14 Jun 2020, 18:58
މިއަދުގެ އަސުރު ނަމާދުގެ ނިޔަލަށް، މާލެ ސަރަހައްދުގެ މިސްކިތްތަކުގެ ނަމާދުކުރުން މަނާކޮށްފައި އޮތް އޮތުމަށް ބަދަލުގެނެސް، މިއަދުގެ މަޣްރިބު ނަމާދުން ފެށިގެން، ރައްކާތެރިކަމުގެ ފިިޔަވަޅުތައް އަޅައި، ޖަމާއަތް ނުހަދާގޮތަށް މިސްކިތް ހުޅުވާލުމުގެ ހުއްދަ އިސްލާމިކް މިނިސްޓްރީން ދީފިއެވެ.
އިސްލާމިކް މިނިސްޓްރީން މިއަދު ނެރުނު އިއުލާނެއްގައި ބުނެފައި ވަނީ މިހާރުގެ ހާލަތަށް ރިއާޔަތްކޮށް، އެކި މަރުހަލާތަކަށް ބަހާލައިިގެން ފުރަބަންދުުގެ ހާލަތަށް ލުއި ދެމުން އަންނާތީ، ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު، ޖަމާއަތް ނުހަދާ ގޮތަށް، މިސްކިތުގައި ނަމާދުކުރަން ބޭނުންވާ ފަރާތްތަކަށް މިސްކިތް ހުޅުވާލުން އެންމެ ރަނގަޅު ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕާއި، ދީނީ އިލްމުވެރިން، އިސްލާމިކް މިނިސްޓްރީއަށް ލަފާދީފައިވާ ކަމަށެވެ.
އެހެންކަމުން މިއަދުގެ މަޣްރިބް ނަމާދުން ފެށިގެން، ގްރޭޓާ މާލެ ސަރަހައްދު (މާލެ، ހުޅުމާލެ، ވިލިމާލެ، ތިލަފުށި، ގުޅިފަޅު)ގެ ހުރިހާ މިސްކިތްތައް ހުޅުވާލުން އެންމެ ރަނގަޅުކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.
އެހެން ނަމަވެސް، މިސްކިތްތައް ހުޅުވާލާއިރު މާލޭ ސިޓީ ކައުންސިލުންނާއި، މިސްކިތަށް ދާ މީހުން ވެސް ގިނަ ކަންތައްތަކަކަށް ސަމާލުކަން ދިނުމަށް އިސްލާމިކް މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފައެވެ.
ސިޓީކައުންސިލުން ސަމާލުކަން ދޭންވީ ކަންކަން:
ނަމާދު ކުރުމަށް ހުޅުވާލާ މިސްކިތުގައި ކާޕެޓު އަޅަފައި ނެތުން
- ކޮންމެ ނަމާދެއް ފެށުމުގެ ކުރިން މިސްކިތުގައި މޮޕުލައި ސާފު ކުރުން
- މިސްކިތުގައި ސައިބޯނި ލައިގެން އަތް ދޮވެވޭނެ އިންތިޒާމު ހަމަޖެއްސުން
- މި ހާލަތުގައި އެއާކޯނު ބޭނުން ނުކުރުން
މިސްކިތަށް ނަމާދަށް ދާ މީހުން ސަމާލުކަން ދޭންވީ ކަންތައްތައް:
ގެއިން ވުޟޫ ކޮށްގެން މިސްކިތަށް ދިއުން
- މުސައްލައެއް ގެންދިއުމާއި މާސްކު އެޅުން
- މިސްކިތައް ވަނުމުގައި އަދި ނުކުތުމުގައި ގައިދުރުކަން ބެހެއްޓުން
- މުސައްލަ އެޅުމުގައި ގައިދުރުކަން ބެއްޓުމާއި، އެމީހެއްގެ މުސައްލަ މަތީގައި މެނުވީ ނަމާދު ނުކުރުން
- ރޯގާ ޖެހި ނުވަތަ ހުން އައިސް ނުވަތަ ކެއްސާނަމަ މިސްކިތަށް ނުދިއުން
- ނަމާދު ނިމުމަށް ފަހު މިސްކިތުގައި މަޑު ނުކުރުން
- ފުއްޕާމޭގެ ބަލި ހުންނަ މީހުންނާއި އުމުރުން ދުވަސް ވެފައިވާ މީހުން މިސްކިތަށް ނުދިއުން
- މިސްކިތުގައި އަދި މިސްކިތުން ބޭރުގައިވެސް އަތާ އަތް ޖޯޑުކޮށް ސަލާމް ކުރުން ފަދަ ކަންކަން ކުރުމުން ދުރުހެލިވުން
- މިސްކިތުގައިވާ ޚަތިމްތައް ބޭނުން ނުކުރުން
"މަތީގައި ބަޔާންކޮށްފައިވާ ކަންތައްތަކަށް ސަމާލުކަން ދިނުމާއެކު ގްރޭޓާ މާލެ ސަރަހައްދުގެ މިސްކިތްތަކުގައި ވަކިވަކިން ނަމާދުކުރުން އެންމެ ރަނގަޅުކަމުގައި ދެންނެވީމެވެ." ބަޔާނުގައިވެއެވެ.
މިސްކިތްތައް ހުޅުވާލި ނަމަވެސް އިމާމާ މިސްކިތުގައި ޖަމާއަތް ހަދައިގެން ނަމާދުކުރާ ގޮތަށް ހަމަޖެހިފައި ނުވާތީ، އިމާމުން ބަންގީގެ ފަހުގައި "ހުރިހާ ބޭފުޅުން ގޭގައި ނަމާދު ކުރައްވާ" މިފަދައިން ދެ ފަހަރު ގޮވުމަށް މިނިސްޓްރީން ވަނީ އަންގައިފައެވެ.
މިނިސްޓްރީން ބުނީ ހާލަތަށް ރިއާޔަތްކޮށް، އެޗްޕީއޭއިން ފުރަބަންދުގެ ހާލަތަށް އިތުރު ލުއިތަކެއް ދޭނަމަ، ޖަމާއަތުގައި ނަމާދުކުރުމުގައި ވެސް އިތުރު ލުއިތައް ދެމުން ގެންދާނެ ކަމަށެވެ.
ޖަމާއަތުގައި ނަމާދު ކުރުން ހުއްޓާލާފައި ވަނީ މިދިޔަ މާޗު މަހުގެ 18 ވަނަ ދުވަހު އެވެ. އޭރު މިސްކިތްތައް ބަންދު ނުކުރި ނަމަވެސް މާލޭގައި ކޮމިއުނިޓީ ސްޕްރެޑެއް ފެށުނު ފަހުން ވަނީ މިސްކިތްތަކުން ފެން ވެސް ކަނޑާލާއި، އާންމުންނަށް މިސްކިތަށް ނުވަދެވޭ ގޮތަށް ޓޭޕް ދަމާ ބަންދުކޮށްފަ އެވެ.