ވޮޝިންގޓަން (29 ޑިސެމްބަރ) : ޢަރަބި ގަލްފުގެ ހުރްމުޒް ކަނޑުއޮޅި ހުރަސްކޮށް އެމެރިކާގެ ޢަސްކަރީ ދެ މަނަވަރު ރޭގެ ވަގުތެއްގައި ގޮސްފައިވާ ކަމަށް އެމެރިކާގެ ކަނޑުގެ ސިފައިން ބުނެފިއެވެ.

ގަލްފުގެ ސަރަޙައްދުގައި ޙަރަކާތްތެރިވާ އެމެރިކާގެ ފަސްވަނަ ފްލީޓުގެ ތަރްޖަމާނާ ރުބެކާ ރިބަރިޗް ވިދާޅުވީ މަތިންދާބޯޓު އުފުލާ މަނަވަރެއް ކަމަށްވާ "ޔޫ.އެސް.އެސް ޖޯން ސްޓެނިސް" އާއި ޑިސްޓްރޯޔަރެއް ކަމަށްވާ "ޔޫ.އެސް.އެސް މޮބައިލް ބޭ" ރޭގެ ވަގުތެއްގައި ގަލްފުގެ ހުރްމުޒް ކަނޑުއޮޅި ހުރަސްކޮށްފައިވާ ކަމުގައެެވެ. އެމެރިކާގެ މިދެމަނަވަރު ހުރްމުޒް ކަނޑުއޮޅި ހުރަސްކޮށްފައިމިވަނީ އެކަނޑުއޮޅި ބަންދުކުރުމާބެހޭގޮތުން އެމެރިކާއާއި އީރާނާ ދެމެދު ބަހުގެ ޙަމަލާތަކެއް ބަދަލުކުރަމުން ގެންދާ ދަނޑިވަޅެއްގައެވެ.

ދެޤައުމުގެ ދެމެދުގައި ބަހުގެ ޙަމަލާތައް ބަދަލުކުރެވެންފެށީ އެމެރިކާއިން އީރާނުގެ ތެޔޮބަންދުކޮށްފިނަމަ ހުރްމުޒް ކަނޑުއޮޅި ހުރަސްކޮށް އެންމެ ތެޔޮކަންޏެއްވެސް ބޭރުވިޔަ ނުދޭނެކަމަށް އީރާން ބުނުމުން އެކަންނުކުރުމަށް އެމެރިކާ، އީރާނަށް އިންޒާރު ކުރުމުންނެވެ.

އެމެރިކާގެ އިންޒާރަށް ރައްދުދެމުން އީރާން އެންމެފަހުން ބުނީ އީރާނުގެ ސިފައިން ޢަސްކަރީ އޮޕަރޭޝަންތައް ހިންގާނީ އެމެރިކާގެ ކިބައިން ހުއްދަ ހޯދައިގެން ނޫން ކަމަށާއި އެމެރިކާއަކީ ސިޔާސީ ގޮތުންނާއި ޢަސްކަރީ ގޮތުން މެދުއިރުމަތިން ފަހާލެވި އެކަހެރިވަމުންދާ ޤައުމެއް ކަމުގައެވެ. ކަނޑުގެ ޢަސްކަރީ ބާރުގެ ގޮތުން އެމެރިކާއަކީ އީރާނާ ކިތަންމެ ތަފާތު ބޮޑު ޤައުމެއް ނަމަވެސް އެންމެ 34 ކިލޯމީޓަރުގެ ފުޅާމިން ހުންނަ ހުރްމުޒް ކަނޑުއޮޅި ބަންދުކުރުމަކީ މައިން ހަރުކޮށްގެންނާއި މިސައިލް ޓެކްނޮލޮޖީގެ އެހީގައި އީރާނަށް ކުރެވިދާނެ ކަމެއްކަމަށް ރިޕޯޓްތައް ބުނެއެވެ.

ނަމަވެސް އެކަނޑުއޮޅި ބަންދުކުރުމަކީ ޚުދު އީރާނަށްވެސް ގެއްލުންލިބޭނެ ކަމަކަށްވާތީ އެކަން އީރާނުން ނުކުރާނެކަމަށާއި އީރާނުގެ މަޤްސަދަކީ އެޤައުމުގެ ތެލުގެ އެކްސްޕޯޓްކުރުން މަނާކުރުމަށް އެމެރިކާ ކުރަމުންގެންދާ މަސައްކަތުގެ ނުރައްކާތެރިކަން ދުނިޔެއަށް ހާމަކުރުން ކަމަށް މުޙައްލިލުން ދެކެއެވެ.

ހަމައެފަދައިން އޯޕެކްގައި ދެވަނައަށް އެންމެ ގިނައިން ތެޔޮ އުފައްދާ އީރާނުގެ ތެޔޮ އެކްސްޕޯޓްކުރުން ހުއްޓުވައިފިނަމަ ތެލުގެ އަގު އިންތިހާއަށް މައްޗަށްގޮސް އެމެރިކާގެ އިޤްތިސާދު އިތުރަށް އިނަދަޖެހި އެކަމުގެ ގެއްލުން ޚުދު އެމެރިކާވެސް ތަޙައްމަލްކުރަންޖެހޭނެތީ މިފަދަ ފިޔަވަޅެއް އަޅަން އެމެރިކާއަށްވެސް ނުކެރޭނެ ކަމަށް މިފަރާތްތަކުން ދެކެއެވެ. (ނޫސްއެޖެންސީތައް)