެސް ހިނިތުންވުމާއެކު ހުންނަ މީހެއް. އަބަދުވެސް ބެލީ އެހެން މީހުން އުފާކޮށްދެވޭތޯ. ކަމަށް ކަމޭހިތާ އެންމެން ދެކެ ވެސް ލޯބިވާ އެކްޓަރެއް ސުޝާންތު އަކީ،" ބޮލީވުޑްގެ ޒުވާން އެކްޓަރު ސުޝާންތު ސިންހް ރާޖްޕުތު ވަކިވެދިޔުމާއެކު މުޅި ސޯޝަލް މީޑިއާގައި އެންމެންގެ ޝުއޫރަކީމި އެވެ.

އިއްޔެގެ ވަގުތެއްގައި ކުޅަދާނަ އެކްޓަރު ސުޝާންތު 34، އަމިއްލައަށް މަރުވި ހަބަރުވީ އެކަކަށްވެސް އަޑުއަހަން ފަސޭހަ ހަބަރަކަށް ނޫނެވެ. އިންޑިއާ އާއި މުޅި ދުނިޔެއިންވެސް އެތައް ބައެއްގެ ލޯތްބާއި ސަޕޯޓު ހޯދާފައިވާ ކުޅަދާނަ އެކްޓަރު ސުޝާންތު ދަންޖެހިގެން މަރުވެފައި ހުއްޓާ ފެނުނީ މުމްބާއީގެ ބޭންޑްރާގައި ހުންނަ އޭނާގެ ގޭ ތެރެއިންނެވެ. ހަބަރުތައް ބުނާގޮތުގައި ވޭތުވެދިޔަ ހަ މަހު ވެސް އޭނާ ދިޔައީ ޑިޕްރެޝަނަށް ބޭސްކުރަމުންނެވެ.

ސުޝާންތު ސިންހް ރާޖްޕުތް ކުޑައިރު---

ސުޝާންތު ތިން އަހަރު ދުވަހު އިންޖީނިއަރިން ދާއިރާއިން ތައުލީމް ހާސިލްކުރުމަށްފަހު އަމިއްލަ ހުވަފެން ހަގީގަތަކަށް ހެދުމަށް ފިލްމީ ކެރިއަރު ފަށައިގަތީ 2008 ވަނަ އަހަރު ސްޓާޕްލަސް އިން ގެނެސްދިން ޑްރާމާ ސިލްސިލާ ""ކިސް ދޭޝް މޭ ހޭ މޭރާ ދިލް" އިންނެވެ. އިންޑިއާގެ ޕަޓްނާއަށް އުފަން ބަތަލު، ލީޑު ރޯލެއް އެންމެ ފުރަތަމަ ކުޅުނީ 2009 ވަނަ އަހަރު ދެއްކި ޝޯ "ޕަވިތުރަ ރިޝްތާ" އިންނެވެ. އެ ޝޯގެ ކާމިޔާބީއަށްފަހު ބޮލީވުޑުން ގިނަ ފުރުސަތުތަކެއް ސުޝާންތައް ލިބުނެވެ. ކާމިޔާބު އެކްޓަރަކަށް ވުމުގެ ހުވަފެންތައް ހަގީގަތަކަށް ހެދުމަށް އޭނާ އެންމެ ފުރަތަމަ ކުޅުނީ އަބީޝޭކް ކަޕޫރުގެ "ކައި ޕޯ ޗޭ" އެވެ. އެ ފިލްމުން އޭނާ ވަނީ ސްކްރީން އެވޯޑުގައި އެންމެ ޒުވާން މޮޅު އެކްޓަރުގެ މަގާމު ހޯދާފަ އެވެ.

