30 Dec 2011, 13:27
ޕިޔޮންގޔަންގ (ޑިސެމްބަރ 30) : އުތުރުކޮރެޔާގެ ޒަޢީމް ކަމުގެ މަޤާމު، ދާދިފަހުން އަވަހާރަވި އެޤައުމުގެ ކުރީގެ ޒައީމް ކިމް ޖޮންގ އިލްގެ ދަރިކަލުން ކިމް ޖޮންގ އުން އަށް ރަސްމީގޮތުން އަރުވައިިފިއެވެ. އުމުރުން 29 އަހަރުގެ ކިމް ޖޮންގ އުން އަށް ޒަޢީމް ކަމުގެ މަޤާމް އެރުވުމަށްޓަކައި ޕިޔޮންގ ޔަންގ ގައި އިއްޔެ ވަރަށް ބޮޑު ރަސްމިއްޔާތެއް ބޭއްވިއެވެ.
ބައިލައްކައެއްހާ ސިފައިންނާއި ސަރުކާރުގެ މަދަނީ އިސްމަސްއޫލުވެރިންގެ އިތުރުން ޢާންމުންގެ އެތަށް ލައްކަ ބަޔަކު ބައިވެރިވި މިރަސްމިއްޔާތުގައި އުތުރުކޮރެޔާގެ އޮނަނަރީ (ރަމްޒީ) ރައީސް ކިމް ޖޮންގ ނެމް ވަނީ، ޖޮންގ އުން އަށް ޤައުމުގެ ޒަޢީމް ކަމުގެ މަޤާމާއި ވެރިކަންކުރާ ކޮމިއުނިސްޓް ލޭބަރ ޕާޓީގެ ޒަޢީމް ކަމުގެ މަޤާމާއި ސިފައިންގެ އެންމެ މަތީ ވެރިޔާގެ މަޤާމު އެރުވިކަން އިޢްލާން ކުރައްވާފައެވެ.
މިއިޢްލާނާއެކު އުތުރުކޮރެޔާގެ ސިފައިންނާއި މަދަނީ އިސް މަސްއޫލުވެރިން، އައު ޒަޢީމަށް ކިޔަމަންތެރި ވުމާއި އިޚްލާސްތެރިވުމުގެ ރަސްމީ ހުވައި ކުރެއްވިއެވެ. ޤައުމުގެ ޒަޢީމް ކަމުގެ މަޤާމާއި ވެރިކަންކުރާ ކޮމިއުނިސްޓް ލޭބަރ ޕާޓީގެ ޒަޢީމް ކަމުގެ މަޤާމާއި ސިފައިންގެ އެންމެ މަތީ ވެރިޔާގެ މަޤާމަކީ އުތުރުކޮރެޔާގައި އެންމެ ބާރުގަދަ ތިން މަޤާމެވެ. އުތުރުކޮރެޔާގެ ރައީސް ކަމުގެ މަޤާމަކީ އެއްވެސް ބާރެއްނެތް ރަމްޒީ ނުވަތަ ފަޚްރީ މަޤާމެކެވެ.
މީގެ ދެހަފްތާއެއްހާ ދުވަސްކުރިން އަވަހާރަވި އުތުރު ކޮރެޔާގެ ކުރީގެ ޒައީމް ކިމް ޖޮން އިލް ގެ ޖަނާޒާގެ އެންމެ ފަހުގެ މަރްޙަލާވެސް ބާއްވާފައިވަނީ މިރަސްމިއްޔާތުގައެވެ. މިރަސްމިއްޔާތުގައި އުތުރު ކޮރެޔާގެ ރަމްޒީ ރައީސް ކިމް ޖޮންގ ނެމް ވާހަކަ ދެއްކެވީ ޕިޔޮންގޔަންގެ ބޮޑުމައިދާނުގައި މިކަމަށްޓަކައި އެއްވެފައިވާ މީހުންނާ ކުރިމަތިވާގޮތަށް ހުރި ޢިމާރާތެއްގެ ބެލްކަނީގައި ހުންނަވައިގެންނެވެ.
