14 Jun 2020, 14:48
ކުރީގެ ރައީސް މުހައްމަދު ވަހީދު ހަސަން މަނިކުގެ ދެކަނބަލުން ހެނދުނު ކަސްރަތަށް ނިކުމެ ފަތާ ޓްރެކް ސަރަހައްދުގައި އުޅުއްވަނިކޮށް މަގުމަތިން އެމަނިކުފާނާ ދިމާކޮށްލި ހާދިސާއާ ގުޅިގެން "ސަން" އިން ގުޅާލުމާ އެކު އެމަނިކުފާނު ވިދާޅުވި އެވެ؛ "އަޅުގަނޑާއި އަޅުގަނޑުގެ އަންހެނުނާއި ދަރިންނަށް ފުރާސަކުރާތާ އަށް އަހަރު މިވީ،"
ޑރ. ވަހީދު 2012 ވަނަ އަހަރު ރާއްޖޭގެ ވެރިކަމަށް ވަޑައިގެންނެވީ، އޭރުގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި ހިނގާ ދިޔަ ހަމަ ނުޖެހުންތަކަށްފަހު، ރައީސް ނަޝީދު އިސްތިއުފާ ދެއްވުމާ އެކު އެމަނިކުފާނުގެ ނައިބު ރައީސްގެ ހައިސިއްޔަތުންނެވެ.
ވެރިކަން ނައިބު ރައީސް ވަހީދުގެ އަތް މައްޗަށް ފުރޮޅުމާ އެކު، ރައީސް ނަޝީދު ނިސްބަތްވާ އެމްޑީޕީ އިން އޭރުވެސް މިހާރު ގަބޫލު ކުރަނީ ޑރ. ވަހީދު ވެރިކަމަށް ވަޑައިގެންނެވީ "ބަޣާވާތް" ކޮށްގެން ކަމަށެވެ. އަދި އެމަނިކުފާނަށް އެފަހުން ތަފާތު އެކި ހުތުރު ނަންނަމުން ގޮވާ އެތަށް ފުރައްސާރައެއް އެމްޑީޕީގެ ސަޕޯޓަރުން ކުރަމުން ގެންދެ އެވެ. އެ ފުރައްސާރަތަކަށް އަދިވެސް ހުއްޓުމެއް ނާދެ އެވެ.

ރައީސް ނަޝީދުގެ ވެރިކަމުގައި ޑރ. ވަހީދާއި ރައީސް ނަޝީދު: އެ ދެބޭފުޅުންނަކީ މިހާރު ހަތުރުން -- ސަން ފައިލް ފޮޓޯ
"އަޅުގަނޑު ރައީސްކަމަށް އައީ އަމިއްލައަކަށް އައި އައުމެއް ނޫން. އެއީ އޭރު ހާލަތު އެގޮތަށް މަޖުބޫރުވުމުން އަޅުގަނޑު އެކަން ކުރީ. އެކަމުގައި ކުށެށްވާނަމަ، މައްސަލަ ބައްލައިވައި ދައުވާކޮށް، ޝަރީއަތްކޮށް ދޭން ޖެހޭ އަދަބެއް ދެއްވާ. މިގޮތަށް ނަފްސާނީ ގޮތުން ދުނިޔެ އުމުރަށް ފުރައްސާރަކޮށް، ގައުމުގައި ނޫޅެވޭ ހިސާބަށް ކަންތައް ގެންދިޔުމަކީ ކޮށްގެންވާނެ ކަމެއް ނޫން،" ރާއްޖޭގެ ފަސްވަނަ ރައިސުލްޖުމްހޫރިއްޔާކަން ކުރެއްވި ޑރ. ވަހީދު ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ، މިއަދު މަގުމަތިން ދިމާކޮށް، ފުރައްސާރަ ކުރީ ދުވަހަކުވެސް އެމަނިކުފާނު ދަންނަ މީހެއްވެސް ނޫން ކަމަށާއި މިގޮތަށް މީހުން ފުރައްސާރަ ކުރަމުން ގެންދަނީ ބަޔަކު ގަސްތުގައި އެމަނިކުފާނާމެދު ނަފްރަތާއި ރުޅިވެރިކަން އުފައްދާފައިވާތީ ކަމަށެވެ.
މީގެ ކުރިންވެސް އެމަނިކުފާނު އެތައް ފުރައްސާރަތަކެއް ކުރަމުން ދިޔަ ނަމަވެސް އެ ވާހަކަ އާންމު ނުކުރައްވާ ހުންނެވުމަށް ފަހު މިއަދު އެކަން ހާމަ ކުރެއްވީ، އަންހެނުންނާ ވަރަށް ހުތުރުކޮށް ދިމާ ކުރުމުން ކެތް ނުކުރެވިގެން ކަމަށް ރައީސް ވަހީދު ވިދާޅުވި އެވެ.