ސުޝާންތް ލީޑު ރޯލު ކުޅުނު ފުރަތަމަ ޑްރާމާ: މި ޑްރާމާ އޭނާ ކުޅުނީ އޭނާގެ ކުރީގެ ލޯބިވެރިޔާ އަންކިތާ ލޯކަންޑޭއާއެކު---

އާމިރު ޚާން އާއި އަނުޝްކާ ޝަރުމާ އާއެކު "ޕީކޭ" އިން ވެސް ފެނިގެންދިޔަ ސުޝާންތު އެންމެ ބޮޑަށް ވިދާލީ 2016 ވަނަ އަހަރު އޭނާ ކުޅުނު ފިލްމު އެމްއެސް ދޯނީ: އަންޑޯލްޓް ސްޓޯރީއިންނެވެ. ބަތަލާ ދިޝާ ޕާޓްނީ އާއެކު އެ ފިލްމު ކުޅުނުއިރު އެ ފިލްމު ކުޅެގެން އޭނާއަށް ވަނީ އެންމެ މޮޅު އެކްޓަރު (ކްރިޓީކް) އެވޯޑް ހާސިލްކޮށްފަ އެވެ.

"ރާބްތާ"، "ކެދާނަތު" ފަދަ ފިލްމުތަކުން ފެނިގެންދިޔަ އެކްޓަރު އެންމެ ފަހުން ފެނިގެންދިޔައީ ޝްރައްދާ ކަޕޫރާ އެކު "ޗިޗޯރޭ" އިންނެވެ.

ސުޝާންތު ބޮލީވުޑްގައި ވިދާލި ފިލްމު "އެމްއެސް ދޯނި: އަންޑޯލްޓް ސްޓޯރީ" ގެ މަންޒަރެއް---

"ހުރިހާ އެންމެންވެސް އެންމެ ބޮޑަށް އިސްކަންދެނީ ދިރިއުޅުމުގައި މޮޅުވުމާއި، ދެރަވުމާއި، ކާމިޔާބީ އާއި ނާކާމިޔާބީއަށް. އެހެން ނަމަވެސް އެންމެ އިސްކަން ދޭން ޖެހެނީ ދިރިއުޅުމަށް. ހަމަ ދިރި ހުރުން،" މިއީ ޗިޗޯރޭގައި ސުޝާންތު ބުނި އެންމެ އަސަރުގަދަ އެއް ޖުމްލަ އެވެ.

ފިލްމުގައި ވެސް އޭނާ އެދުނީ ހުރިހާ ކަމަކަށްވުރެ ބޮޑަށް ދިރިހުރުމަށް މަސައްކަތް ކުރުމަށެވެ. ނަމަވެސް އިއްޔެ އޭނާ ވަކިވެގެން އެދިޔައީ އަމިއްލައަށް މަރުވެގެން ކަމަށް ފުލުހުން ބުނެ އެވެ. ނަމަވެސް ސުޝާންތުގެ ބޮޑުބޭބެ ވަނީ އޭނާ މަރާލީކަމަށް ތުހުމަތުކޮށްފަ އެވެ. އަދި އެކަން ތަހުގީގުކޮށްދިނުމަށް އެދިފަ އެވެ. ބޮޑުބޭބެ ބުނީ ސުޝާންތު އަކީ އަމިއްލައަށް މަރުވާނޭ މީހެއް ނޫންކަމަށެވެ.

އޭނާ މަރުވުމުގެ ކުރިން ހެނދުނު 9:30 ގައި އޭނާގެ ދައްތަ އަށް ގުޅި ކަމަށް ބައެއް ރިޕޯޓްތައް ބުނެ އެވެ. އަދި އެ ފޯނު ކޯލަށް ފަހު އޭނާގެ ގާތް އެކުވެރިޔާ މަހޭޝް ޝެޓީއަށް ގުޅާފައިވާކަމަށްވެސް ފުލުހުން ބުނެ އެވެ. ކޮންމެއަކަސް ފުލުހުން ބެލި ބެލުމުން އެނގުނީ ސުޝާންތް އަކީ ޑިޕްރެޝަނަށް ބޭސްކަމުން އަންނަ ޒުވާނެއް ކަމަށެވެ. ހަށިގަނޑަށް ލިބިފައި ހުރި ގެއްލުންތައް އެނގިގެންދާނީ އޭނާގެ އޮޓޯޕްސީ ރިޕޯޓް ލިބުމުންނެވެ.