އޭނާ ވިދާޅުވީ އަވަހާރަވި ޒަޢީމް ކިމް ޖޮންގ އިލް ވަކިވެގެން ދިޔުމަކީ ކައިރި މުސްތަޤްބަލެއްގައިވެސް ޤައުމަށް ފޫނުބެއްދޭވަރުގެ ބޮޑު ގެއްލުމެއް ކަމަށާއި ނަމަވެސް ޤައުމާގެން ކުރިޔަށް ދިޔުމުގެ ވިސްނުމާއި ޙިކްމަތާއި ލީޑަރޝިޕާއި ހިއްވަރާއި އަޚްލާޤް ބައްޕާފުޅުގެ ފަރާތުން އައު ޒަޢީމް ކިމް ޖޮންގ އުން އަށް ލިބިވަޑައިގެންފައިވާ ކަމުގައެވެ.
މިރަސްމިއްޔާތުގައި ވިހި ބަޑީގެ ސަލާމެއް އައު ޒަޢީމަަށް އެރުވިއެވެ. އަދި މުޅި އުތުރުކޮރެޔާގައި ފަސް މިނިއްޓުގެ ސުކޫތެއް ގެނެވުނެވެ. ނަމަވެސް އައު ޒަޢީމް ޖޮންގ އުން މިރަސްމިއްޔާތުގައި ވާހަކައެއް ނުދައްކަވައެވެ. އުތުރުކޮރެޔާގެ ކުރީގެ ޒަޢީމް ކިމް ޖޮން އިލް މިމަހުގެ 17 ވަނަ ދުވަހު އަވަހާރަވީ ހިތްޕުޅުގެ އާލާސްކަންފުޅެއްގައެވެ. ކޮމިއުނިސްޓް ވެރިކަމެއްކުރާ އުތުރުކޮޔާއަކީ ދުނިޔެއާ އަމިއްލައަށް އެކަހެރިވެ އަމިއްލަ ނަފްސަށް އިޢްތިމާދުކޮށްގެންއުޅޭ ވެރިކަމުގެ ޢަސްކަރީ އަދި މަދަނީ ވަރަށް ވަރުގަދަ ނިޒާމެއް ގެންގުޅޭ ޤައުމެކެވެ.
ސިއްރުތަކުން ފުރިފައިވާ އުތުރުކޮރެޔާގެ ވެރިކަމުގެ ނިޒާމު ބިނާވެގެންވަނީ ޚުދުމުޚްތާރު ކަމާއި ޢަސްކަރީ ބާރާއި ވިރާޘީ އުސޫލުގެ މައްޗަށެވެ. އުތުރުކޮރެޔާގެ ބާނީ އަދި އައު ޒައީމް ކިމް ޖޮންގ އުންގެ ކާފަ ކިމް އިލްސަންގެ އުފެއްދެވި އުތުރުކޮރެޔާގެ ކޮމިއުނިސްޓް ނިޒާމަށް ބައިޤަރުނުވެފައިވާއިރުވެސް މި އެކަހެރި ޚުދުމުޚްތާރު ނިޒާމް ބަލިކަށިވުމުގެ އެއްވެސް ޢަލާމާތެއް ފެނިފައެއްނުވެއެވެ.
އުތުރުކޮރެއާއަކީ ނިއުކްލިޔަރ ބާރެއްގެ އިތުރުން ދުނިޔޭގައި ހަވަނައަށް އެންމެ ގަދަފަދަ ޢަސްކަރީ ބާރުކަމަށް ސްޓްރެޓީޖިކް ރިޕޯޓްތައް ބުނެއެވެ. އުތުރުކޮރެޔާގެ ކުރީގެ ޒަޢީމްގެ ޖަނާޒާ ގުޅިގެން ނިޔުޔޯކާއި ޖެނީވާގައި ހުންނަ އދ.ގެ ދެމަރުކަޒުގެ ދިދަތައްވެސްވަނީ ބައިދަނޑިއަށް ތިރިކޮށްފައެވެ. (ނޫސްއެޖެންސީތައް)