14 Jun 2020, 17:27
ވޮޝިންޓަން (14 ޖޫން 2020): ކޮވިޑް-19 އާ ގުޅިގެން ކުއްލި ގޮތަކަށް ދުނިޔޭގެ ގައުމުތަކަށް ކުރިމަތިވި އާދަޔާ ޚިލާފު ބިރުވެރިކަން މަޑުމަޑުން ފިލަން ފަށާފައިވާކަން ޚިޔާލު ހޯދުމުގެ ސާވޭއަކުން ހާމަވެއްޖެއެވެ.
ސޯޝަލް ރީސާޗް އިންސްޓިޓިއުޓެއް ކަމަށްވާ 'އިޕްސޮސް' އިން ކުރި އާންމު ޚިޔާލު ހޯދުމުގެ ސާވޭއެއް ބުނާގޮތުން ކޮވިޑް-19 އަކީ އަދިވެސް އިންސާނުންގެ ސިއްހަތަށް ކުރިމަތިވެފައިވާ އެންމެބޮޑު ނުރައްކާކަމާއި އެއީ ބިރުވެރި ރޯގާއެއްކަމަށް މިސާވޭގައި ބައިވެރިވި މީހުންގެތެރެއިން 50 އިންސައްތަ މީހުން ދެކެއެވެ.
މިނިސްބަތް މީގެ ދެމަހެއްހާ ދުވަސްކުރިން ވަނީ 63 އިންސައްތައިގައެވެ. އެހެންކަމުން އާންމުންގެ ހިތްތަކުގައި ކޮވިޑް-19 ބިރުވެރިކަން މިވަނީ ކުޑަވާން ފަށާފައެވެ. ނަމަވެސް އެކިގައުމުތަކުގެ ރައްޔިތުންގެ ހިތްތަކުގައި ކޮވިޑް-19 ގެ ބިރުވެރިކަން އޮތްމިންވަރު ތަފާތުކަން 'އިޕްސޮސް' ގެ ސާވޭންވަނީ ހާމަވެފައެވެ.
ދުނިޔޭގެ 27 ގައުމެއްގެ އާންމު ރައްޔިތުން ހިމަނައިގެން އޮންލައިން ކޮށް ކުރި އެސާވޭ ގެ ނަތީޖާ ދައްކާގޮތުން މިހާރަށް ބަލާއިރު ކޮވިޑް-19 ދެކެ އެންމެ ބޮޑަށް ބިރުގަންނަނީ މެލޭޝިއާގެ ރައްޔިތުންނެވެ. ދެން ޖަޕާނާއި އިނގިރޭސިވިލާތުގެ ރައްޔިތުންނެވެ. މެލޭޝިއާގެ ރައްޔިތުންގެ 74 އިންސައްތަ މީހުން ދެކެނީ ކޮވިޑް-19 އަށްވުރެ ބޮޑު ސިއްޙީ ނުރައްކާތެރި ކަމެއް މިވަގުތު ދުނިޔޭގައި ނެތްކަމުގައެވެ. ޖަޕާން ރައްޔިތުންގެ 73 އިންސައްތަ މީހުންވެސް ދެކެނީ އެގޮތަށެވެ. އިނގިރޭސިވިލާތުގެ 71 އިންސައްތަ މީހުންވެސް ދެކެނީ އެގޮތަށެވެ.
ނަމަވެސް އެހެންގިނަ ގައުމުތަކުގެ ރައްޔިތުން ކޮވިޑް-19 ޖެހިދާނެކަމުގެ ބިރު އިހްސާސްކުރާވަރު މިއަށްވުރެ ކުޑައެވެ. ކޮވިޑް-19 ގެ ގެއްލުން އެންމެ ބޮޑަށް ލިބުނު އަދި އެންމެ ގިނަ އަދަދަކަށް އެ ރޯގާގައި މީހުން މަރުވި އެއްގައުމު ކަމަށްވާ ސްޕޭންގެ ރައްޔިތުންގެ ތެރެއިން ކޮވިޑް-19 އަކީ ސިއްހަތަށް ކުރިމަތިވެފައިވާ އެންމެ ބޮޑުނުރައްކާކަމަށް ދެކެނީ 66 އިންސައްތަ މީހުންނެވެ. އިޓަލީގައި މިނިސްބަތް އުޅެނީ 65 އިންސައްތައިގައެވެ. ދެކުނު އެފްރިކާގައި 60 އިންސައްތައިގައެވެ. ތުރުކީގައި 31 އިންސައްތައެވެ.