"ޗިޗޯރޭ"ގައި ސުޝާންތު އާއި އޭނާގެ ބައިވެރިން---

ސުޝާންތު އުމުރުން 16 އަހަރު އޭނާގެ މަންމަ މަރުވިއިރު އޭނާ ޕޯސްޓްކުރި އެންމެ ފަހުގެ އިންސްޓަގްރާމް ޕޯސްޓުގައި ހިއްސާކުރީ މަންމަގެ ފޮޓޯއެކެވެ. ސުޝާންތުގެ ކުރީގެ މެނޭޖަރު ދިޝާ ވެސް ވަނީ މީގެ ފަސް ދުވަސް ކުރިން އަމިއްލައަށް މަރުވެފަ އެވެ.

އޭނާ މަރުވިއިރު އޭނާގެ ހަތަރު ދައްތަ އާއި އޭނާގެ ބައްޕަ ދުނިޔޭގައި އެބަހުއްޓެވެ. ސުޝާންތަކީ އެ އާއިލާގައި އެންމެ ކުޑަ އަދި ހަމައެކަނި ހުރި ފިރިހެން ކުއްޖާވެސްމެ އެވެ.

ހަ އަހަރު ދުވަސްވަންދެން ސުޝާންތު ލޯބީގެ ގޮތުން ގުޅިގެން އުޅުނު އަންކިތާ ލޮކަންޑޭ އާއި އޭނާގެ ގުޅުން ކެނޑުނު ނަމަވެސް ދޭތެރެ ދޭތެރެއިން އެމީހުން ގުޅުން އޮތް ނަމަވެސް، ރަސްމީކޮށް އެ ގުޅުމަށް ނިމުން އައީ 2016 ވަނަ އަހަރު އެވެ. އެއަށްފަހު ބަތަލާ ކްރިތީ ސެނަން އާއި ލޯބީގެ ގޮތުން ގުޅިގެން އުޅޭކަމުގެ އަޑުފެތުރުނު ނަމަވެސް މީގެ ދެ އަހަރެއް ކުރިން އެ އަޑުތައް ވެސް މަޑުޖެހިލި އެވެ. އޭގެ ފަހުން ސުޝާންތް ލޯބީގެ ގޮތުން ގުޅުނީ ރިއާ ޗަކްރަބޯޓީ އާ ކަމަށްވެސް އަޑު ފެތުރުނެވެ. ނަމަވެސް އެކަން އެއްވެސް މީހަކު ޔަގީންކޮށްދީފައެއް ނުވެ އެވެ. ނަމަވެސް އެކުގައި ޗުއްޓީ ހޭދަކުރަން ތަންތަނަށް ގޮސް އިންސްޓަގްރާމުގައި ދެތަރިން އެކުގައި ނަގާފައިވާ ފޮޓޯތައް ހުރުމާއެކު ގިނަ ބަޔަކު ގަބޫލުކުރަނީ ދެތަރިން އުޅެނީ ލޯބީގެގޮތުން ގުޅިގެން ކަމަށެވެ.

ސުޝާންތު އޭނާގެ އިންސްޓަގްރާމްގައި އެންމެ ފަހުން ޕޯސްޓުކުރީ މި ފޮޓޯ---

ސުޝާންތުގެ މަރާއެކު މުޅި ބޮލީވުޑަށް ވެސް ވަނީ ޝޮކެއް ލިބިފަ އެވެ. އެކްޓަރުންނާއި އޭނާގެ ފޭނުން އަންނަނީ އޭނާ މަރުވި ހަބަރަކީ ގަބޫލުކުރަން ދަތި ހަބަރެއް ކަމުގައި ބުނަމުންނެވެ.

"އޭނާ އަހަރެން ދެކެ ވަރަށް ލޯބިވި. އަހަރެން އޭނާ މަތިން ވަރަށް ހަނދާންވާނެ. ސުޝާންތުގެ ހިނިތުންވުން. ވަރުގަދަ އެކްޓަރެއް އެއީ. އޭނާ މަރުވި ޚަބަރަކީ ލިބުނު ވަރަށް ބޮޑު ޝޮކެއް،" ބޮލީވުޑްގެ ރަސްގެފާނު ޝާހްރުކް ޚާން ކުރި ޓްވީޓެއްގައި ބުނެފައިވެ އެވެ.

