ބިސްތަކުން ވިހޭ ކުދި ވެލާތައް މ. މުލީ ރަށު ތެރެއަށް އެރުމުން ރަށުގެ ބައެއް ރައްޔިތުންނާއި ފުލުހުން ނިކުމެ އެ ކުދި ވެލާތައް އެއްކޮށް މޫދަށް ދޫކޮށްލައިފި އެވެ.

ކުދި ވެލާތައް މުލީ ރަށު ތެރެއަށް އަރައިފައި ވަނީ ރޭ ދަންވަރު 12 ޖަހާލިއިރު އެވެ.

އެ ވެލާތައް އެއްގަމަށް އަރާފައިވަނީ އެ ރަށު ހޮސްޕިޓަލާ ދިމާލުންނެވެ. ހޮސްޕިޓަލްގައި އެވަގުތު ޑިއުޓީގައި ހުރި ރިޝާދު މުހައްމަދު ބުނީ، ރޭ ދަންވަރު 12 ޖަހާލިއިރު ޑޮކްޓަރު އޭނާއަށް ގޮވައި ދޮރު ކައިރީގައި އޮތް ވެލައެއް ދެއްކި ކަމަށެވެ.

"އަޅުގަނޑު ޑިއުޓީގައި އިންދައި ޑޮކްޓްރު ގޮވާފައި ދެއްކީ ދޮރު ކައިރީގައި އޮތް ކުޑަ ވެލައެއް. ދެން ގޮސް ބެލެއިރު މުޅި ގޯތި ތެރޭގައި ވެލާތައް އުޅޭ،" ރިޝާދު ބުންޏެވެ.

މުލީ ހޮސްޕިޓަލު ގޯތިތެރެއަށް ވަތް ވެލޭތައް އެ ހޮސްޕިޓަލްގެ މުވައްޒިފުން އެއްކޮށްފައި ---ގޯތި ތެރެއަށް ދިޔަ އިރު އެމްބިއުލައިންސް ޑްރައިވަރު ވަނީ އެތަނުގެ ތެރޭގައި އުޅުނު ގިނަ އަދަދެއްގެ ވެލާތައް ހޮވައި ފޮށި ގަނޑަށް އަޅާފައި ކަމަށް އޭނާ ބުންޏެވެ. އަދި އެ ވަލާތައް އެ މީހުން ވަނީ ފުލުހުންނާ ހަވާލުކޮށްފަ އެވެ. ރަށު ތެރޭގައި އުޅުނު ގިނަ އަދަދެއްގެ ވެލާތައް ފުލުހުން ވެސް ވަނީ ހޮވާފަ އެވެ.

މުލީ ކައުންސިލްގެ ނައިބް ރައީސް މުހައްމަދު ލަތީފް 'ސަން' އަށް ވިދާޅުވީ، އެ ރަށަކީ އާންމުކޮށް ވެލާ ކަނހަބު ބިސް އެޅުމަށް އަރާ ރަށެއް ކަމަށާއި މީގެ ކުރިން ކުދި ވެލާތައް ވިހައިގެން އެއްގަމަށް އެރިކަމަށް އެނގިފައި ނެތް ކަމަށެވެ.

ވެލާތައް ފެނުނު ރިޝާދު ބުނީ، އެހާ ގިނަ ވެލާ މީގެ ކުރިން ރަށުތެރެއަށް ނޭރި ނަމަވެސް އެއްވެލާ ނުވަތަ ދެ ވެލާ މީގެ ކުރިން ވެސް ރަށު ތެރެއިން ފެނިފައިވާ ކަމަށެވެ. އަދި މިފަހަރު ރަށުތެރެއަށް ވެލާތައް އެރީ ބިސް ވަޅު މާ ބޮޑަށް އެއްގަމުގައި އިނުމުން ކަމަށް ލަފާ ކުރެވޭ ކަމަށެވެ.

"އާންމުކޮށް ރަށަށް ބިސް އަޅަން އަރާނެ ވެލޭ. ދެން ބައެއް ފަރާތްތަކުން ބިސް ނަގާތީ އެ މީހުނަށް ފޮރުވަން ބިސްވަޅު ބަދަލުކޮށް ހަނދާނެ. މި ބިސްވަޅު އިނީ ރަށުގެ އިރުވައި ފަރާތު ވެލިފުންޏެއްގެ ފަހަތުގައި. އެހެންވެ ކުދި ވެލާތައް އެރިއިރު އައްޔެއް ފެންނަން މި އިންނަނީ ރަށު ތެރެއިން. އެހެންވެ އެ އައްޔާއި ދިމާލަށް ކަންނޭންގެ މި އައީ،" ރިޝާދު ކިޔައިދިނެވެ.

ހޮސްޕިޓަލުގެ މުވައްޒަފުންނާއި ފުލުހުން ހޮވި ވެލާތަކުގެ އަދަދު 100 އަށް ވުރެން މައްޗަށް ދާނެ ކަމަށް ބެލެވެ އެވެ. އެ ވެލާތައް މިއަދު ހެނދުނު އެ ރަށު ޕޮލިސް ސްޓޭޝަންގައި މަސައްކަތް ކުރާ ފުލުހުން ވަނީ މޫދަށް ދޫކޮށްލާފަ އެވެ.