ސިއްޙީ އެންމެ ބޮޑު ނުރައްކާގެ ގޮތުގައި ކޮވިޑް-19 އާމެދު ދެކޭމީހުންގެ ނިސްބަތް ދަށަށްދިޔަނަމަވެސް އެ ރޯގާ ކޮންޓްރޯލް ކުރުމަށް އަޅާފިޔަވަޅުތަކުގެ ސަބަބުން އިގްތިސާދު ހަލާކުވެ ވަޒީފާ ގެއްލި ފަގީރުކަން އިތުރުވާ މައްސަލާގައި ކަންބޮޑުވާ މީހުން ގެ އަދަދު ދުނިޔޭގެ ހުރިހާ ގައުމެއްގައިވެސްމިހާރު ވަނީ ގިނަވާން ފަށާފައެވެ. މިގޮތުން އާޖެންޓީނާ، ދެކުނު ކޮރެއާ، އަދި ތުރުކީ ގެ ރައްޔިތުންގެ ގިނަ ބަޔަކު ދެކެނީ ސިއްޙީ ނުރައްކަލަކަށްވުރެ ކޮވިޑް-19 ގެ އިގްތިސާދީ ނުރައްކާ ބޮޑުކަމުގައެވެ.
'އިޕްސޮސް' ގެ ސާވޭގައި ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް ދުނިޔޭގެ ގައުމުތަކުން އަޅާ ފިޔަވަޅުތަކާމެދު އެގައުމުތަކުގެ ރައްޔިތުންދެކޭގޮތްވެސް ބަލާފައިވެއެވެ. މިގޮތުން ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކަށް އެންމެ ބޮޑަށް ތާއީދުކޮށްފައިވަނީ ސައޫދީ އަރަބިޔާގެ ރައްޔިތުންނެވެ. ސައޫދީ ސަރުކާރުން ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް އަޅާފައިވާ ފިޔަވަޅުތަކަށް ސައޫދީ ރައްޔިތުންގެ 91 އިންސައްތަ މީހުން ތާއީދުކޮށްފައިވާއިރު އިންޑިއާގައި އަޅާފައިވާ ފިޔަވަޅުތަކަށް އިންޑިއާގެ 74 އިންސައްތަ މީހުން ތާއީދު ކޮށްފައިވެއެވެ.
އެމެރިކާގެ 50 އިންސައްތައަށްވުރެ ގިނަ މީހުން ދެކެނީ ކޮވިޑް-19 އާ ދެކޮޅަށް އެމެރިކާގައި އެކަށީގެންވާ ގޮތެއްގައި ފިޔަވަޅުތަކެއް އަޅާފައިނުވާކަމުގައެވެ. މެކްސިކޯއާއި ކޮލަންބިއާފަދަ ގައުމުތަކުގެ ރައްޔިތުން ކޮވިޑް-19 ގެ ސިއްޙީ ނުރައްކަލާއި އިގްތިސާދީ ނުރައްކަލަށްވުރެ ބޮޑަށް ބިރު ގަންނަނީ އެ ރޯގާއާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތަކާ ގުޅިގެން ޖަރީމާތަކާއި ވައްކަންތައް ގިނަވަމުންދާތީކަން އިޕްސޮސް' ގެ ސާވޭއިންވަނީ ހާމަވެފައެވެ. ކޮވިޑް-19 އާ ގުޅިގެން ދުނިޔެއަށް ކުރިމަތިވި އާދަޔާ ޚިލާފު ބިރުވެރިކަން އާންމުންގެ ހިތްތަކުން ކުޑަވާންފެށި ނަމަވެސް މިއީ ނުރައްކާތެރި ރޯގާއެއްކަމަށް އެފަރާތްތަކުންވެސް ދެކޭކަމަށް ވެއެވެ. (ނޫސްއެޖެންސީތައް)