"އަޅުގަނޑާ ދިމާލަށް މީހުން އެއްޗެހި ކިޔަސް އަޅުގަނޑު އަޅައެއް ނުލަން. އެހެން ނަމަވެސް މިއަދު އަންހެނުންނާ ދިމާކުރީމަ މިކަން ހާމަ ކުރީ. އެނގިވަޑައިގަންނަވާނެ އަޅުގަނޑު އަންހެނުންނަކީ ގައުމަށް އިޖްތިމާއީ މަސައްކަތް ކުރަމުންދާ މީހެއް. މިގޮތަށް މީހުންނާ މަގުމަތިން ދިމާކޮށް ފުރައްސާރަކޮށް، ހިތަށް އެރި އެއްޗެއް ގޮވުމަކީ ކޮށްގެންވާނެ ކަމެއް ނޫން. މިއީ ހުއްޓެން ވާނެ ކަންކަން،" ރައީސް ވަހީދު ވިދާޅުވި އެވެ.
ވަހީދުގެ އަނބިކަނބަލުން އިލްހާމް ހުސައިން އަކީ އޯޓިސްޓިކް ކުދިންނަށް އެހީވާ ޖަމްއިއްޔާ އޯޓިޒަމް އެސޯސިއޭޝަންގެ އެއް ފައުންޑަރެވެ. އަދި އެ ޖަމާއަތް ހިންގުމުގައި ވެސް އިސް ދައުރެއް އެކަމަނާ އަދާކުރައްވަ އެވެ.

ޑރ. ވަހީދު ރާއްޖޭގެ ފަސްވަނަ ރައީސުލްޖުމްހޫރިއްޔާކަމުގެ ހުވާ ކުރައްވަނީ: އެމްޑީޕީ އިން އަދިވެސް ބުނަނީ އެމަނިކުފާނު ވެރިކަމަށް ވަޑައިގެންނެވީ ބަޢާވާތް ކޮށްގެން ކަމަށް -- ފައިލް ފޮޓޯ/ ފޮރިން މިނިސްޓްރީ
ރައީސް ވަހީދު އަނބިކަބަލުން އިލްހާމްއާ އެކު ބޭރު މަގުން ކަސްރަތަށް ހިންގަވާފައި ވަޑައިގަންނަވަނިކޮށް އެބޭފުޅުންނާ ދިމާކޮށް ހުތުރު އެއްޗިހި ކިޔާފައި ވަނީ އެމްޑީޕީ އެކްޓިވިސްޓެއް ކަމަށްވާ "ޖޯރޭ" ކަމަށް ރައީސް ވަހީދު މިއަދު ޓްވީޓްކުރެއްވި އެވެ.
އާންމު އިޖްތިމާއީ މިންގަނޑާ ހިލާފަށް ވަރަށް ހަޑިހުތުރު ބަހުން އެއްޗެހި ގޮވިކަމަށް ރައީސް ވަހީދު ވިދާޅުވި އެވެ.
"ގައިގައި އަތް ނުލި ނަމަވެސް ވަރަށް އިހާނެތި ހަމަލާތަކެއް އައީ. އެވަގުތު އަޅުގަނޑުމެން ކައިރީ ސެކިއުރިޓީ ގާޑުން ވެސް ތިބި. މިއީ ހަމަ އެތައް ދުވަހެއްގެ މަތިން މީހުންގެ ހިތުގައި އުފައްދާފައިވާ ނަފުރަތާ ރުޅިވެރިކަމުގެ ސަބަބުން އައި ހަމަލާއެއް،" ރައީސް ވަހީދު މި ހަމަލާ ސިފަ ކުރެއްވި ގޮތް ކިޔައި ދެއްވި އެވެ.
ރައީސް ވަހީދު އިތުރަށް ވިދާޅުވީ، އެމަނިކުފާނު ސިޔާސީ މަސައްކަތް ހުއްޓާލައިފައިވީ ނަމަވެސް، އަދިވެސް ދެމިހުންނެވީ ގައުމަށް ހިދުމަތް ކުރެއްވުމަށް ތައްޔާރަށް ކަަމަށެވެ.
މި ހަމަލާއާ ގުޅިގެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ރައީސް ޑރ. ވަހީދަށް ގުޅުއްވައި، އެމަނިކުފާނުގެ ހާލު ބައްލަވާފަ އެވެ.
ޑރ. ވަހީދަށް ދިން ހަމަލާ ބައެއް ފަރާތްތަކުން ދަނީ ކުއްވެރިކުރަމުންނެވެ. އަދި މި މައްސަލަ ފުލުހުން ވެސް މިހާރު ދަނީ ތަހުގީގު ކުރަމުންނެވެ.
ރައީސް ނަޝީދުގެ ވެރިކަމުގެ ބާކީ ދެއަހަރު ފުރިހަމަ ކުރެއްވުމަށްފަހު، ޑރ. ވަހީދު 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައިވެސް ވާދަކުރެއްވި އެވެ. ފުރަތަމަ ބުރުގައި ފަސް ޕަސަންޓް އެމަނިކުފާނަށް ލިބިވަޑައިގެންނެވި އެވެ. ނަމަވެސް ސްޕްރީމް ކޯޓުން އެފަހަރު އިންތިހާބު ބާތިލު ކުރި އެވެ. އެފަހުން އެމަނިކުފާނު ސިޔާސީ ހަރަކާތްތަކުގައި ނޫޅުއްވަ އެވެ.