އޭނާގެ މަރާއެކު ދީޕިކާ ޕަޑުކޯން ވެސް ވަނީ ޑިޕްރެޝަނާ ބެހޭ ގޮތުން އަސަރުގަދަ ވާހަކަތަކެއް ހިިއްސާކޮށްފަ އެވެ.

ކާމިޔާބު އެކްޓަރު ސުޝާންތު---

ކާމިޔާބު އެކްޓަރާ ބެހޭ ގޮތުން އަދި ވާހަކައެއް ބުނެލާނަމެވެ. މިދިޔަ އަހަރު އޭނާ ވަނީ އޭނާގެ 50 ހުވަފެނެއް ސޯޝަލް މީޑިއާގައި ހިއްސާކޮށްލާފަ އެވެ. އޭނާ ވަކިވުމާއެކު އެ ޕޯސްޓް އަނެއްކާވެސް ވަނީ ފެންމަތިވެފަ އެވެ. އޭނާގެ ހާސިލްކުރަން ބޭނުންވާ އެތައް ކަމެއް ހުއްޓެވެ. އޭގެ ތެރޭގައި ޕެލޭނެއް ދުއްވަން ދަސްކޮށް ރޭލުގެ ޒަރިއްޔާއިން ޔޫރޮޕަށް ދަތުރުކުރަން ބޭނުންވާކަމަށް އޭނާ ވަނީ ބުނެފަ އެވެ. އޭގެ އިތުރުން ނާސާގައި ހިންގާ ވޯކް ޝޮޕަކަށް 100 ކުޑަކުދިން ފޮނުވަން ބޭނުންވާ ކަމަށާއި ކުޑަކުދިންނަށް ނަށަން ދަސްކޮށްދީ އަންހެނުންނަށް ސެލްފް ޑިފެންސްކުރާ ގޮތްތައް ދަސްކޮށްދިނުމަކީ ސުޝާންތު ދެކުނު ހުވަފެނެކެވެ.

އޭނާ ވަކިވިއިރު ރިލީޒްނުކުރާ ފިލްމެއް އެބައޮތެވެ. އެއީ ހޮލީވުޑް ފިލްމު "ދަ ފޯލްޓް އިން އަވާ ސްޓާޒް" އެވެ. އެ ފިލްމުވެގެންދާނީ ހުރިހާ ގޮތަކުން ވެސް ވަރަށް ހާއްސަ ފިލްމަކަށެވެ. އޭނާގެ ފަހުގެ ފިލްމަށެވެ. އޭނާ ކުޅޭ ރޯލުވެސް އެތައް ގޮތަކުން ހާއްސަ އެވެ. ފިލްމުގެ ފިރިހެން ކެރެކްޓަރު މަރުވާ މަންޒަރު ސިފަވެގެންދާނީ ހަގީގަތެއް ފަދައިންނެވެ. ފިލްމުގައި އޭނާ މަރުވާ މަންޒަރު ބަލާއިރު އެންމެންގެ ލޮލުންވެސް ކަރުނަ އައުން ގާތެވެ.

ސުޝާންތު އޭނާގެ ބައްޕަ އާއެކު---

ސުޝާންތު ވަކިވީ މާ އަވަހަށެވެ. އެންމެންގެ ހިތުގައި ވެސް ބިންވަޅު ނެގިފައިވާ ސުޝާންތު އަކީ މި ފަހުގެ ކާމިޔާބު އެކްޓަރެކެވެ. ހަމަގައިމުވެސް ސުޝާންތު ނެތުމުން މުޅި ބޮލީވުޑަށްވެސް އޭގެ އަސަރުކުރާނެ އެވެ. އެއީ މުޅި ސިނަމާއަށް ލިބުނު ބޮޑު ގެއްލުމެކެވެ. ސުޝާންތު ވަކިވެދިޔައީ އޭނާގެ އާއިލާ އާއި ރަހުމަތްތެރިން ރޮއްވާލާފަ އެވެ. ފޭނުންގެ ހިތްތައް ކުދިކޮށްލުމަށްފަހު އެވެ. ސުޝާންތުގެ ހިނިތުންވުމެއް ދުވަހަކުވެސް ހިތަކުން ނުފޮހެވޭނެ އެވެ.