14 Jun 2020, 20:21
ދެ މިނިސްޓްރީއެއް އެއްކޮށްލައި، މިނިސްޓަރު އޮފް ނެޝަނަލް ޕްލޭނިންގް ހައުސިންގް އެންޑް އިންފްރާންސްޓްރަކްޗަގެ ނަމުގައި އުފެއްދި މިނިސްޓްރީއަށް މިނިސްޓަރު މުހައްމަދު އަސްލަމް އައްޔަނުކޮށް ރުހުން ހޯދުމަށް ރައްޔިތުންގެ މަޖިލީހަށް ފޮނުވައިފި އެވެ.
މިނިސްޓަރު އަސްލަމަށް ރުހުން ހޯދުމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުވި މައްސަަލަ ވަނީ މާދަމާގެ މަޖިލީހުގެ ޖަލްސާގައި އެޖެންޑަ ކޮށްފަ އެވެ. ގާނޫނުއަސާސީގެ 129 ވަނަ މާއްދާގެ (ރ) ގައި ވާގޮތުގެ މަތިން މިނިސްޓަރު ކަމަށް އަލަށް އައްޔަނުކުރާ ފަރާތަކަށް މަޖިލީހުގެ ރުހުން ހޯދަން ޖެހެ އެވެ.
އޭގެ އިތުރުން ދެ މިނިސްޓްރީ އެއްކޮށްލައި ރައީސް އުފެއްދެވި މިނިސްޓްރީގެ ދާއިރާތައް ރައްޔިތުންގެ މަޖިލީހުން ފާސް ކުރެއްވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ފޮނުއްވި މައްސަލަވެސް ވަނީ މާދަމާގެ ޖަލްސާއަށް އެޖެންޑާ ކޮށްފަ އެވެ.
މިދިޔަ ހަފްތާގައި އުވާލި މިނިސްޓްރީ އޮފް ހައުސިންގް އެންޑް އާބަން ޑިވެލޮޕްމެންޓްގެ މެންޑޭޓު ޕްލޭނިން މިނިސްޓްރީއާ ހަވާލުކޮށް، އުފެއްދެވި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގް، ހައުސިންގް އެންޑް އިންފްރާސްޓްރަކްޗާގެ ވަޒީރުކަމަށް މުހައްމަދު އަސްލަމް އައްޔަނު ކުރެއްވީ މިއަދު އެވެ.
ޕްލޭނިންގް މިނިސްޓަރުގެ މަގާމުގައި ހުންނެވި އަސްލަމްއަށް މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގް، ހައުސިންގް އެންޑް އިންފްރާސްޓްރަކްޗާގެ މިނިސްޓަރުކަމުގެ ފަތްކޮޅު އެރުއްވީ މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޮތް ރަސްމިއްޔާތެއްގައި، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހެވެ.
ހައުސިންގް އެންޑް އާބަން ޑިވެލޮޕްމެންޓް މިނިސްޓްރީ އުވާލައި، އެތަނުގެ މަސައްކަތްތައް ޕްލޭނިންގް މިނިސްޓްރީއާ ހަވާލުކުރީ ހައުސިންގް މިނިސްޓަރުގެ މަގާމުގައި ހުންނެވި އައިމިނަތު އާތިފާ ޝަކޫރު މިދިޔަ ހަފްތާގައި އިސްތިއުފާ ދެއްވުމުންނެވެ. އާތިފާ އިސްތިއުފާ ދެއވީ ސިއްހީ ސަބަބުތަކަށްޓަކައެވެ.
ރައީސް އޮފީހުން ބުނީ ހައުސިން މިނިސްޓްރީއިން ދެމުން ދިޔަ ހުރިހާ ހިދުމަތެއް ދެމުން ދާނީ ޕްލޭނިން މިނިސްޓްރީއިން ކަމަށެވެ. އަދި ހައުސިން މިނިސްޓްރީގެ ހުރިހާ މުވައްޒަފުން ވެސް ޕްލޭނިން މިނިސްޓްރީއަށް ބަދަލުކުރަން ވެސް ރައީސް ނިންމަވާފައިވާ ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.
ރައީސް ޔާމީނުގެ ސަރުކާރުގައިވެސް ހައުސިން އަދި އިންފްރާސްޓްރަކްޗާގެ ކަންތައް ހިންގާފައިވަނީ އެއް މިނިސްޓްރީއެއްގެ ދަށުންނެވެ. ނަމަވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ވުޒާރާތައް އެކުލަވާލި އިރު ހައުސިންގްއާ ބެހޭ ކަންކަމަށާއި ނޭޝަނަލް ޕްލޭނިންގް އަދި އިންފްރާސްޓްރަކްޗާގެ މަސައްކަތްތައް ދެ ވުޒާރާއެއްގެ ދަށުން ކުރިއަށް ގެންދަވަން ނިންމަވައި، ދެ ވުޒާރާއެއް އުފެއްދެވީއެވެ.
ދެ މިނިސްޓްރީގެ މަސައްކަތުގައި ފުށުއެރުންތަކެއް ހުރިކަމަށްބުނެ މީގެ ކުރިންވެސް ވަނީ ދެ މިނިސްޓްރީ އެއްކޮށްލަން ޖެހޭ ކަމަށް ބުނެ ވާހަހަ ދެކެވިފައެވެ.
މީގެ ކުރިން 2008 ވަނަ އަހަރު އުފެދުނު އެމްޑީޕީގެ ސަރުކާރުގައިވެސް ގެދޮރާ ބެހޭ ވުޒާރާ (މިނިސްޓްރީ އޮފް ހައުސިންގް އެންޑް އެންވާރަމަންޓް)ގެ މިނިސްޓަރުކަމުަގއި ހުންނެވީ އަސްލަމްއެވެ.